އަމީރީ: ހަނގުރާމައިގެ ތެރެއިން ދެކުނު އޭޝިއާ ފުޓުބޯޅައިގެ އެންމެ އުހަށް!

އަފްގާނިސްތާން އަދި ނިއުގެ ޑިފެންޑަރު ޒޯހިބް އިސްލާމް އަމީރީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އަފްޣާނިސްތާންގެ ކާބުލްއަށް އުފަން ޒޯހިބް އިސްލާމް އަމީރީއަކީ ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔާއެވެ. އުމުރުން 28 އަހަރުގެ ޑިފެންޑަރު، އަމީރީ މިވަގުތު ރާއްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅެމުންދާ އިރު، އޭނާ އަކީ މި ފަހަކަށް އައިސް ރާއްޖޭގައި ކުޅުނު އޭޝިއާގެ އެންމެ ވަރުގަދަ އެއް ކުޅުންތެރިޔާއެވެ.

މި ސަރަހައްދުގެ ފުޓުބޯޅައިގައި އެންމެ ކުރިއަރަމުން އަންނަ އިންޑިއާގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށްފަހު ރާއްޖޭ ލީގަށް ބަދަލުވި އަމީރީއަކީ ސަރަހައްދީ ލެވެލްގައި ކާމިޔާބު ކެޕްޓަނެކެވެ. އަފްޣާން ފަހުރުވެރިވާ ޝަހުސިއްޔަތެކެވެ.

އަމީރީގެ ފުޓުބޯޅަ ހަޔާތުގެ ފެށުމާއި، އޭނާ ރާއްޖޭގައި ކުރަމުންދާ ތަޖުރިބާއަކީ ތަފާތު ތަޖުރިބާތަކެކެވެ. ހަނގުރާމައިގެ ވިލާ ގަނޑެއްގެ ތެރޭގައި އޮތް ގައުމަކުން، ފުޓުބޯޅަ ހުނަރު ތަރައްގީކޮށް އޭޝިއާގެ އެންމެ މަތީ ފަންތިއަށް އޭނާ ކުރި ދަތުރު އަމީރީ "ސަން ސްޕޯޓްސް" އާ ހިއްސާކުރިއެވެ.

"އަފްޣާންގައި ފުޓުބޯޅައިގެ ތެރެއަށް ވަނުމަކީ ވަރަށް އުނދަގޫ ކަމެއް. އަބަދުވެސް ދާހިލީ ހަލަބޮލިކަމެއްގެ ތެރޭގައި އުޅެނީ. ވަސީލަތްތަކެއް ނުހުރޭ، އެކަށީގެންވާ ފައިސާއެއް ނުލިބޭ. ކުޅޭނެ ދަނޑުތަކެއްވެސް ނޯންނާނެ. ޒުވާން ކުޅުންތެރިންގެ ހުވަފެންތައް ހަގީގަތްތަކަށް ހަދަން ވަރަށް ދަތި މާހައުލެއް އެއީ. ފުރަތަމަ ކުޅެނީ ހަމަ މަގުމަތީގައި. އަހަރެންގެ ބޭބެވެސް ފުޓުބޯޅަ ކުޅޭނެ. ދެން އެމީހުން ކުޅޭތަން ބަލައި. އެހެން އުޅެމުން ފުޓުބޯޅައަށް ލޯބި ޖެހުނީ،" އަމީރީ އޭނާ ފުޓުބޯޅައިގެ ތެރެއަށް ވަދެގެން އައިގޮތް ހިއްސާކުރިއެވެ.

އަފްޣާނިސްތާން އަދި ނިއުގެ ޑިފެންޑަރު ޒޯހިބް އިސްލާމް އަމީރީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އަފްޣާން ފަދަ ގައުމެއްގައި ދިރި އުޅުމަކީ އެތަކެއް އުނދަގޫތަކެއް ކުރިމަތިވާނެ ކަމެކެވެ. ހާއްސަކޮށް ސަލާމަތާއި ރައްކާތެރިކަމަށް ގިނަ ގުރުބާނީތަކެއް ވާން ޖެހުމަކީ އެގައުމުގެ ރައްޔިތުންނަށް އާދައެކެވެ.

"އަފްޣާންގައި ނޫޅެވިގެން ޕާކިސްތާނަށް ދާން ޖެހުނީ ވަރަށް ހަގު އުމުރެއްގައި. ޕާކިސްތާނުގައި ކުދިކުދި ކްލަބުތަކާއި އެކަޑެމީތަކުގައި ކުޅެން އުޅުނީ. އަނެއްކާވެސް އަފްޣާނަށް ދިޔައީ 14 އަހަރުގައި، 15 އަހަރު ތެރޭގައި ގައުމީ ޓީމަށް ނަގައިފި. އެކަންވީ އެންމެނަށްވެސް ހައިރާންވި ކަމަކަށް. 16 އަހަރުގައި ފުރަތަމަ މެޗު ކުޅުނީ ގައުމީ ޓީމަށް. އެއީ ފީފާގެ ގަވާއިދު ބުނާ ގައުމީ ޓީމަށް އެރޭނެ އުމުރުވީމަ،" އުނދަގޫތަކާ އެކުވެސް އަފްޣާން ގައުމީ ޓީމާ ހަމައަށް އަމީރީ ކުރި ދަތުރު ކުރުކޮށް އޭނާ ހިއްސާކުރިއެވެ.

އިންޑިއާގައި ވިދާލުން - އަމީރީގެ ކެރިއަރުގެ ބިންގާ

އަފްޣާންގެ ގައުމީ ޓީމުގައި ދައްކަމުން ދިޔަ މޮޅު ކުޅުމާއެކު ސަރަހައްދީ ކްލަބުތަކުގެ ރާޑަރަށް އަމީރީ އެރިއެވެ. 2011 ވަނަ އަހަރު އިންޑިއާގެ މުމްބާއީ އެފްސީއަށް އަމީރީ ބަދަލުވެފައިވާ އިރު، އޭނާގެ ހަޔާތަށް އިންގިލާބެއް ގެނައި ދުވަސްތަކަކީ އެއީއެވެ. 2012-13 ވަނަ އަހަރު ސީޒަންގެ އިންޑިއާ އައި ލީގުގެ ފޭންސް އެވޯޑުވެސް ހޯދައި އަމީރީ ވަނީ އެތަކެއް ސަޕޯޓަރުންނެއް އިންޑިއާއިން ހޯދައިފައެވެ.

"2011 ވަނަ އަހަރަކީ އަހަރެންގެ ހަޔާތާއި އާއިލާގެ ހަޔާތްވެސް ބަދަލުވި އަހަރު. އެތައް ކަމެއް ދަސްވި. އަހަންނަކީ އަފްޣާނުން ބޭރަށް ފުޓުބޯޅަ ކުޅެން ދިޔަ ފުރަތަމަ ކުޅުންތެރިޔާ. ހާއްސަކޮށް އިންޑިއާއަށް. އެހެންވީމަ އެއީ އަހަރެންގެ ފުޓުބޯޅަ ހަޔާތް ބަދަލުވި ހިސާބަކީ" އަމީރީ ބުންޏެވެ.

އަމީރީ ބުނީ އެއް ގައުމަކުން އަނެއް ގައުމަކަށް ދިޔުމަކީ އުނދަގޫ ކަމެއް ކަމަށާއި ހާއްސަކޮށް ދިރިއުޅުމުގެ ސަގާފަތާއި ކެއުމުގެ އިތުރުން، މޫސުމާ މިހެން ގޮސް ބައިވަރު ކަންކަން ބަދަލުވާ ކަމެއް ކަމަށެވެ. އެގޮތުން އިންޑިއާގައި ހޭދަކުރި ފުރަތަމަ ހަ މަސް އުނދަގޫކޮށް ދިޔަ ނަމަވެސް ފަހުން އެ ގައުމަށް ހޭނި، އިންޑިއާގައި ހޭދަކުރީ ހަޔާތުގައި އެންމެ އުފާވެރި ދުވަސްތައް ކަމަށް އަމީރީ ސިފަކުރިއެވެ. އިންޑިއައަކީ އަމީރީގެ އާއިލާވެސް ދިރިއުޅޭ އޭނާގެ ދެވަނަ "ހޯމް" އެވެ.

ގައުމީ ޓީމާއެކު އަމީރީގެ އެންމެ ހިތި ތަޖުރިބާ - ރާއްޖެއާ ދެކޮޅަށް

2011 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ފެށުމުގެ ކުރިން އަމީރީއާއި ރާއްޖޭގެ ކެޕްޓަން އަޝްފާގާއެކު ---

އިންޑިއާގެ ފަސް ކްލަބަކަށް ކުޅުނު އަމީރީއަކީ ގައުމީ ޓީމާއެކުވެސް ގިނަ ތަޖުރިބާތަކެއްކޮށް، އޭނާގެ ކެޕްޓަން ކަމުގެ ދަށުގައި ސާފް ޗެމްޕިއަންޝިޕްވެސް އުފުލާލި ކުޅުންތެރިއެކެވެ.

