ދިވެހިންގެ ދިރިއުޅުން ހުންނަ ގޮތުން ދުވާލުގެ ގިނަ ބަގުތު ހޭދަކުރަނީ ވަޒީފާ އަދާކުރުމުގަ އެވެ. މަސައްކަތް ނިންމާލުމަށް ފަހު ގެއަށް ވަދެވޭއިރު ގައިގައި ކުރާނެ ކަމެއް ނުހުރެ އެވެ. ގެއަށް ބޭނުންވާ އެއްޗެހި ގަނެލައި ހަދަން ވަގުތު ހޯދަން އުނދަގުލެވެ. ޚާއްސަކޮށް ދިވެހިންގެ ކެއުމުގައި އެއެއްޗެއް ނުހިމަނައިފި ނަމަ ކެއުން ފުރިހަމަ ނުވާ، ދިވެހި ކަނޑުމަސް ތާޒާ ކަމާ އެކު ގަނެލަން މާރުކޭޓަށް ދިއުމަކީ މިހާރު ގިނަ މީހުންނަށް ނުވެފައި އޮންނަ ކަމެކެވެ. މިކަމަށް ހައްލެއް ހޯދާދީފައި މިވަނީ ދިވެހި ޒުވާނުންތަކެކެވެ.
"މަސްފަހި"ގެ ނަމުގައި މީގެ ދެމަހެއްހާ ދުވަސް ކުރިން ދިވެހި ތިން ޒުވާނަކު ވެގެން ފެށި މަސައްކަތަކީ މާލޭގެ ގޭގެއަށް ތާޒާ މަސް ޑެލިވާ ކޮށްދިނުމެވެ.

މަސްފަހި އެޕް ބޭނުންކޮށްގެން މިހާރު ގޭގައި ތިބެގެން ކަނޑުމަސް ގަނެލެވޭނެ ---
"މިވަގުތު މާލޭގެ މީހުންގެ ލައިފްސްޓައިލަށް ބަލާފައި މި ވިސްނުން އައީ. ބިޒީ ޝެޑިއުލް އިން ވަގުތު ހޯދައިގެން މާރުކޭޓަށް ގޮސް މަސް ގަތުމަކީ މިއީ މިހާރު ނުވެފައި އޮންނަ ކަމަށް ވަނީ. އެހެންވެ އަޅުގަނޑުމެން ވިސްނީ ތަފާތު ކަމެއް ކުރުމަށް. ދިވެހި ކަނބަލުންނަށް އަމާޒު ކޮށްގެން މި ޑިވެލޮޕްކުރީ ގޭގައި ތިބެގެން މަސް ގަނެލެވޭނެ އެޕްލިކޭޝަން އެއް،" މަސްފަހި އެޕްލިކޭޝަން ޑިވެލޮޕް ކުރުމުގައި މަސައްކަތް ކުރި އަދި އެ ވިޔަފާރީގެ އެއް ހިއްސާދާރު މުހައްމަދު ހަސަން ސަން އަށް ބުންޏެވެ.
މަސްފަހި އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރު ގޭގައި އިނދެގެން މަހަށް އޯޑަރުކޮށްލެވޭނެ އެވެ. އެވަގުތު މަސްމާރުކޭޓުގައި ހުރި އެންމެ ތާޒާ މަސް އެންމެ ލަސްވެގެން 55 މިނެޓް ތެރޭ ގޭގެ ދޮރުމައްޗަށް ޑެލިވަރީކޮށްދެ އެވެ.
"އަގު ޑިޕެންޑުވާނީ އެވަގުތު މާރުކޭޓުގައި މަހުގެ އަގު ހުންނަ ގޮތަކަށް. އަޅުގަނޑުމެން ޑެލިވަރީކޮށްދޭނީ މާރުކޭޓުގައި އެވަގުތު ލިބެން ހުރި އެންމެ ތާޒާ މަސް،" މުހައްމަދު ބުންޏެވެ.

މަސްފަހި އެޕް ބޭނުންކޮށްގެން މިހާރު ގޭގައި ތިބެގެން ކަނޑުމަހާއި ކާބޯތަކެތި ގަނެލެވޭނެ ---
މަހުގެ ބާވަތްތަކުގެ އިތުރުން އާންމު ދިރިއުޅުމުގައި ކެއުމަށް ބޭނުންކުރާ ގިނަ ބާވަތްތަކާއި ގޭތެރެއަށް ބޭނުންވާ ގިނަ ސާމާނު ވެސް މަސްފަހި އެޕް ބޭނުންކޮށްގެން، ގޭގެ ސޯފާގައި އިނދެގެން ގަނެލެވޭނެ އެވެ.
"މިހާރު މި ހިދުމަތް ދެނީ ހަމައެކަނި މާލެ އަށް. ކުރިއަށް އޮތްތަނުގައި ހުޅުމާލެ އަދި ވިލިމާލެ އަށް ވެސް ހިދުމަތް ދެވޭތޯ މި މަސައްކަތް ކުރަނީ،" މުހައްމަދު ބުނީ މިވަގުތު ކޭޝް އޮން ޑެލިވަރީކޮށް ފައިސާ ދެއްކުނު ނަމަވެސް ކުރިއަށް އޮތްތަނުގައި އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މަސްފަހި އެޕް ބޭނުންކޮށްގެން މިހާރު ގޭގައި ތިބެގެން ކަނޑުމަހާއި ކާބޯތަކެތި ގަނެލެވޭނެ ---
މުހައްމަދު ހަސަން އާއި އިސްމާއިލް ނަސީރު އަދި ޖާހު އަބްދުލް އަޒީޒުގެ ވިސްނުން ހުރީ ކަސްޓަމަރުންގެ ތަރުހީބަށް ބަލައި އިތުރަށް މި އެޕްލިކޭޝަން ވަރުގަދަ ކުރުމަށެވެ. ކުރިއަށް އޮތީ ރަމަޟާން މަސް ކަމުން ރަމަޟާން މަހަށް ޚާޢްސަކޮށްގެން މަސްފަހި އެޕް ބޭނުންކުރާ ކަސްޓަމަރުންނަށް ހާއްސަ ކަންތައްތަކެއް ކުރިއަށް ގެންދިއުމަށް ވެސް އެ މީހުން އަންނަނީ ވިސްނަމުންނެވެ.
ގޭގައި ތިބެގެން ވިޔަފާރިކޮށްލަން އަވަހަށް މަސްފަހި އެޕް ޑައުންލޯޑުކޮށްލާށެވެ. ޕްލޭ ސްޓޯ އަދި އެޕް ސްޓޯ އިން ވެސް ޑައުންލޯޑު ކޮށްލެވޭނެ އެވެ.