ހއ. އަތޮޅު ހޮސްޕިޓަލުން މުޅިން އައު ތިން ހިދުމަތެއް ދޭން ފަށައިފި

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ހއ. އަތޮޅު ހޮސްޕިޓަލުގައި އަލަށް ގާއިމު ކުރި ހިދުމަތްތައް ތައާރަފް ކުރައްވަނީ --ފޮޓޯ/ ހެލްތް މިނިސްޓްރީ

ހއ. އަތޮޅު ހޮސްޕިޓަލުން ހިދުމަތް ހޯދާ ރައްޔިތުންނަށް މުޅިން އަލަށް ތިން ހިދުމަތެއް ދޭން ފަށައިފި އެވެ.

އެ ހޮސްޕިޓަލަށް 50 އަހަރުވުން ފާހަގަ ކުރުމަށް މިހާރު ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން އައު ތިން ހިދުމަތް އިފްތިތާހު ކޮށްދެއްވީ ހެލްތު މިިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އަލަށް ފަށާފައި ވަނީ ދަތާއި ތައިރޮއިޑްގެ ފަރުވާ އަދި ޑިޖިޓަލް އެކްސްރޭގެ ހިދުމަތެވެ. ތިން ހިދުމަތް ވެސް ފަށާފައި ވަނީ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާ އެކު އެވެ.

އުތުރުގެ އެންމެ ޒަމާންވީ ހޮސްޕިޓަލަށް 50 އަހަރު ފުރިގެންދިޔަ އިރު އެ ހޮސްޕިޓަލަށް އިއްޔެ ހަމަޖެއްސި ހިދުމަތްތަކަކީ މީގެ ކުރިން ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގޮސްގެން ނޫނީ ކުރިން ނުލިބޭ ހިދުމަތްތެކެވެ.

ހއ. އަތޮޅު ހޮސްޕިޓަލަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ގިނަ ހަރަކާތްތަކެއް އަންނަނީ ކުރިއަށް ގެންދަމުންނެވެ.

comment ކޮމެންޓް