"ފުރަތަމަ ހިތްދަތިވި ދުވަހަކީ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އަތުން 9-1ގެ ނަތީޖާއަކުން ބަލިވި ދުވަސް. ކަރާޗީގައި 2005 ވަނަ އަހަރު ކުޅުނު ސާފް ޗެމްޕިއަންޝިޕް އެއީ. އަހަރެންގެ ފުރަތަމަ ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ރާއްޖެ އަތުން ބޮޑު ބައްޔެއްވީ. އެއީ ފުރަތަމަ ބައިނަލްއަގުވާމީ ހިތި ތަޖުރިބާ،" އަމީރީ އޭނާގެ ބައިނަލްއަގުވާމީ ތަޖުރިބާއިން ސަފްހާއެއް ކިޔައިދިނެވެ.

"ކެޕްޓަނެއްގެ ހައިސިއްޔަތުން ހުންނާނެ ހަނދާންތަކެއް. ދެރަވުމާއި އުފާވެރިކަން ހުންނާނީ. އެންމެ އުފާވި ހަނދާނުން ނުފޮހޭނެ ވަގުތަކީ 2013 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކެޕްޓަނެއްގެ ގޮތުގައި އުފުލާލުން. ސާފް ޗެމްޕިއަންޝިޕް ހޯދުމަކީ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. ހުރިހާ އެންމެން، މުޅި އަފްޣާނިސްތާން، މައިން ދަރިން ގޮވައިގެން ނުކުމެ އެންމެން މަގުތަކުގައި އުފާފާޅުކުރި. ކާބުލްއަށް ދިޔައިރު މަގުތައް ފުރި އުތުރެނީ. ހާލަތު ހުރިގޮތުން އެމީހުނަށް އެއީ ވޯލްޑް ކަޕަށްވުރެވެސް އަގުހުރި ތަށްޓެއް،" 2013 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕާއެކު އަފްޣާނަށް އައި އީދު އަމީރީ ސިފަކުރިއެވެ.

2013 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕާއެކު އަފްޣާނު ރައްޔިތުން އުފާފާޅުކުރަނީ ---

އެތަކެއް ހާލެއްގައި ދިރި އުޅެމުން ދިޔަ ބަޔަކަށް، އެތަކެއް މަރުތަކެއް ދުވާލެއްގެ މައްޗަށް ދެކެމުން ދިޔަ ގައުމަކަށް ފުޓުބޯޅައިގެ ތަށްޓަކުން ކުރި އަސަރުގެ ވާހަކަވެސް އަމީރީ ވަނީ ކިޔައިދީފައެވެ.

"އެއީ އެތަކެއް ބައެއްގެ ހަޔާތް ބަދަލުވި ވަގުތު. ރައްޔިތުން ހަނގުރާމަ ހަނދާން ނެތުނު. ހިތްދަތި ހާލު ހަނދާން ނެތުނު. ގައުމީ ބަންދު ދުވަސް، ހަފްތާއެއް ވަންދެން. ހަނގުރާމައެއް ނެތް. މަގުތަކުގައި އޮތީ އުފާފާޅުކުރުން. އެއީ 30 އަހަރު ތެރޭގައި އަފްޣާނަށް އައި އެންމެ ބޮޑު އުފާވެރިކަން. މަންމަމެން އެންމެންވެސް އަދިވެސް ބުނާނެ އެހެން. އެތައް ދުވަހެއް ވަންދެން ގައުމަށް ނުލިބުނު އުފާވެރިކަމެއް 90 މިނެޓުންނޭ ތި ހޯދައިދެވުނީ،" އަމީރީ ކިޔައިދިނެވެ.

ހާލަތު ކަން ދިމާކުރި ގޮތުން އެފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް އަފްޣާން ދިޔައީ މާ ބޮޑު ފަރިތަކުރުންތަކަކާ ނުލައެވެ. ޒުވާން ޓީމަކާއެކުގައެވެ. ކާމިޔާބީގެ ސިއްރަކީ ގައުމަށްޓަކައި ދެއްކި ހިތްވަރު ކަމަށް އަމީރީ ބުންޏެވެ.

