ފާސްޓް ފުޑް ކެއުމަކީ ދަރިމައިވުމަށް އޮތް ހުރަހެއް؟

އާދަކޮށް ފާސްޓް ފުޑް ކެއުމަކީ ދަރިމައިވުމަށް އޮތް ހުރަހެއް ކަމަށް ދިރާސާ އެއްގައި ބުނެފި އެވެ.

މި ދިރާސާ ކުރިއަށް ގެންގޮސްފައި ވަނީ ދަރިން ހޯދަން މަސައްކަތް ކުރި 5598 އަންހެނުން ބައިވެރިކޮށްގެންނެވެ. މި މީހުންގެ ތެރެއިން ހަފްތާއަކު ހަރަތު ފަހަރު ނޫނީ އެއަށް ވުރެ ގިނައިން ފާސްޓް ފުޑްގެ ބާވަތްތައް ކޭ މީހުން، އެ ބާވަތްތައް ނުކާ މީހުން ނުވަތަ ފާސްޓްފުޑް މަދުން ބޭނުންކުރި މީހުންނަށް ވުރެ ދަރިމައިވުމަށް ނެގި މުއްދަތު އަށް މަސްދުވަސް ނޫނީ އެއަށް ވުރެ ލަސްވިކަމަށް ދިރާސާ އިން ދެއްކި އެވެ.

މި ދިރާސާގައި އިތުރަށް ބުނެފައި ވަނީ އާދަކޮށް، ގިނައިން ފާސްޓްފުޑް ކާ އަންހެނުން މާބަނޑުވުމަށް އަހަރަކަށް ވުރެ ގިނަ ދުވަސް ނަގާ ކަމަށެވެ.

އޮސްޓްރޭލިއާ، އިނގިރޭސިވިލާތް އަދި ނިއުޒިލޭންޑުގައި ކުރިއަށް ގެންދިޔަ ދިރާސާއެއްގައި، ފުރަތަމަ ދަރިފުޅަށް ބަލިވެ އިން އިރު ކެއުން ހުރިނެތް ގޮތާ މެދުު ސުވާލު ކުރި އެވެ. އެމީހުންގެ ފުރަތަމަ ދަރިންނަށް ބަނޑުބޮޑު އިރު ކުރި މިދިރާސާގެ ތެރެއިން ފޫޅުމައިންނާއި ސިއްހީ އެހީތެރިން އެ މީހުންގެ ގޭގެއަށް ގޮސް ކެއުން ހުރިނެތްގޮތް ބަަލަ އެވެ. އެގޮތުން މޭވާ އާއި ތަރުކާރީ، ފެހިކަން ގަދަ ފަތް، މަހުގެެ ބާވަތްތައް އަދި ޕިއްޒާ، ބާގާ ފަދަ ކެއުންތައް ހިމަނާމިންވަރު ބަލާފައިވެ އެވެ.

މި ދިރާސާ އިން އެނގުނީ މޭވާ ފަދަ ހަށިގަނޑަށް ފައިދާ ހުރި ކާނާ މަދުން ކާމީހުން، އެފަދަ ތަކެތި އާންމުކޮށް ކާމީހުންނަށް ވުރެ އެއްމަސް ނޫނީ އެއަށްވުރެ ލަހުން ދަރިމައިވި ކަމެވެ.

މި ދިރާސާގައި ބަލާފައި ވަނީ ވަކި ބާވަތްތަކެއްގެ ކާތަކެތި ކާމިންވަރު ކަމުން މިއީ އެންމެ ފުރިހަމަ ދިރާސާއަކަށް ނުވާނެ ކަން ވަނީ ފާހަގަކޮށްފަ އެވެ. އަދި ފިރިހެން މީހާގެ ކެއުމާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ވެސް ބަލާފައި ނުވާކަން ފާހަގަ ކޮށްފައިވެ އެވެ.

ނަމަވެސް އަންހެނުންގެ ކެއުމާއި ދިރިއުޅުމުގެ ވައްޓަފާޅިއަކީ ދަރިން ހޯދަން މަސައްކަތް ކުރާއިރު މުހިއްމު އެއްޗެއްކަން ވަނީ ފާހަގަ ކޮށްފަ އެވެ.

ބީބީސީ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު