މިހާރު ދުނިޔޭގެ އެންމެ މުއްސަނދި މީހާއަކީ ބިލްގޭޓްސްއެއް ނޫން

ފޯބްސް އިން އެކުލަވާލާ ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުގެ އެއްވަނައިގައި ފާއިތުވި ފަސް އަހަރު ހިމެނުނު ބިލްގޭޓްސް މި ލިސްޓުގެ ދެ ވަނައަށް ވެއްޓިއްޖެއެވެ.

ފޯބްސް އިން އެކުލަވާލި 2018 ވަނަ އަހަރުގެ ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުގެ އެއްވަނަ ލިބެނީ އެމެޒޯންގެ ސީއީއޯ އަދި ފައުންޑަރު ޖެފް ބެޒޯސް އަށެވެ. އޭނާ ވަނީ މަޝްހޫރު ނޫސް ވޮޝިންޓަން ޕޯސްޓް، 250 މިލިއަން ޑޮލަރުގެ އަދަދަކަށް 2013 ވަނަ އަހަރު ގަނެފައެވެ. އޭނާގެ މިލްކިއްޔާތުގައި 112 ބިލިއަން ޑޮލަރު އެބަހުއްޓެވެ.

ލިސްޓުގެ ދެވަނަ ލިބެނީ ބިލްގޭޓްސް އަށެވެ. ބިލްގޭޓްސް އަކީ ދުނިޔޭގެ އެންމެ ފުރަތަމަ ޓްރިލިއަނަރަށް ވާނޭ މީހާކަމަށް މީގެ ކުރިން ވަނީ ލަފާކޮށްފައެވެ. ބިލްގޭޓްސްގެ މިލްކިއްޔާތުގައި މިހާރު ހުރީ 90 ބިލިއަން ޑޮލަރެވެ.

ދުނިޔޭގެ ތިންވަނައަށް އެންމެ މުއްސަނދި މީހާ އަކީ ވޮރެން ބުފޭ ކަމަށް ފޯބްސް އިން ބުނެއެވެ. އޭނާ އަކީ ބާކްޝޭ ހޭތަވޭގެ ސީއީއޯ އެވެ. އަދި ދުނިޔޭގެ އެންމެ ކާމިޔާބު އެއް އިންވެސްޓަރު ކަމަށް ފޯބްސް އިން ބުނެއެވެ. ވޮރެންގެ މިލްކިއްޔާތުގައި 84 ބިލިއަން ޑޮލަރު އެބަހުއްޓެވެ.

މި ލިސްޓުގެ ހަތަރުވަނަ ލިބެނީ ލުއިސް ވިލްޓަންގެ ޗެއާމަން ބާނާޑް އަށެވެ. އޭނާގެ މިލްކިއްޔާތުގައި 72 ބިލިއަނ ޑޮލަރު އެބަހުއްޓެވެ. ފަސްވަނަ އަށް އެންމު މުއްސަނދި މީހާ އަކީ ފޭސްބުްގެ ކޯ ފައުންޑަރު އަދި ސީއީއޯ މާކް ޒަކަބާގެވެ. ޒަކަބާގްގެ މިލްކިއްޔާތުގައި 71 ބިލިއަން ޑޮލަރު އެބަހުއްޓެވެ.

ފޯބްސް އިން ބުނީ ދުނިޔޭގައި 2208 ބިލިއަނަރުން އެބަތިބި ކަމަށެވެ. އެ ހުރިހާ އެންމެންގެ މާލިއްޔަތު ޖުމްލަ 9.1 ޓްރިލިއަން ޑޮލަރަށް އަރާނެ ކަމަށާއި އޭގެތެރެއިން 259 މީހުންނަކީ އަލަށް ބިލިއަނަރުންނަށް ވީ މީހުން ކަމަށްވެސް އެ މަޖައްލާ އިން ބުނެއެވެ.

comment ކޮމެންޓް