"އޭގައި އޮންނާނެ މަޖާ ކަމެއް. މެޗުގެ ފެށުމުގެ އެއް ދުވަސް ކުރިން ކުޅުންތެރިން އެކުވީވެސް. އެއްވެސް ފަރިތަކުރުމެއް ނުބާއްވަން. ގިނަ ބަޔަކު ކުޅެން ފިޓެއްވެސް ނޫން. ކޯޗު ނިންމީ 19 އަހަރުން ދަށުގެ ކުޅުންތެރިންތަކެއް ގޮވައިގެން ދާން. އެ މުބާރާތް ލިބުމަކީ ﷲ ލެއްވި ރަހުމަތެއް. ދެއްވަން ހުރި އެއްޗެއް ދެއްވާނެ. އެހެން ވީ،" އަމީރި ބުންޏެވެ.

އަމީރީއަކީ 2014 ވަނަ އަހަރުގެ ޗެލެންޖު ކަޕްގައި ރާއްޖެ އައި އަފްޣާން ޓީމުގެވެސް ހުންގާނެވެ. އައްޑޫގައި ހިނގި ބަސް އެކްސިޑެންޓްގައި އަފްޣާންގެ މުހިއްމު ކުޅުންތެރިންތަކަކަށް އަނިޔާވި އިރު، އަމީރީ ބުނީ އެއީ ވަރަށް ހިތި ތަޖުރިބާއެއް ކަމަށެވެ.

ރާއްޖެ އައީ އާ ޗެލެންޖަކަށް - ނިއުއަށް ހޭނުމަށް އެންމެންވެސް އެހީވެދޭ

"އަހަރެން ރާއްޖެއައީ ބަދަލަކަށް ބޭނުން ވެގެން. ހަ އަހަރު އިންޑިއާގައި ހޭދަކުރެވުނު. އަހަރެން ބޭނުންވީ ކޮންމެވެސް އާ ކަމެއް. އަހަރެން އަބަދުވެސް އަޑު އަހަން ނިއުގެ ވާހަކަ. ނިއުގެ ކޯޗު އޮސްކާވެސް އެނގޭނެ އިންޑިއާއިން. އޭނާ އަބަދުވެސް ދައްކާނެ ރާއްޖޭގެ ވާހަކަ. އަހަންނަށް އަބަދުވެސް ރާއްޖޭގެ ރައްޔިތުން ފުޓުބޯޅައަށް ހުންނަ ލޯބި އެނގޭ. ނިއުއަކީ އޭއެފްސީ ކަޕްގައިވެސް ރަނގަޅަށް ވާދަކުރާ ޓީމެއް. އެހެންވީމަ އާ ޗެލެންޖަކަށް އާނއެކޭ ބުނީ،" އަމީރީ ރާއްޖެއަކީ ކީއްވެތޯ އެހުމުން އޭނާ ބުންޏެވެ.

ރާއްޖޭގައި އަމީރީ ހޭދަކުރަމުންދާ ހުރިހާ ވަގުތެއްވެސް އުފާވެރިއެވެ. ރާއްޖެއަކީ ވަރަށް ހިތްގައިމު ތަނެއް ކަމަށް ބުނަމުން ރީތި ގޮނޑުދޮށްތަކަށް އަމީރީ ވަރަށް ބޮޑަށް ތައުރީފް ކުރިއެވެ. ކެއުމުގެ ކަންކަން ހުންނަނީ ކިހިނެތްތޯ އަހާލުމުން އަމީރީ ބުނީ "އާއްމުކޮށް ކެއުން މި އޮންނަނީ އަމިއްލައަށް ކައްކައިގެން. އެކަމަކު ޝެލްބީންސްއަށް ވަރަށް ގިނައިން ދެވޭ ދެން. އަދި ދިވެހި ކާނާ މާ ބޮޑަށް ތަޖުރިބާއެއް ނުކުރަން. އެކަމަކު ވަރަށް ކުޅި އެއްޗެއް ކެވުނު. ރާއްޖޭގެ ކާނާއެއް،" މިހެންނެވެ.

