ކުޑަކުދީންނަށް ޖިންސީ އަނިޔާ ލިބެމުން ދާއިރު، ވަރިހަމަވެގެން ތިބެވޭކަށް ނެތް!

"ފުރާވަރުގެ ކުއްޖަކު އަހަރެންނަށް ޖިންސީގޯނާކުރަން އުޅުނުއިރު އަހަންނަށްވީ އެންމެ ހަތަރު އަހަރެވެ. އޭނާގެ އަތް ދަށުން އަހަރެން ސަލާމަތްވީކަމީ ހުދު އަހަރެންގެ ނަސީބެވެ. އަހަރެން އެ ވާހަކަ ބައްޕަ ކައިރީގައި ބުނީމެވެ. ބައްޕަ އަހަރެންގެ ވާހަކަ އަޑުއެހިއެވެ. އެ ވާހަކަ ގަބޫލުކޮށް ފިޔަވަޅުވެސް އެޅިއެވެ. ޅަފަތުގެ އުފާވެރި ދުވަސްތަކެއް ހޭދަކުރުމުގެ އުފާ ލިބިގަތް ކުޑަކުދިންގެ ތެރޭގައި އަހަރެން ހިމެނުނެވެ." ކުޑަކުދިންގެ ހައްގުގައި ވަަކާލާތު ކުރާ ކެރޮލީން ބަޔާސް ރަޝް ވިދާޅުވެފައިވެއެވެ.

ކެރޮލިންގެ ހަޔާތް އެ ބަދުނަސީބުން މިންޖުވިއެވެ. އެކަމާ އޭނާ މިއަދު އުފާކުރެއެވެ. އޭނާގެ ނަސީބު ކިތަންމެ ރަނގަޅުނަމަވެސް، މި ދުނިޔޭގައި ބަދުނަސީބު ކިތަންމެ ކުއްޖެއް އުޅޭކަން އޭނާއަށް ވެސް އެނގެއެވެ. ހުދު މިކުޑަ ކުޑަ ރާއްޖޭގައިވެސް އެކަން ދަނީ ފެންނަމުންދެއެވެ.

އާކުގެ މެނޭޖިން ޑިރެކްޓަރު މުރުތަލާ މޫސާ "ސަން" އަށް އިންޓަވިއު ދެއްވަނީ--

މިއަދު ރާއްޖޭގައި ފާހަގަކުރާ ކުޑަކުދިންގެ ދުވަހުވެސް، ހިތް ފަޅައިގެން ދާ ވަރުވެއެވެ! ޖެންޑާ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ހާމަވިގޮތުގައި ފާއިތުވެދިޔަ އަހަރުގެ ތެރޭގައި ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ އަނިޔާ ކޮށްގެން 418 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައިވެއެވެ. މިއީ ރާއްޖޭގެ އާބާދީއާ ބަލާއިރު ވަރަށް ބޮޑު އަދަދެކެވެ.

ކޮންމެ މަހެއްގައި ވެސް އެވްރެޖްކޮށް 30 އާއި 50އާ ދެމެދުގެ އަދަދަކަށް ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރުމުގެ މައްސަލަތައް ޖެންޑާ މިނިސްޓްރީއަށް ހުށަހެޅެއެވެ. ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތަކުގެ ތެރެއިން ވެސް އެންމެ ގިނައިން ހުށަހަޅާފައިވަނީ ޖިންސީ އަނިޔާގެ މައްސަލަކަން ވަނީ ހާމަވެފައެވެ.

މިއީ އަދި ފަރުދާގެ އެއް ފަރާތެވެ. ފަރުދާގެ އަނެއް ފަރާތް ކަހާލުމުން ދެން ފެންނަން އޮތް " ބޮޑު މަންޒަރުގެ ވާހަކަ" އަދި އޮތީއެވެ.

ޖިންސީ ގޯނާ ގިނަ ފަހަރު ރިޕޯޓް ނުކުރޭ، މިއީ ގޯހެއް!

ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ އެޑްވޮކޭޓިން ރައިޓްސް އޮފް ޗިލްރަން (އާކު)ގެ މެނޭޖިން ޑިރެކްޓަރު މުރުތަޟާ މޫސާ "ސަން"އަށް ވިދާޅުވީ، ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ރިޕޯޓު ކުރާވަރު ކަންބޮޑުވާ ވަރަށް މަދު ކަމަށެވެ.

"އެއް ކޭސް ރިޕޯޓް ކޮށްފިއްޔާ އަނެއް 10 ދިހަ ކޭސް އެބަދޭ ރިޕޯޓް ނުކޮށް. މިއީ މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ. ތަފާތު ސަބަބުތަކާ ހުރެ ރާއްޖޭގައި އެފަދަ މައްސަލަތައް ރިޕޯޓުކުރާ ވަރު ވަރަށް މަދު. އަނެއްކޮޅުން ބަލާއިރު ރާއްޖެއަކީ ކުޑަކުޑަ ގައުމަކަށް ވީމަ، ރިޕޯޓްކޮށްފިއްޔާ އެންމެންނަށް އެނގެނޭ ދެން އެއީ ކާކުކަން. އޭގެ ސަބަބުން ކުއްޖާއަށް ވަރަށް ނުރަނގަޅު ނޭދެވޭ އަސަރުކުރޭ." މުރުތަޟާ ކިޔައިދެއްވިއެވެ.

މުރުތަޟާ ވިދާޅުވީ ގިނަ ފަހަރު ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރަނީ އެ ކުއްޖާ ދަންނަ، ގުޅުން އޮންނަ ފަރާތްތަކުން ކަމަށެވެ. އަދި ޖިންސީ ގޯނާކުރާ މީހާއަކީ ކުއްޖާގެ އާއިލާއިން މާލީގޮތުން ބަރޯސާވާ މީހާ ނަމަ އެފަދަ ހާލަތްތަކުގައި އެކަން ރިޕޯޓްކުރަން އާއިލާއިން ފަސްޖެހޭކަން މުރުތަޟާ ފާހަގަކުރެއްވިއެވެ.

ރިޕޯޓު ނުކުރުމަކީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. ރިޕޯޓުނުކޮށް ދޫކޮށްލާ ކޮންމެ ކޭހަކީ ޖިންސީ ގޯނާ ކުރާ މީހާއަށް "ހާސް ދުވަހެވެ." އެފަދަ އަނިޔާވެރިއަކު ގާނޫނުގެ ކުރިމައްޗަށް "އެންމެ ދުވަހަކު"ވެސް ނުގެނެސް ހުރުމަކީ ކުށްވެރިޔާއަށް އެ ކުށްކުރަން ލިބޭ ރަނުގެ ފުރުސަތުތަކެވެެ. އޭގެން ބީވެގެން ދަނީ އެތަކެއް ތުއްތު ކުދިންގެ ޅަފުރައިގެ އެންމެ އުފާވެރި ދުވަސްތަކެވެ.

އާކުގެ އިތުުރުން ޖެންޑާ މިނިސްޓްރީންވެސް ދަނީ ގޯނާ ރިޕޯޓުކުރުމަށް ހިތްވަރުދިނުމަށް ހަރުދަނާ ފިޔަވަޅު އަޅަމުންނެވެ. އެގޮތުން އެފަދަ މައްސަލަތައް ރިޕޯޓްކުރުމަށް 24 ގަޑިއިރު ގުޅޭގޮތަށް 1412ގެ ހޮޓްލައިނެއް ގާއިމުކުރުމުގެ އިތުރުން، ކާކުކަން ނޭނގޭ ގޮތަށް ރިޕޯޓްކުރުމަށް މޮބައިލް އެޕެއްވެސް ސަރުކާރުން ވަނީ ތައާރަފްކޮށްފައެވެ.

ޖިންސީ ގޯނާތަކާ ބެހޭ މާބޮޑު ދިރާސާއެއް ރާއްޖޭގައި ކުރެވިފައެއް ނެތް!

