ހިތްވަރުގަދަ މަންމައެއް، ދެ ކިޑްނީ ފެއިލްވެ، އެހީއެއްގެ އިންތިޒާރުގައި

ލ. ގަމު، އުމުރުން 62 އަހަރުގެ ސައުދިއްޔާ މުހައްމަދު --

ލ. ގަމު އުމުރުން 62 އަހަރުގެ ސައުދިއްޔާ މުހައްމަދަކީ ހަތަރު ކުދިންގެ މަންމައެކެވެ. ހިވާގީ، ކަންކަމާ ކެރިގެން ކުރިމަތިލަމުން އައި ހިތްވަރުގަދަ މައެކެވެ. ދަރިންގެ ކަންތައްތައް އެންމެ ފުރިހަމައަށް ބަލަމުން އައި ސައުދިއްޔާގެ ދިރިއުޅުން އެފުށް މިފުށަށް ޖެހީ މީގެ ފަސް ވަރަކަށް އަހަރުގެ ކުރިންނެވެ.

ދެ ކިޑްނީ ވެސް ފެއިލްވެފައިވާ ސައުދިއްޔާގެ ބަލި ހާލަތާ ގުޅޭ ގޮތުން އޭނާގެ ދަރިފުޅު އަބްދުލް ހަމީދު އަބްދުﷲ، ސަން ކުލުނު އަށް ބުނީ 2013 ވަނަ އަހަރު ޑަކްޓަރަށް ދެއްކުމުން މަންމަގެ ކިޑްނީ ފެއިލްވެފައިވާކަން އެނގުނު ކަމަށެވެ.

ހަމީދު ބުނީ މަންމަ އަކީ ވަރަށް ކުރީއްސުރެވެސް ފަޔަށް ބޭސް ކުރަމުން އަންނަ މީހެއްކަމަށެވެ. އަދި އެކަމަށް ބޭސް ކަމުން އަންނަ ކަމަށެވެ.

"މަންމަގެ ފައިގައި އިންނާނެ ވަރަށް ޒަމާންވީ ފާރުގަނޑެއް. އެއަށް ބޭސްކުރާނެ. ބޭސް ވެސް ކާނެ. އެހެން އުޅެނިކޮށް އެއް ދުވަހު ހެނދުނު މަންމަ ހޭލިއިރު މޫނު ހުރީ ދުޅަވެފައި. ބަނޑު ވެސް ފުއްޕާފައި،" އޭނާ ބުންޏެވެ.

އެކަމުގެ ސަބަބުން ލަސްނުކޮށް މަންމަ ޑަކްޓަރަށް ދެއްކި ނަމަވެސް އެވަގުތު ޑަކްޓަރުން ދިން ޖަވާބަކީ މަންމަ ހުރީ "ގޭސް"ވެފައި ކަމަށެވެ.

"އޭރަކު ނޭނގެ އެހާ ސީރިއަސް ކަމެއް. ރަނގަޅު ނުވެގެން އަނެއްކާ ދައްކައިގެން ބައިވަރު ޓެސްޓްތަކެއް ހެދިން. ހޭދީމަ އެނގުނީ ކިޑްނީ ފެއިލްވެފައި ހުރި ކަމަށް،" ހަމީދު އަސަރާ އެކީ ބުންޏެވެ.

މިހާރު މަންމަގެ ދެ ކިޑްނީގެ ވެސް މަސައްކަތް ކުރަނީ އެންމެ އަށް ޕަސެންޓްކަމަށާއި މަންމަ ދުވަހުން ދުވަހަށް ވަރުދެރަވަމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.

ހަމީދު ބުނީ މަންމައަށް ރަނގަޅަށް ނުވެސްކެވޭ ކަމަށެވެ. މަންމައަށް ތެޔޮ އަދި ލޮނު އެކުލެވޭ ކާނާގެ ބާވަތްތައް ކެއުމުގައި ދިނުން މަދުކުރުމަށް ޑަކްޓަރުން އަންގާފައިވާކަމަށެވެ.

ޑަކްޓަރުން ލަފާދެނީ ނުކެވޭނަމަ ޑައިލަސިސް ހަދަން ކަމަށް ވެސް އޭނާ ބުންޏެވެ.