އޭއެފްސީ ކަޕްގައި އިންޑިއާގެ ބެންގަލޫރު އެފްސީއާއި ރާއްޖޭގެ ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިއުއިން ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ރާއްޖޭގައި އެންމެ ރަނގަޅު ކަމަކީ، ފުޓުބޯޅަ ކުޅުންތެރިއަކަށް ހަމައެކަނި ފުޓުބޯޅައަށް ފޯކަސް ކުރެވުން. ދިރިއުޅުން ވަރަށް ފަސޭހަ. މާ ބޮޑު ހަލަބޮލިކަމެއް ނާދޭ. އެހެން ތަންތަން ކަހަލައެއް ނޫން. ފަރިތަކުރުންތަކަށް އައިސްފަ ގޮސް ގޮނޑު ދޮށަށް ޖައްސާލައި ހިތް ހަމަޖައްސާލެވޭ. އަދި މީހުން ލޯބި ކުރޭ ފުޓުބޯޅައަށް. ކުދިންނާއި ބޮޑެތި މީހުންވެސް މިތާ ފުޓުބޯޅައަށް ލޯބި ކުރޭ،" އަމީރީއަށް ރާއްޖެއިން ފާހަގަވާ ބައެއް ކަންކަން އޭނާ ކިޔާދިނެވެ.

ނިއުގައި ހޭދަކުރި ފުރަތަމަ ދުވަސްކޮޅުގައިވެސް އަމީރީ ފެންނަނީ ޓީމަށް ވަރަށް އަވަހަށް ހޭނުނު ކުޅުންތެރިއެއްގެ ގޮތުގައެވެ. ކްލަބާއެކު މިހާތަނަށް ހޭދަކުރި ދުވަސްތައް ކިހިނެތްތޯ އަހާލުމުން އަމީރީ އޭނާގެ ތަޖުރިބާ ހިއްސާކުރިއެވެ.

"އަހަރެން ކްލަބަށް އެހާ އަވަހަށް ހޭނުމުގެ ސިއްރަކީ ކޯޗުންނާއި ކުޅުންތެރިން، މެނޭޖުމަންޓްގެ އިތުރުން ސަޕޯޓަރުންގެވެސް އެއްބާރުލުން. ސަޕޯޓަރުން ވަރަށް ލޯބިވޭ އަހަރެމެން ދެކެ. ސަޕޯޓަރުން އަބަދުވެސް އެހީތެރިވާނެ. ކޯޗުވެސް. ހާއްސަކޮށް އެއްކޮށް ކޮންމެ ދުވަހަކުވެސް ހޭދަކުރާ ކުޅުންތެރިން. ދަގަނޑޭއަށް ކުރިންވެސް އަހަރެން އެނގޭނެ. އެހެންވީމަ އޭނަ ވަރަށް ބޮޑަށް އެހީތެރިވެދޭ،" އަމީރީ ނިއުގެ މާހައުލު ސިފަކޮށްދިނެވެ.

އަމީރީ ބުނީ އޭނާއަކީ ކުޅޭ ކޮންމެ ކްލަބަކަށްވެސް 100 ޕަސެންޓް ދޭނެ ކުޅުންތެރިއެއް ކަމަށާއި ކޮންމެ ގައުމަކަށް ދިޔަޔަސް އެ ގޮތް އޮންނާނެ ކަމަށެވެ. އަދި މިހާރު އަފްޣާން ޓީމެއް އިދިކޮޅަށް އަޔަސް 100 ޕަސެންޓް ދޭނީ ނިއުއަށް ކަމަށްވެސް އަމިރީ ބުންޏެވެ.

މިހާރު ނިއުއަކީ އަހަރެންގެ ކުލަ، އަހަރެންގެ ހޯމް. (ބެންގަލޫރާ) ދެކޮޅަށް ކުޅުނު މެޗަކީ އަހަރެން ހަޔާތުގައިވެސް އެންމެ މޮޅަށް ކުޅެވުނު އެއް މެޗު ކްލަބު ލެވެލްގައި،އަމީރީ

އަމީރީ ރާއްޖޭގައި ހޭދަކުރި މަދު ދުވަސްކޮޅުގެ ތެރޭގައިވެސް މިގައުމަށް، ކްލަބަށް ވަރަށް ބޮޑަށް ލޯބި ޖެހިއްޖެއެވެ. ދިވެހި ފުޓުބޯޅައިގައި އޭނާ ގަޔާވާ ކަންތައްތަކެއް އެބަހުއްޓެވެ. ވިސްނުން ހުރީވެސް ރާއްޖޭގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށެވެ.

