ޕީއޭ ދޫކުރައްވައި އާ ޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމަށް ޔާމީން ވިދާޅުވެއްޖެ

ކުރީގެ ރައީސް އަދި ޑީއާރުޕީގެ ޒައީމު އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމު އިސްވެ ހުންނަވައިގެން އަލަށް ހައްދަވާ ސިޔާސީ ޕާޓީއާ ގުޅިވަޑައިގަތުމަށް ޕީއޭ އިން ވަކިވެވަޑައިގަންނަވާނެ ކަމަށް، ޕީއޭގެ ލީޑަރު އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ޔާމީން ވިދާޅުވީ އާ ޕާޓީއާ ގުޅިވަޑައިގެން އަދި އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ވެސް ހުންނެވި ކަމަށެވެ. ނަމަވެސް ޔާމީން ވިދާޅުވީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ފަހުގެ ކަމެއް ކަމަށާއި ފުރަތަމަ މަސައްކަތް ކުރައްވާނީ އާ ޕާޓީ އުފަންކޮށް، ވަރުގަދަ ކުރުމަށް ކަމަށެވެ.
ޔާމީން ވިދާޅުވީ ހަމަ ޔަގީނުން ވެސް އަލަށް ހައްދަވާ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކު ހޮވާނީ ވަރަށް ޑިމޮކްރަޓިކް އުސޫލުން ކަމާ މެދު އެ މަނިކުފާނުގެ ކުޑަ ވެސް ޝައްކެއް ނެތް ކަމަށެވެ.

"ހަމަ ޔަގީނުން ވެސް ރިޔާސީ ކެންޑިޓޭޓަކު ދައްކާނީ ޕްރައިމަރީއަކުން،" ޔާމިން ވިދާޅުވި އެވެ.

އާ ޕާޓީ އުފަން ވާނީ ކޮން އިރަކުންތޯ ދެންނެވުމުން ޔާމީން ވިދާޅުވީ ޕާޓީ އުފަން ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް، އެކަމަށް ޝައުގުވެރިކަން ފާޅުކުރެއްވި ބޭފުޅުންގެ މެދުގައި ވަރަށް ހަލުއިކަމާ އެކު ކުރިއަށްދާ ކަމަށާއި މިއަދު ވެސް އެކަމާ ބެހޭ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ ގޮނޑި ވެސް ފުރުއްވާ ޔާމީން ވިދާޅުވި ގޮތުގައި 2012ގެ މެދާ ހަމައަށް ވެސް ބޮޑަށް މަސައްކަތް ކުރައްވާނީ ޕާޓީ ވަރުގަދަ ކުރެއްވުމަށް ކަމަށް ބައިވެރިންގެ ވިސްނުން ހުރި ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު