ބީއެމްއެލް އިސްލާމިކް އިން ޕާސަނަލް ފައިނޭންސިން ތައާރަފް ކޮށްފި

ބީއެމްއެލް އިސްލާމިކް ފައިނޭންސިން ގެ ހިދުމަތް ތައާރަފް ކުރުމަށް ބޭނުންވި ރަސްމިއްޔާތު---

ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ބޭންކިންގެ ޚިދުމަތް، ބީއެމްއެލް އިސްލާމިކް އިން ޕާސަނަލް ފައިނޭންސިން ގެ ޚިދުމަތް މިއަދު ތައާރަފް ކޮށްފިއެވެ.

މިއީ އިސްލާމީ އުސޫލުތަކުގެ މަތިން މަހުން މަހަށް ފައިސާ ދައްކާގޮތަށް، އެއް ލައްކަ ރުފިޔާއާ ހަމައަށް މުދާ ގަނެވޭނެ ޚިދުމަތެކެވެ.

ބީއެމްއެލް އިން ބުނީ މި ޚިދުމަތަށް އެދޭތާ ހަތް ދުވަސްތެރޭ ފައިނޭންސިން ހަމަޖެހޭނެ ކަމަށެވެ.

މި ޚިދުމަތް ތައާރަފްކުރުމުގެ ގޮތުން މިއަދު ހެނދުނު ބޭންކް އޮފް މޯލްޑިވްސްގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑައިރެކްޓަރ އޮފް ބީއެމްއެލް އިސްލާމިކް، ޒުލްގަރުނައިން ތަމާން ވިދާޅުވީ އިސްލާމީ އުސޫލުތަކުގެ މަތިން ދެވޭ އިތުރު ޚިދުމަތެއް ތައާރަފްކުރެވުމަކީ ލިބޭ އުފަލެއް ކަމަށެވެ.

މި ޚިދުމަތާއެކު އިސްލާމީ އުސޫލުތަކުގެ މަތިން ރާއްޖޭގައި މިވަގުތު ލިބޭ އެންމެ ރަނގަޅު ފައިނޭންސިންގ ޚިދުމަތުގެ ފައިދާ ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް ޒުލްގަރުނައިން ވިދާޅުވިއެވެ.

ބީއެމްއެލް އިސްލާމިކް ފައިނޭންސްގެ ޑިރެކްޓަރު ފާތިމަތު މަނިކެ ވިދާޅުވީ މި ހިދުމަތް ބޭނުންވާ ކަސްޓަމަރުން ހިދުމަތަށް އެދޭ ފޯމާއެކު ކޯޓޭޝަން ހުށަހެޅުމުން ބޭންކުން އެ މުދާ ގަނެ ހަތަރެއް ނޫނީ ފަސްއަހަރުން ދައްކާގޮތަށް މަހުން މަހަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ކަސްޓަމަރަށް އޮންނާނެ ކަމަށެވެ.

"މި ޚިދުމަތް މިއަދު ފަށާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 50 އަށް ވުރެ ގިނަ ފިހާރައިން ބީއެމްއެލް އިސްލާމިކް ގެ ޕާސަނަލް ފައިނޭންސިން މެދުވެރިކޮށް މުދާ ގަތުމުގެ ހިދުމަތް ލިބިގެންދާނެ،" ފާތިމަތު މަނިކެ ވިދާޅުވީ މި ހިދުމަތުގެ ދަށުން ގެއަށް ބޭނުންވާ ސާމާނާއި ފަރުނީޗަރު އަދި ސައިކަލުވެސް ގަނެވޭނެ ކަމަށެވެ.

ބީއެމްއެލް އިސްލާމިކް ޚިދުމަތްތައް ފަރުމާ ކުރެވިފައިވަނީ އިސްލާމިކް ބޭންކިން އާ ގުޅޭ ބައިނަލްއަގުވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް، ޝަރުއީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތިންނެވެ.

ކަސްޓަމަރުން ޑިޕޮސިޓްކުރާ ފައިސާ ބަހައްޓަނީވެސް މުޅިން ވަކި ފަންޑެއްގެ ގޮތުގައެވެ. އަދި އެ ފައިސާ ބޭނުންކުރަނީ އިސްލާމީ ޝަރުއީ ހަމަތަކަށް ފެތޭ ކަންކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި މަސައްކަތްތައް ހިނގަމުންދަނީ އިސްލާމިކް ގަނެ، ހަތަރެއް ނޫނީ ފަސް ފައިނޭންސިންގެ ބައިނަލްއަގްވާމީ ތަޖުރިބާކާރުން ހިމެނޭ ގޮތަށް އެކުލަވާލެވިފައިވާ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ.

comment ކޮމެންޓް