ހަނގުރާމައާއި ލޭ އޮހޮރުވުމުގެ ތެރެއިން، ފުޓުބޯޅަ ކުޅުންތެރިއެއްގެ ހުވަފެން ހަގީގަތަކަށް ހެދި އަމީރީއަކީ ކާމިޔާބު ލީޑަރެކެވެ. އަމިއްލަ ގައުމަށް ގެނުވި އެންމެ ބޮޑު އެއް އުފާވެރިކަމުގެ ހިއްސާދާރެކެވެ. ފުޓުބޯޅައިން އަދިވެސް ކުރިއަށް ދިއުމަށް ތައްޔާރަށް ހުރި އަމީރީ، ދެކޭ ހުވަފެނަކީ އޭނާގެ ފުޓުބޯޅަ އެހެން ލެވެލްއަކަށް ގެންދިއުމެވެ. އަފްޣާންގެ ތާރީހު ބަދަލުކޮށްލުމެވެ. އޭޝިއަން ކަޕަށް ނޫނީ ވޯލްޑް ކަޕަށް އަފްޣާން ގެންގޮސް، އަނެއްކާވެސް ގައުމުގެ ރައްޔިތުންގެ މޫނު މައްޗަށް އުފާވެރިކަމެއް ގެނުވުމެވެ.

އަމީރީއާ ކޮށްލެވުނު ބައެއް ސުވާލުތައް:

އަފްޣާނިސްތާން ގައުމީ ޓީމުގެ ޑިފެންޑަރު ޒޮހިބް އިސްލާމް އަމީރީ --- ފޮޓޯ/އަފްޣާން މީޑިއާ

ފުޓުބޯޅައިގައި އެންމެ ހަނދާން ހުންނަ ވަގުތުކޮޅު؟

ކެޕްޓަނެއްގެ ގޮތުގައި ސާފް ޗެމްޕިއަންޝިޕް އުފުލާލުން

ފުޓުބޯޅައިގައި ރޯލް މޮޑެލް؟

ޒްލަޓާން އިބްރަހިމޮވިޗް

އެންމެ ފެވަރިޓް ކުޅުންތެރިޔާ؟

ސާޖިއޯ ރާމޯސް

އިދިކޮޅަށް ކުޅުނު އެންމެ އުނދަގޫ ކުޅުންތެރިޔާ؟

އަލީ އަޝްފާގު، ވަރަށް ވަރަށް އުނދަގޫ ކުޅުންތެރިއެއް. މުޅި ކެރިއަރުގައިވެސް ދިމާވި އެންމެ އުނދަގޫ މީހާ އެއީ. އަބަދުވެސް މޫވް ކުރާނެ. ނެއްޓުންތައް އެހާ މޮޅު.

އެއްކޮށް ކުޅުނު އެންމެ މޮޅު ކުޅުންތެރިޔާ؟

އެންދްރޭ ސަންޓޮސް. ރޮބާޓް ޕިރޭޒް

ސަޕޯޓް ކުރާ ކްލަބު؟

މެންޗެސްޓާ ޔުނައިޓެޑް

އެންމެ މޮޅު ކޯޗު؟

އަބަދުވެސް މޮރީނިއޯ

އެއްކޮށް މަސައްކަތްކުރި އެންމެ މޮޅު ކޯޗު؟

ޒީކޯ (ބްރެޒިލް)

މެސީ ނޫނީ ރޮނާލްޑޯތަ؟

ރޮނާލްޑޯ

ޗެތުރީތަ އަޝްފާގުތަ؟

ދެމީހުންވެސް. ތަފާތު ސްޓައިލެއްގެ، އެއް ލެވެލް އެއްގެ ދެ ކުޅުންތެރިން.

ދެކުނު އޭޝިއާގެ އެންމެ މޮޅު ކުޅުންތެރިޔާ؟

އަމީރީ (ސަމާސާ ރާގަކަށް) ... ކޮންމެ ގައުމަކުންވެސް ހުންނާނެ ކުޅުންތެރިން، ރާއްޖެއިން އަޝްފާގު، ދެން މިހާރު ހަމްޕުއާ ސެންޓޭ، އަކޫވެސް ކުރިއަރަމުން އަންނަނީ. އިންޑިއާ ސުނިލް. އަފްޣާނިސްތާން އަމީރީ.

ދުނިޔޭގައި މިވަގުތު ތިބި އެންމެ މޮޅު ތިން ކުޅުންތެރިން؟

ރޮނާލްޑޯ، މެސީ، ސަލާހް

comment ކޮމެންޓް