ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ބޮޑު ފުޓްސަލް މުބާރާތް، ޔޫތު ސިޓީ ފުޓްސަލް ކަޕްގެ ފިރިހެން ޑިވިޝަންގައި މިއަދު ކުޅުނު މެޗުތައް ކާމިޔާބުކޮށް، އެންމެފަހުގެ ޗެމްޕިއަން ބަޖިޔާ އާއި ތިމަރަފުށީ ޔޫތު ޕްލޭޔާސް ވެސް ދެވަނަ ބުރަށް ދަތުރުކޮށްފި އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިންތިޒާމްކޮށްގެން ހުޅުމާލޭގައި ކުރިއަށްގެންދާ އެ މުބާރާތުގައި ބަޖިޔާ އިން އެފްސީ ފޯ މޫންސް ބަލިކުރީ 15-3ގެ ނަތީޖާއަކުންނެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަބްދުﷲ ޝާފިއު (ޝާއްޕެ) ވަނީ ބަޖިޔާއަށް ހަ ގޯލް ޖަހައިދީފަ އެވެ. އަދި އަކްރަމް އަބްދުލްކަރީމް ހަތަރު ގޯލް ޖެހި އިރު، މުހައްމަދު ސުޖާން ވަނީ ބަޖިޔަލަށް ދެ ގޯލް ޖަހައިދީފަ އެވެ. މީގެ އިތުރުން ވެސް ބަޖިޔާގެ ޔާމީން މުހައްމަދު ވެސް ދެ ގޯލް ޖަހައިފައިވާ އިރު، އިބްރާހީމް މުބީން އަހުމަދު ރަޝީދު (މުއްކި) ވެސް ވަނީ މެޗުގައި ގޯލް ޖަހައިފަ އެވެ.
މެޗުގައި އެފްސީ ފޯ މޫންސްގެ މުހައްމަދު ނަސީމް ދެ ގޯލް ޖަހައިފައިވާ އިރު، މުހައްމަދު އަހުސަން ވެސް ވަނީ އެޓީމަށް ގޯލެއް ޖަހައިފަ އެވެ.
ތިމަރަފުށީ ޔޫތު ޕްލޭޔާސް އިން ދެވަނަ ބުރަށް ދަތުރުކުރީ 6-1ގެ ނަތީޖާއަކުން ފެލްކަން ސްޕޯޓްސް ކްލަބު ބަލިކޮށްގެންނެވެ.
މެޗުގައި ފުރަތަމަ ލީޑު ނެގީ ފެލްކަން ސްޕޯޓްސް ކްލަބުންނެވެ. އެޓީމަށް ލީޑު ނަގައިދިނީ ހުސައިން ރަޝީދެވެ.
ފެލްކަންއިން މެޗުގެ ކުރީ ކޮޅުގައި ލީޑު ނެގި ނަމަވެސް ތިމަރަފުށީ ޔޫތު ޕްލޭޔާސް އިން ވަނީ ފަހަތުން އަރައި ބޮޑު މޮޅެއް ހޯދައިފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނު އަލީ މާނިހު ވަނީ މެޗުގައި ހަތަރު ގޯލް ޖަހައިފަ އެވެ.
ތިމަރަފުށީ ޔޫތު ޕްލޭޔާސްގެ އަނެއް ގޯލް ކާމިޔާބުކޮށްދިނީ އަހްރަމް އަލިމަނިކާއި މުހައްމަދު ޝަހުޒާނެވެ.
މިއަދު ހެނދުނު ކުޅުން އަނެއް ދެ މެޗަށް ބަލާލާ އިރު، ދެވަނަ ބުރަށް ދެން ދަތުރުކުރީ ޓީމު ޕީޗަސްއާއި ޕަންކް ނެކްޓް ލެވެލް އެވެ. އެ ދެޓީމަށް ވެސް މިއަދުގެ މެޗު ލިބުނީ އިދިކޮޅަށް ކުޅެން އޮތް ޓީމު ހާޒިރުނުވުމުންނެވެ.
މުބާރާތުގެ ފުރަތަމަ ބުރުގެ ފަހު މެޗުތައް މިއަދު ހަވީރު އޮންނާނެ އެވެ. މަދަމާ ރޭ މުބާރާތުގެ ދެވަނަ ބުރުގެ ކުޅުން ފަށާނެ އެވެ.
ޖުމްލަ 136 ޓީމާ އެކު މުބާރާތް ކުރިއަށްދާ އިރު، ފިރިހެން 120 ޓީމު، އަންހެން 16 ޓީމު މުބާރާތުގައި ވާދަކުރާނެ އެވެ. މުބާރާތުގެ ފިރިހެން ޑިވިޝަން މެޗުތައް ދާނީ ނޮކްއައުޓް އުސޫލުންނެވެ. އަދި އަންހެން ޑިވިޝަން ކުރިއަށް ދާނީ ހަތަރު ގްރޫޕަކަށް ބަހާލައިގެން، ގްރޫޕް ސްޓޭޖް މެޗުތައް ނިމުމުން އެންމެ ކުރީގައި އޮންނަ ދެ ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ.
މި އަހަރުގެ މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޝަންގައި ވެސް ފައިސާގެ އިނާމުތައް އެއްވަރެވެ. މި އަހަރު ޗެމްޕިއަން ޓީމަށް 100,000 ރުފިޔާ، ރަނަރަޕް ޓީމަށް 50,000 ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 25,000 ރުފިޔާ ހުށަހަޅާފައިވެ އެވެ. ފިރިހެން އަދި އަންހެން ޑިވިޝަންގައި އެ އަދަދު ހުށަހެޅުމުން، މި އަހަރު ފައިސާގެ އިނާމެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 350,000 ރުފިޔާ އެވެ.