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް އިންތިހާއަށް އިތުރުވެފައިވާއިރު، އެފަދަ މައްސަލަތަކާ މެދު ހަރުދަނާ ދިރާސާތަކެއް ކުރެވިފައި ނެތް ކަމީވެސް ވަރަށް ބޮޑު މައްސަލައެކެެވެ. މުރުތަޟާ ވިދާޅުވީ ރާއްޖޭގައި މިހާތަަނަށްވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ބެހޭ ދިރާސާއެއް ކޮށްފައިވަނީ ޔުނިސެފުން އެކަނި ކަމަށެވެ.

"ރާއްޖެ އުފެދިފައިވާ ގަޮތުން ދިރާސާތައް ކުރުމަކީ ވަރަށް ހަރަދު ބޮޑު ކަމެއް. މީހުން ގަބޫލުކުރާނީ ވެސް އެންޖީއޯތަކުން އެފަދަ ދިރާސާތައް ކުރުމުގެ ބަދަލުގައި ސަރުކާރުން ކުރިއްޔާ ކަންނޭނގެ،" މުރުތަޟާ ވިދާޅުވިއެވެ.

ޖިންސީ ގޯނާގެ މައްސަލައަކީ ވަރަށް "ނާޒުކު" މައްސަލައަކަށް ވާއިރު، އެފަދަ ދިރާސާތަކަށް ޑޭޓާ ކަލެކްޓް ކުރުމަކީވެސް އެހާ ފަސޭހަކަމެއް ނޫނެވެ. އަދި ހާއްސަކޮށް އެފަދަ މައުލޫމާތަކީ ވަރަށް "ކޮންފިޑެންޝަލް" މައުލޫމާތުތަކަަކަށް ވާއިރު މައުލޫމާތު ދިން ފަރާތްތަކުގެ ސިއްރުވެސް ވަރަށް ބޮޑަށް ހިފަހައްޓަން މަސައްކަތްކުރަން ޖެހޭނެއެވެ.

" ރާއްޖޭގައި ހިއެއް ނުވޭ އެހާ އިންޑިވިޖިއަލް ޑޭޓާ ހުންނާހެނެއް،" މުރުތަޟާ ވިދާޅުވއިެވެ.

ޖިންސީ ގޯނާގެ މައްސަލަތައް ހައްލުކުރުމަށް ވަރަށް ބޮޑެތި މަސައްކަތްކުރަން ޖެހިފައި!

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ހައްލުކުރުމަށް ވަރަށް ބޮޑެތި މަސައްކަތްކުރަން ޖެހެއެވެ. ނަމަވެސް އެ މަސައްކަތުގަައި މުޖުތަމައުގެ ބޮޑުބައެއް ޝާމިލުވާން ޖެހޭނެކަން މުރުތަޟާ ފާހަގަކުރެއްވިއެވެ.

ކުޑަކުދިންނަށް އެންމެ މުހިންމު ފަރާތަކީ އެކުދިންގެ ބަލަދު އަރާ ފަރާތެެވެ. އެހެންކަމުން "ޕިރަމިޑް" ފަށަށް ޖެހެނީ އެ ހިސާބުންނެވެ. އެއަށްފަހު ކުދިންނާއެކު އެންމެ ގިނައިން ހޭދަކުރާނީ ޓީޗަރުންނެވެ. އަދި ހެލްތު ސެންޓަރުތަކުގައި ތިއްބަވާ ބޭފުޅުންނެވެ.

ކުޑަކުދިންނށް ކުރާ ޖިންސީ ގޯނާއާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް އާކްއިން ބޭއްވި ޕްރޮގްރާމެއްގެ ތެރެއިން---

އެކި ގޮތްގޮތުން މުޖުތަމައުގައި ބާކީވެފައިތިބޭ ކުދިން ޖިންސީ ގޯނާގެ ޝިކާރައަކަށްވާތަން އިތުރުކަން ފާހަގަކުރައްވައި އެފަދަ ކުދިންގެ ސަލާމަތަށް އިތުރު ހަރަކާތްތައް ކުރިއަށް ގެންދަން ޖެހިފައިވާ ކަމަށް އާކްގެ މެނޭޖިންގް ޑިރެކްޓަރު ވިދާޅުވިއެވެ.

