އަންހެން ޗެމްޕިއަންކަން ވިދާދަށް، ފިރިހެން ޗެމްޕިއަންކަން ހާމިދަށް

ގައުމީ ކެރަމް މުބާރާތުގެ އަންހެން ޗެމްޕިއަން އައިމިނަތު ވިދާދު --- ފޮޓޯ/ ކެރަމް އެސޯސިއޭޝަން

ހަތާވީސް ވަނަ ގައުމީ ކެރަމް މުބާރާތް ރޭ ކާމިޔާބުކަމާއެކު ނިންމާލައިފައިވާ އިރު، އަންހެން ސިންގަލްސް ޗެމްޕިއަންކަން އައިމިނަތު ވިދާދު އަދި ފިރިހެން ސިންގަލްސް ޗެމްޕިއަންކަން އަހުމަދު ހާމިދު ހޯދައިފިއެވެ.

އަންހެން ސިންގަލްސް ޗެމްޕިއަންކަން ވިދާދު ހޯދީ ފައިނަލްގައި އައިމިނަތު ވިޝާމާ ބަލިކޮށްގެންނެވެ. ފިރިހެން ސިންގަލްސް ޗެމްޕިއަންކަން އަހުމަދު ހާމިދު ހޯދީ ފައިނަލްގައި ޝާފީ މުހައްމަދު ބަލިކޮށްގެންނެވެ.

މިއަހަރުގެ ގައުމީ ކެރަމް މުބާރާތުގެ އަންހެން ޑަބްލްސް ޗެމްޕިއަންކަން ހޯދީ އައިމިނަތު ޝުބާ އާދަމާއި ފާތިމަތު ރަޔާންގެ ޕެއާއެވެ. ފައިނަލްގައި ޝުބާ އަދި ފާތިމަތު ރަޔާންއާ ދެކޮޅަށް ކުޅުނީ އައިޝަތު ފައިނާޒާއި ފާތިމަތު ވިޝާމާއެވެ. އަންހެން ޑަބަލްސްގެ ތިންވަނަ ލިބުނީ ޒަހުވާ ސިރާޖާއި އަފޫފުއްނިސާގެ ޕެއާ އަށެވެ.

ގައުމީ ކެރަމްގެ ފިރިހެން ސިންގަލްސް ޗެމްޕިއަން އަހުމަދު ހަމީދު --- ފޮޓޯ/ ކެރަމް އެސޯސިއޭޝަން

ފިރިހެން ޑަބަލްސް ފައިނަލްގައި މުހައްމަދު މުންތަސިރާއި އިސްމާއީލް އަޒުމީންގެ ޕެއާއާއި ހުސައިން ނީޝަމް އަދި ހަސަން ނާޒިމްގެ ޕެއާއާ ވާދަކޮށް، އެ މެޗު ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ މުންތަސިރާއި އަޒުމީންގެ ޕެއާއެވެ. ފިރިހެން ޑަބަލްސް ތިންވަނަ ހޯދީ ހުސައިން އަލީއާއި އަލީ އާޒިމްގެ ޕެއާއެވެ.

މިކްސް ޑަބަލްސް ޗެމްޕިއަންކަން ހަސަން ނާޒިމާއި އައިޝަތު ފައިނާޒު ހޯދި އިރު، އެޓީމު ފައިނަލްގައި ވާދަކުރީ އާދަމް އަދީލާއި ފާތިމަތު ރަޔާންއެވެ.

ފިރިހެން ޓީމް އިވެންޓްގެ ޗެމްޕިއަންކަން ޓީސީ ސްޕޯޓްސް ކްލަބުން ހޯދީ ފައިނަލްގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށްގެންނެވެ. އަންހެން ޗެމްޕިއަންކަން ކުޑަހެންވޭރު ޔުނައިޓެޑުން ހޯދީ ޓީސީ ސްޕޯޓްސް ކްލަބު ބަލިކޮށްގެންނެވެ.

މިއަހަރުގެ ގައުމީ ކެރަމް މުބާރާތް ނިންމާ ރޭ ވަނީ ނިންމުމުގެ ރަސްމިއްޔާތުވެސް ބާއްވައިފައެވެ. މުބާރާތުގެ ހުރިހާ މެޗުތަކެއްވެސް ކުރިއަށް ގެންގޮސްފައިވަނީ ގައުމީ ކެރަމް ހޯލުގައެވެ.

comment ކޮމެންޓް