އުރީދޫގެ ހިއްސާއަކަށް 3.20 ރުފިޔާ ބަހަން ފާސްކޮށްފި

އުރީދޫ އަހަރީ އަންމު ޖަލްސާގެ ދެވަނަ ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރު އުރީދޫއަށް ލިބުނު ފައިދާގެ ތެރެއިން ޑިވިޑެންޓްގެ ގޮތުގައި ކޮންމެ ހިއްސާއަކަށް 3.20 ރުފިޔާ ބަހަން ރޭ ފާސްކޮށްފިއެވެ.

ރޭ ހޮޓެލް ޖެންގައި ބޭއްވި އުރީދޫގެ އަހަރީ އާންމު ޖަލްސާގެ ދެވަނަ ޖަލްސާގައި ހިއްސާއަކަށް 3.20 ރުފިޔާ ބަހަށް ފާސްކޮށްފައި ވަނީ އާންމު ހިއްސާދާރުންގެ ތެރެއިން ހިއްސާދާރަކުގެ ތާއީދާއެކުގައެވެ.

ޑިވިޑެންޓްގެ ގޮތުގައި ހިއްސާދާރުންނަށް ބަހަން ފާސްކޮށްފައި ވަނީ ސާފު ފައިދާގެ ގޮތުގައި އެ އުރީދޫއަށް މިދިޔަ އަހަރު ލިބުނު 580.4 މިލިޔަން ރުފިޔާގެ ތެރެއިން 85 ޕަސެންޓެވެ.

އުރީދޫ އަހަރީ އަންމު ޖަލްސާގެ ދެވަނަ ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުރީދޫގެ ހިއްސާގެ ތެރެއިން އާންމުން ހިއްސާ ވަނީ އެކުންފުނީގެ ޖުމްލަ ހިއްސާގެ 9.5 ޕަސެންޓް ހިއްސާ އެވެ. ބާކީ 90.5 ޕަސެންޓަކީ އުރީދޫގެ މައި ކުންފުނި، ވަތަނިއްޔާ އިންޓަނޭޝަނަލްގެ ހިއްސާއެވެ.

އުރީދޫގެ ބޯޑު ޑިރެކްޓަރުންގެ އިނާޔަތްތަކަށް ބަދަލު ގެނެސް ދެން ބާއްވާ ބޯޑުގެ ކޮންމެ ބައްދަލުވުމެއްގައި ބައިވެރިވާ ކޮންމެ ޑިރެކްޓަރަކަށް ސިޓިން ފީގެ ގޮތުގައި 30،000 ރުފިޔާ ލިބޭ ގޮތަށް ހިއްސާދާރުންގެ ތާއީދާ އެކު ވަނީ ފާސްކޮށްފައެވެ. އަދި މަހު ފީގެ ގޮތުން ކޮންމެ ޑިރެކްޓަރަކަށް 2،000 ރުފިޔާ ލިބޭ ގޮތަށް ވެސް ޑިރެކްޓަރުންގެ އިނާޔަތްކަށް ވަނީ ބަދަލުގެނެސްފައެވެ.

އުރީދޫ އަހަރީ އަންމު ޖަލްސާގެ ދެވަނަ ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިޓިން ފީގެ ގޮތުގައި ޑިރެކްޓަރުންނަށް ބޮޑު އަދަދެއް ދިނުމަށް ފާސްކުރުމުން ހިއްސާދާރަކު ކުރި ސުވާލަކަށް ޖާވާބު ދެއްވަމުން އުރީދޫގެ ބޯޑު ޑިރެކްޓަރު ދީނާ ހުސައިން ވިދާޅުވީ، އެ ފީ އެގޮތަށް ހަމަޖައްސާފައި ވަނީ ބޯޑަށް ހާޒިރުވާ ޑިރެކްޓަރުންނަކީ ގިނަ އިރުތަކެއް ވަންދެން ލިޔެކިޔުންތައް ކިއުމުގައި ގިނަ ވަގުތުތަކެއް ހޭދަކުރާ ބައެއްކަމުން ބޯޑަށް ހާޒިރުވާ ޑިރެކްޓަރުންގެ ޝައުގުވެރިކަން އިތުރުކުރުމުގެ ގޮތުން ހަމަޖައްސާފައިވާ އަދަދެއް ކަމަށެވެ.

އުރީދޫ އަހަރީ އަންމު ޖަލްސާގެ ދެވަނަ ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރޭގެ ޖަލްސާގައި އުރީދޫ އޮޑިޓް ކުރާނެ ފާމެއްގެ ގޮތުގައި ޖަލްސާގެ ހިއްސާދާރުންގެ ތާއީދާ އެކު ހަމަޖައްސާފައި ވަނީ ކޭޕީއެމްޖީ އެވެ. އެ ފާމްއަކީ މީގެ ކުރީ އަހަރުގައި ވެސް އުރީދޫ އޮޑިޓް ކުރުމުގައި މަސައްކަތް ކޮށްފައިވާ ކުންފުންޏެވެ. އުރީދޫ އޮޑިޓް ކުރުމުގެ ފީގެ ގޮތުގައި ކޭޕީއެމްޖީން މި އަހަރު ނަގަނީ 35،750 ޑޮލަރެވެ.

comment ކޮމެންޓް