މިއަހަރަކީ މިނިވަން ޗެމްޕިއަންޝިޕް މުބާރާތުގައި ބ. ފެހެންދޫ ވާދަކުރި ފުރަތަމަ ފަހަރެވެ. އާބާދީގައި ދަފުތަރުކޮށްފައި 300 އެއްހާ މީހުން ތިބި ނަމަވެސް، ރަށުގައި އާއްމުކޮށް ދިރިއުޅެނީ 150 އަކަށް މީހުނެވެ.
ފެހެންދޫން މިއަހަރު ފުރަތަމަ ތައްޔާރުވަމުން ދިޔައީ އަތޮޅު ލެވެލްގައި އޭދަފުށީގައި ބާއްވާ މުބާރާތަކަށެވެ. އެ މުބާރާތް ކެންސަލްވި ހިސާބުން ކުޅުންތެރިންނަށް މާޔޫސްކަން ކުރިމަތިވިއެވެ. އެ މާޔޫސްކަން ފިލުވާލުމަށް ރަށުގެ ކައުންސިލުން ނިންމީ މިނިވަން ޗެމްޕިއަންޝިޕްގައި ރަށުގެ ޓީމު ވާދަކުރުމަށެވެ.
"ފެހެންދުއަކީ މިނިވަން ޗެމްޕިއަންޝިޕްގައި ކުރިން ވާދަނުކުރި ނަމަވެސް ފުޓުބޯޅައިގެ ރަށެއް. ރަށުގެ އެންމެވެސް ވަރަށް ބޮޑަށް ފުޓުބޯޅައަށް ލޯބިކުރާނެ. މި އަތޮޅަކީ ފުޓުބޯޅައިގެ ބޮޑު އަތޮޅެއް، އަތޮޅު ލެވެލްގައިވެސް ފެހެންދޫވާނީ މީގެ ކުރިންވެސް ކާމިޔާބީތަކެއް ހޯދައިފައި،" ފެހެންދޫ ކައުންސިލްގެ ރައީސް މޫސާ ނަސީމް "ސަން ސްޕޯޓްސް"އަށް ބުންޏެވެ.

ފެހެންދޫގެ ޓީމު --- ފޮޓޯ/ މީސް މީޑިއާ
މޫސައަކީ މީގެ ކުރިން ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ކްލަބު ވެލެންސިއާއަށްވެސް ކުޅެފައިވާ ބޭފުޅެކެވެ. މޫސާ ބުނީ އޭނާ ފުޓުބޯޅައަށް ކުރާ ލޯތްބަކީ ވަރަށް ބޮޑު ލޯތްބެއް ކަމަށާއި، އެ ރަށުގެ ކުޅުންތެރިން މިހާރުވެސް ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި ކުޅުމަކީ ލިބޭ ފަހުރެއް ކަމަށެވެ. އަދި ފުޓުބޯޅައިގައި އާބާދީ މަދުވުމަކީ މައްސަލައެއް ނޫން ކަމަށް ފެހެންދޫން އަބަދުވެސް ނަމޫނާ ދައްކާނެ ކަމަށްވެސް މޫސަ ބުނެއެވެ.
"މިހާރުވެސް މިރަށުގެ ކުޅުންތެރިން ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި ކުޅެމުންދާނެ. މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕަށްވެސް ނުކުތީ އާބާދީއަކީ މައްސަލައެއް ކަމަށް ނުދެކި. ރަށުން ޓީމެއް ނެރުނީ ރަށުން ބޭރުގެ އަތޮޅު ކުޅުންތެރިންވެސް ހިމަނައިގެން. ފުރަތަމަ ރައްޔިތުންނަށް އަސްލު އިހުސާސްވެސް ނުކުރެވޭ މިއީ ކިހާވަރެއްގެ ކަމެއް ކަންވެސް. ފަހުން ޓީމާއެކު ތިބި ރައްޔިތުން ޓީމު މިހާހިސާބަށް ގެންގޮސްދިނީ،" މޫސަ ފާހަގަކުރެއްވިއެވެ.
އަތޮޅު ބުރަށް ފެހެންދޫ ނުކުތީ ރަށުން ބޭރު އަށް ކުޅުންތެރިންނާއެކު ރަށުގެ ހުނަރުވެރި ކުޅުންތެރިނާ އެކުގައެވެ. ޒޯން ބުރަށް އިތުރު ހަތަރު ކުޅުންތެރިން ރަށުން ބޭރުން އިތުރުކޮށްފައިވާ އިރު، ކައުސިލްގެ ރައީސް މޫސާ ވިދާޅުވީ އަތޮޅުގެ އެހެން ކުޅުންތެރިން ޓީމަށް ގެނައުމުގެ މައިގަނޑު ބޭނުމަކީ އަތޮޅަށް ފުޓުބޯޅައިގެ ރީތި ނަން ހޯދައިދިނުމަށެވެ. އަދި ކާމިޔާބީއަކީ ހުރިހާ ކުޅުންތެރިންގެ ހިތްވަރުގެ އިތުރުން ރައްޔިތުން އެކަމުގައި 100 ޕަސެންޓް ހިއްސާވާ ކާމިޔާބީއެއް ކަމަށްވެސް މޫސާ ވިދާޅުވިއެވެ.