"ނުފެންނަ ކުދިންނަކަށް ނޭނގޭނެ ދެއްތޯ އެކަން ކުރީ ކާކުކަން ބުނާކަށް. އެފަދަ ވަރަށް ގިނަ މައްސަލަތައް މިހާރު ފެނޭ،" މުރުތަޟާ ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ އިތުރުން އާއިލާ ރޫޅި، އަޅާލާނެ ރަނގަޅު މައިންބަފައިން ނެތި ބޮޑުވާ ކުދިންނަށް އެފަދަ މައްސަލަތައް ދިމާވާކަންވެސް މުރުތަޟާ ފާހަގަކުރެއްވިއެވެ.

"ކުޑަކުދިންގެ ހިޔާގައިވެސް މިހާރު އެބަ ތިބި 130 ކުދިން. މިއީ ނިސްބަތުން ވަރަށް ބޮޑު އަދަދެއް،" އޭނާ ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން މުރުތަޟާ ވިދާޅުވީ ގާނޫނަށްވެސް މިހާރު ކޮންމެހެން ބަދަލުގެންނަން ޖެހިފައިވާ ކަމަށެވެ. އެގޮތުން މިހާރު އަމަލުކުރާ ޗައިލްޑް ޕްރޮޓެކްޝަން ގާނޫނު ފާސްކުރީ 1991 ގައި ކަމަށާއި ޒަމާނާ އެކަށޭނަ ގާނޫނެއް ބޭނުންވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"މިހާރުވެސް އެބައޮތް ޑްރާފްޓްކޮށްފައި. ވީހާވެސް އަވަހަކަށް އެބަޖެހޭ އެ ފާސްކޮށްދެއްވަން. އަދި ޖުވެނައިލް ޖަސްޓިސް ބިލްވެސް އެބަޖެހޭ ވަރަށް އަަވަހަށް ފާސްކޮށްދެއްވަން. އާއިލާއާ ބެހޭ ގާނޫނަށްވެސް ވަރަށް އަވަހަށް އެބަޖެހޭ ބަދަލުތަކެއް ގެންނަަން،" މުރުތަޟާ ވިދާޅުވިއެވެ.

ކުޑަކުދިންނަކީ ހަމައެކަނީ އަޅުގަނޑުމެންގެ ދަރިން އެކަންޏެއް ނޫނެވެ. އެ ކުދިންނަކީ މާދަމާގެ މުސްތަގުބަލެވެ. ޅަފަތުގެ ދުވަސްވަރަކީ ކުޑަކުދިންގެ ހަޔާތުގެ އެންމެ މުހިންމު އެއް ދުވަސްވަރެވެ. މާދަމާގެ ޖީލުު ހިމާޔަތްކުރަން އަޅުގަނޑުމެން ފަށަން ޖެހޭނީ ޅަފަތުގެ ޖީލުންނެވެ. އެކުދިންނަށް އުވާފެރި ޅަފަތުގެ ދުވަސްތަކެއް ކަށަވަރުކޮށްދޭން ޖެހެއެވެ.

ކުޑަކުދީންނަށް ޚާއްސަކޮށްގެން، ކޮންމެ އަހަރަކު ވަކިދުވަހެއް ފާހަގަކުރުމަކުން އަދި އެކުދީންނަށް ހައްގުތައް ހޯދައި ދެވުނީކީ ނޫނެވެ. ކޮންމެ ދުވަހަކީވެސް އެކުދީންގެ ހިމާޔަތުގައި މަސައްކަތް ކުރާ ދުވަހަކަށް ހަދަން ޖެހެއެވެ. ކޮންމެ ދުވަހަކީ ވެސް އެކުދީންނަށް ރައްކާތެރި، އުފާވެރި ދުވަހަކަށް ހަދައިދޭން ޖެހެއެވެ. މިކަމުގައި ބެލެނިވެރީންގެ އިތުރުން ސަރުކާރާއި، ޖަމާއަތްތަކާއި އާންމު ކޮންމެ ފަރުދަކުވެސް ޒިންމާދާރުކަމާއެކު ބައިވެރިވާން ޖެހެއެވެ.

comment ކޮމެންޓް