"ތަންކޮޅަކަށް ހިނގާލާއިރަށް ވަރުބަލިވޭ. މަންމަ އަކީ ޑިޕްރެޝަން މައްސަލަ ވެސް ހުންނަ މީހެއް،" ހަމީދު ބުންޏެވެ.

ޑަކްޓަރުން ލަފާ ދެނީ ވީހާވެސް އަވަހަށް މަންމަގެ ކިޑްނީ ބަދަލު ކުރަން ކަމަށާއި ޑޯނާއެއް ހޯދުމަށް ވަރަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.

"މިހާރު އާއިލާގެ މީހެއް ބުނެފައި އެބައިން މަންމައަށް ކިޑްނީ ދޭނަމޭ. އެކަމަކު އަދި އޭނަގެ ކިޑްނީ އާ މަންމަ ކިޑްނީ އާ ގުޅޭތޯ ޓެސްޓެއް ނަހަދާ. އެ ޕްރޮސެސްގައި މިއުޅެނީ. މަންމާ އާ ގުޅެނީ +O ލޭ ހުންނަ މީހެއްގެ ކިޑްނީ އެއް،" އޭނާ ބުންޏެވެ.

ހަމީދު ބުނީ މަންމައަށް ކިޑްނީއެއް ލިބިއްޖެ ނަމަވެސް ބޭރަށް ގޮސް ފަރުވާއަށް ގިނަ ހަރަދުތަކެއް ހިނގާނެ ކަމަށެވެ.

ގިނަ ދުވަސްތަކެއް ވަންދެން ބޭރުގައި މަޑުކުރަން ޖެހުނު ނަމަވެސް މިއަދު ހަމީދު އަތުގައި އެވަރުގެ ތަނަވަސްކަމެއް ނެތެވެ. މަންމައަށް ފަރުވާ ކުރެވޭނީ މިއަދު ރައްޔިތުންގެ ވެސް އެހީއާ އެކީ ކަމަށް ހަމީދު ބުންޏެވެ.

ހަމީދު އެދެނީ އޭނާ ފުރާނައަށް ވުރެވެސް ބޮޑަށް ލޯބިވާ އެ މަންމައަށް ތިބޭފުޅުން ކުޑަނަމަވެސް މާލީ އެހީތެރިކަމެއް ދިނުމަށެވެ.

ސައުދިއްޔާ މުހައްމަދަށް އެހީތެރިވުމަށް

ފޯނު ނަންބަރު: ‎7618806 (އަބްދުލް ހަމީދު އަބްދުﷲ/ ސައުދިއްޔާގެ ދަރިއެއް)

‎7570464 (ހުސައިން އާރިފް/ ސައުދިއްޔާގެ ދަރިއެއް)

ބީއެމްއެލް އެކައުންޓް ނަންބަރު: 7707366773101 (އަބްދުލް ހަމީދު އަބްދުﷲ އާ ގުޅިފައިވާ އެކައުންޓް ނަންބަރު)

ޑޮލަރު އެކައުންޓް ނަންބަރު: 7730000135365 (ސައުދިއްޔާ މުހައްމަދު އާ ގުޅިފައިވާ ޑޮލަރު އެކައުންޓް ނަންބަރު)

ނޯޓް: ސަންގެ މި ސެގްމެންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމުގެ ކަންކަން އެ އާއިލާއާ ގުޅިގެން ކުރިއަށް ގެންދިއުން އެދެމެވެ. ފައިސާގެ އެއްވެސް ކަމެއްގައި ސަން އިން ބައިވެރިއެއް ނުވާނެއެވެ. ސީދާ އާއިލާއަށް އެހީތެރިވެ ދެއްވާށެވެ.

އެހީތެރިކަމަށް އެދޭ ފަރާތްތަކުން ސަން ކުލުނުގައި ބައިވެރިވުމަށް ‎9992747 ނުވަތަ ‎9982747 އަށް ގުޅައިގެން ކުރިއަށް ގެންދެވުން އެދެމެވެ.

comment ކޮމެންޓް