ފޯބްސްގެ އެންމެ ނުފޫޒުގަދަ މީހުންގެ ލިސްޓުގެ އެއްވަނައަށް ޗައިނާގެ ރައީސް

ޗައިނާގެ ރައީސް ޝީ ޕިން އަކީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ ފަރާތް -- ފޮޓޯ: އޭއެފްޕީ

ފޯބްސް މަޖައްލާއިން އެކުލަވާލި ދުނިޔޭގެ އެންމެ ނުފޫޒުގަދަ މީހުންގެ ލިސްޓުގެ އެއްވަނައިގައި ޗައިނާގެ ރައީސް ޝީ ޖިން ޕިންގް ހިމެނިއްޖެއެވެ.

ފޯބްސްއިން ބުނީ ޝީއަކީ ދުނިޔޭގެ އެންމެ މީހުން ގިނަ، އަދި ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދު އޮންނަ ގައުމުގެ ރައީސް ކަމަށާއި 2012 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންފަހުން ޝީ ގެންދަވަނީ އެގައުމުގެ އިގްތިސާދަށް ބޮޑެތި ބަދަލުތައް ގެންނަވަމުން ކަމަށެވެ. މީގެ އިތުރުން ފޯބްސްއިން ބުނީ ޝީގެ މަގުބޫލުކަން ޗައިނާގައި އިތުރުވެފައިވާ ކަމަށާއި ވެރިކަމުގައި ހުންނަވާ ދައުރުގެ މުއްދަތެއް ނޯންނަގޮތަށް ކަނޑައަޅާފައިވާ ކަމަށެވެ.

މި ލިސްޓުގެ ދެވަނައަށް ހޮވާފައިވަނީ ރަޝިއާގެ ރައީސް ވްލެޑްމިއާ ޕޫޓިންއެވެ. ޕޫޓިންއަކީ 2013 އިން 2016 އަށް ދުނިޔޭގެ އެންމެ ނުފޫޒުގަދަ ޝަހްސިއްޔަތު ކަމަށް ވަނީ ފާހަގަ ކޮށްފައެވެ. ރަޝިއާގައި އެންމެ ފަހުން ބޭއްވި އިންތިހާބު ޕޫޓިން ކާމިޔާބު ކުރައްވާފައި ވާއިރު މި އިންތިހާބު ކާމިޔާބުކުރެއްވީ ނުފޫޒުގެ ބޭނުންކޮށްގެން ކަމަށް ބުނާ މައްސަލައެއް ތަހުގީގު ކުރަމުންދާކަން ވަނީ ފާހަގަ ކޮށްފައެވެ.

ލިސްޓުގެ ތިންވަނައިގައި ހިމަނާފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއެވެ. ޓްރަމްޕްގެ މިލްކިއްޔާތުގައި 3.1 ބިލިއަން ޑޮލަރު އެބަހުރި ކަމަށާއި އެއީ އެމެރިކާގެ އެންމެ ފުރަތަމަ ބިލިއަނަރު ރައީސްކަން ފޯބްސްއިން ފާހަގަކުރެއެވެ.

މި ލިސްޓުގައި ހިމެނިފައިވާ އިތުރު ބޭފުޅުންނަށް ބަލާއިރު ހަތަރުވަނައަށް އެންމެ ނުފޫޒުގަދަ ކަމަށް ހިމަނާފައިވަނީ ޖަރުމަނުވިލާތުގެ ޗާންސެލާ އެންގެލާ މާކަލްއެވެ.

މި ލިސްޓުގެ ފަސްވަނައަށް ހިމެނިފައިވަނީ އެމެޒޯންގެ ސީއީއޯ އަދި ފައުންޑަރު ޖެފް ބެޒޯސްއެވެ. ހަވަނައަށް ޕޯޕް ފްރޭންސިސް އަދި ހަތްވަނައަށް ބިލިއަނަރު ބިލް ގޭޓްސް ވަނީ ހިމެނިފައެވެ. ލިސްޓުގެ އަށްވަނަ ލިބެނީ ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އަށެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ހިމަނާފައިވަނީ ދުނިޔޭގެ ނުވަވަނަ އަށް އެންމެ ނުފޫޒުގަދަ މީހާގެ ގޮތުގައެވެ. ލިސްޓުގެ 10 ވަނަ ލިބެނީ ގޫގުލްގެ ސީއީއޯ ކޭރީ ޕޭޖްއަށެވެ.

comment ކޮމެންޓް