އަންހެން ޑަބަލްސްގެ ފައިނަލް ޕެއާތައް ޔަގީންވެއްޖެ

ގައުމީ ކެރަމް މުބާރާތުގައި ރޭ ކުޅުނު މެޗުތަކުގެ ތެރެއިން ---

ހަތާވީސް ވަނަ ގައުމީ ކެރަމް މުބާރާތް ރޭ ފަށައިފައިވާ އިރު، މުބާރާތުގެ އަންހެން ޑަބަލްސްގެ ފައިނަލަށް ދަތުރުކުރި ދެ ޕެއާ ޔަގީންވެއްޖެ އެވެ.

މުބާރާތުގެ އަންހެން ޑަބަލްސްގެ ޕެއާތައް ކަށަވަރުވީ ރޭ ކުޅުނު ސެމީ ފައިނަލް މެޗުތައް ކާމިޔާބުކުރި ދެ ޕެއާއަށެވެ.

އަންހެން ސެމީފައިނަލް ފުރަތަމަ މެޗުގައި އެންމެ ފަހުގެ އަންހެން ޑަބަލްސް ޗެމްޕިއަން އައިޝަތު ފައިނާޒު އަދި އައިމިނަތު ވިޝާމާގެ ޕެއާއިން އަފޫފުއްނިސާއާއި ޒަހުވާ ސިރާޖުގެ ޕެއާ ބަލިކުރީ ސީދާ ދެ ސެޓުންނެވެ.

ސެމީ ފައިނަލް ދެވަނަ މެޗުގައި އައިމިނަތު ޝުބާ އާދަމާއި ފާތިމަތު ރަޔާނާގެ ޕެއާއިން އައިމިނަތު ޒިފާ އަދި އައިމިނަތު ޒައިނަތުގެ ޕެއާ ބަލިކުރީ ވެސް ސީދާ ދެ ސެޓުންނެވެ.

މި އަހަރުގެ ގައުމީ ކެރަމް މުބާރާތުގައި ވެސް ކުރިއަށް ދާނީ ސިންގަލްސް، ޑަބަލްސްގެ އިތުރުން މިކްސް ޑަބަލްސް، ޓީމް އިވެންޓްގެ އިތުރުން ސްވިސް ލީގު ކެޓަގަރީ އެވެ. ހުރިހާ ކެޓަގަރީއެއްގެ ވެސް އަންހެން އަދި ފިރިހެން ޑިވިޝަންގެ ކުޅުން ކުރިއަށްދާނެ އެވެ.

މުބާރާތުގެ ކުޅުން ރޭ ފެށީ އަންހެން އަދި ފިރިހެން ޑިވިޝަންގެ ޑަބަލްސް ކެޓަގަރީންނެވެ. ރޭ ވަނީ ފިރިހެން ޑަބަލްސް ކެޓަގަރީން ކުއާޓާ ފައިނަލަށް ދިޔަ ޕެއާތައް ވެސް ޔަގީންވެފަ އެވެ.

ފިރިހެން ޑަބަލްސް ކުއާޓާފައިނަލުން ޖާގަ ހޯދި ޕެއާތައް:

  • އަލީ އާޒިމް/ ހުސައިން އަލީ (އެންމެފަހުގެ ޗެމްޕިއަނުން)
  • ނައުފަލް ޝަރީފް/ ހާތިމް ހަލީލް
  • އަލީ ނަދީމް/ މުހައްމަދު އާމިރް
  • އިސްމާއީލް އަޒްމީން/ މުހައްމަދު މުންތަޝިރު
  • ހަސަން ނިޒާމް/ ހުސައިން ނީޝަމް
  • ޝާފީ މުހައްމަދު/ އަހުމަދު ހާމިދު
  • ހަސަން ލަތީފު/ މައްޔާޝް ލަތީފު
  • މުހައްމަދު ފަރީމް/ މުސަބް އަބްދުﷲ

މުބާރާތުގައި މިއަދު ކުރިއަށް ދާނީ ފިރިހެން ޑަބަލްސް ކުއާޓާ ފައިނަލްގެ އިތުރުން ސެމީ ފައިނަލް މެޗުތަކެވެ. އަދި އެއަށް ފަހު ދެން ކުރިއަށްދާނީ އަންހެން އަދި ފިރިހެން ޑިވިޝަންގެ ސިންގަލްސް މެޗުތަކެވެ.

comment ކޮމެންޓް