ފެހެންދޫ ސަޕޯޓަރުން: ފެހެންދޫން ފައިނަލް ބުރު ކުޅުނީ ށ. ފޯކައިދޫގައި --- ފޮޓޯ/ ތުޅާދޫ އޮންލައިން
ފެހެންދޫ ކައުންސިލުން އަތޮޅު ބުރާއި ޒޯން ބުރުގެ ދަތުރު ފަތުރު ހަމަޖެއްސި ނަމަވެސް، ފައިނަލް ބުރާއި ޒޯން ބުރުގައިވެސް ދަތުރުގެ ހަރަދަށް ފައިސާ ހޯދީ ރައްޔިތުންގެ ބުރަ މަސައްކަތުންނެވެ. މާދަމާ އޮންނަ މެޗަށް މިއަދު މަސައްކަތުގެ ދުވަސް ފާހަގަކޮށް، ފައިސާއެއްކޮށް ރައްޔިތުން ކިތައްމެ ދުރަށް ދާން ޖެހުނަސް ފަސް ޖެހުމެއް ނެތެވެ. ފައިނަލް ބުރުގެ ގްރޫޕް ސްޓޭޖުގައި ފެހެންދޫން ށ. ފޯކައިދޫގައި ކުޅުނު މެޗުތަކަށް ދިޔަ ސަޕޯޓަރުންގެވެސް ޝަކުވާއެއް ނެތެވެ.
"ރައްޔިތުން ކުރި މަސައްކަތް މިއީ. ޓީމުގެ ކަންކަން ހިންގުމުގައި ކައުންސިލުން އެކިއެކި ފަރާތްތަކުގެ އެހީތެރިކަން ހޯދީ. ގަލްފް ކްރާފްޓަކީ ޓީމުގެ އެންމެ ބޮޑު ސްޕޮންސާ. ދެން އަންހެނުންގެ ކޮމިޓީގެވެސް އެއްބާރުލުމާއެކު އަތޮޅު ބުރަށް ސަޕޯޓަރުން ގެންދިއުމުގެ ކަންކަން ހަމަޖައްސައިދިނީ ކައުންސިލުން. އެކަމަކު އަނެއް ބުރަށް ސަޕޯޓަރުން އަމިއްލައަށް ފައިސާ ހޯދައިގެން ދިޔައީ. މަސައްކަތު ދުވަހެއް ފާހަގަ ކޮށްލާނީ މެޗުގެ ކުރީ ދުވަހު. އޭގެން ލިބޭނެ ގާތް ގަނޑަކަށް 8000 ރ ވަރު. ދެން އެހީތެރިވާ ބައެއް ފަރާތްތަކުގެ އެހީތެރިކަމާއެކު މެޗުތަކަށް ސަޕޯޓަރުން ދިޔައީ،" މޫސާ ވިދާޅުވިއެވެ.

ފެހެންދޫގެ ޓީމު --- ފޮޓޯ/ މީސް މީޑިއާ
ސަޕޯޓަރުންގެ ބުރަ މަސައްކަތާއި ކުޅުންތެރިންގެ ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ފެހެންދޫ ޕްރިމިއާ ލީގަށް ކޮލިފައިވެފައިވާ އިރު، ފެހެންދޫގެ ނަމަކީ މިހާރު ދިވެހި ފުޓުބޯޅައިގައި ބޮޑު ނަމެކެވެ. ކައުންސިލުން ބުނީ މިހާރު ވިސްނުން ހުރީ މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކުރުމަށް ކަމަށާއި، އޭގެ ފަހުން ދިވެހި ޕްރިމިއާލީގަށް ޓީމު ތައްޔާރުކޮށް ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ވަރުގެ ޓީމެއް ނެރޭނެ ކަމަށެވެ.
ފެހެންދުއަކީ އާބާދީގެ ނިސްބަތަކަށް ބެލުމެއް ނެތި، ރަށެއްގެ ގޮތުގައި އެކުވެރިކަން ދައްކާ ނަމޫނާ ރަށެކެވެ. ރަށުގެ ފުޓުބޯޅަ ޓީމު ރާއްޖޭގެ އެންމެ މަތީ ފަންތިއަށް އައުމުގެ ސިއްރަކީ ޓީމުގެ މެނޭޖުމަންޓުން ކުޅުންތެރިންނަށް ދިން އިތުބާރެވެ. ކުޅުންތެރިންގެ ބުރަ މަސައްކަތެވެ. ސަޕޯޓަރުންގެ މިންނެއް މަސައްކަތެވެ. އެއް އަޒުމެއްގައި "ނަލަނަލަ ފެހެންދޫ" އޮތީ ޕްރިމިއާ ލީގުގައި "ސަޕްރައިޒް ޓީމަށް" ވުމަށް ތައްޔާރަށެވެ.