ޓީޓީ ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރާ އެންމެ ހަގު ކުޅުންތެރިއަކަށް ރާއްޖޭގެ ދީމާ!

ރާއްޖޭގެ އެންމެ ޖޫނިއާ ކުޅުންތެރިޔާ ދީމާ --- ފޮޓޯ/ ޓީޓީ އެސޯސިއޭޝަން

ސްވިޑެންގެ ހެލްމްސްޓަޑްގައި މިއަދު ފަށާ، ވޯލްޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ދިވެހި ޓީމު ފުރީ މިދިޔަ ހުކުރު ދުވަހުއެވެ. ޓީމުގައި ހިމެނެނީ އުމުރުން 10 އަހަރުގެ ފާތިމަތު ދީމާ އަލީއާއި 14 އަހަރުގެ އައިޝަތު ރަފާ ނާޒިމް އަދި ތަޖުރިބާކާރު ޓީޓީ ކުޅުންތެރިޔާ މުއީނާ މުހައްމަދެވެ.

ރާއްޖެއިން މުބާރާތުގެ އަންހެން ތިންވަނަ ޑިވިޝަންގައި ވާދަކުރާ އިރު، މުޅި ވޯލްޑް ޓީޓީ ޗެމްޕިއަންޝިޕްގައި ވާދަކުރާ އެންމެ ޒުވާން ކުޅުންތެރިޔާ ހިމެނެނީ ރާއްޖޭގެ ޓީމުގައެވެ. އެއީ އުމުރުން 10 އަހަރުގެ ދީމާއެވެ.

ދީމާ ފުރަތަމަ ވިދާލީ އޭނާގެ އުމުރުން އަށް އަހަރުގައި މެލޭޝިޔާގެ ޓީޓީ މުބާރާތެއްގެ 11 އަހަރުން ދަށުގެ އުމުރުފުރާގެ ޗެމްޕިއަންކަން ހޯދުމުންނެވެ. އޭގެ ފަހުން އޭނާ ވަނީ ސްރީލަންކާގެ ޖޫނިއާ ނެޝަނަލް ޓޭބަލް ޓެނިސް މުބާރާތުގެ 10 އަހަރުން ދަށުގެ ޗެމްޕިއަންކަންވެސް ހޯދައިފިއެވެ. އެ މުބާރާތުގެ ރަން ވަނައާއެކު ދީމާއަށް ވަނީ ލަންކާއިން ވަނީ އެގައުމުގެ ރަށްވެހިކަން ދީ ގައުމީ ޓީމަށް ކުޅުމަށްވެސް ދައުވަތު ދީފައެވެ. ނަމަވެސް ދީމާގެ އާއިލާއިން ހިޔާރުކުރީ ދިވެހިރާއްޖެ ތަމްސީލު ކުރުމަށެވެ.

ރާއްޖޭގެ ގައުމީ މުބާރާތުގައި ވާދަކުރި ފުރަތަމަ ފަހަރު ދީމާ ވަނީ 12 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދައި 16 އަހަރުން ދަށުގެ ފައިނަލުގައި ކުޅެފައެވެ. ދާދި ފަހުން ރާއްޖޭގައި ބޭއްވި ސަރަހައްދީ ލެވެލްގެ ފުރަތަމަ ޓޭބަލް ޓެނިސް މުބާރާތް، ދެކުނު އޭޝިއާގެ ޖޫނިއާ އަދި ކެޑެޓް ޓީޓީ ޗެމްޕިއަންޝިޕްގެ އަންހެން ހޯޕްސް ކެޓަގަރީ ސިލްވާ މެޑަލްވެސް ދީމާ ވަނީ ހޯދައިފައެވެ.

ވޯލްޑް ޗެމްޕިއަންޝިޕަށް ދާ ރާއްޖޭގެ ޓީމުގައި ދެން ހިމެނެނީ އެންމެފަހުގެ ޓީޓީ ޗެމްޕިއަން ރަފާއާއި އެ މުބާރާތުގެ ރަނަރަޕް، މުއީނާއެވެ. ދެކުނު އޭޝިއާގެ ޖޫނިއާ އަދި ކެޑެޓް ޓީޓީ ޗެމްޕިއަންޝިޕްގައި ރަފާ ވަނީ މި އަހަރު އަދި މިދިޔަ އަހަރުވެސް ރާއްޖެއަށް މެޑަލް ގެނެސްދީފައެވެ.

ރާއްޖޭގެ އެއްވަނަ ޓީޓީ ކުޅުންތެރިޔާ އައިޝަތު ރަފާ ނާޒިމް --- ފޮޓޯ/ ޓީޓީ އެސޯސިއޭޝަން

އެ ގޮތުން މިއަހަރު ރާއްޖޭގައި ބޭއްވި މުބާރާތުގައި ރަފާ ވަނީ ތިން މެޑަލެއް ހޯދައިފައެވެ. އަންހެން ކެޑެޓް ކެޓަގަރީ ބްރޯންޒް މެޑަލްގެ އިތުރުން އަންހެން ޖޫނިއާ ކެޓަގަރީ ބްރޯންޒް މެޑަލް އަދި އަންހެން ޖޫނިއާ ޑަބަލްސް ކެޓަގަރީ ބްރޯންޒް މެޑަލްވެސް ރަފާ ވަނީ މިއަހަރުގެ މުބާރާތުން ހޯދައިފައެވެ.

ރާއްޖޭގެ ޓީމުގެ ކޯޗެއްގެ ގޮތުގައި ސްވީޑަންއަށް ގޮސްފައި ވަނީ މުހައްމަދު ޔާސިރެވެ. ޓީމުގެ މެނޭޖަރަކީ ޓީޓީ އެސޯސިއޭޝަންގެ ނައިބު ރައީސާ ޒުލައިޚާ އިބްރާހީމެވެ.

މިއަދު ސްވީޑަންގައި ފަށާ ޓީޓީ ވޯލްޑް ޗެމްޕިއަންޝިޕްގައި ރާއްޖެ ވާދަކުރާނީ ވުމަންސް ތިން ވަނަ ޑިވިޝަން ޓީމް އިވެންޓްގައެވެ.

ޓީޓީ ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރަން ދިޔަ ޓީމު، ޓީޓީ އެސޯސިއޭޝަން ރައީސާއެކެ --- ފޮޓޯ/ ޓީޓީ އެސޯސިއޭޝަން

އެ ކެޓަގަރީގައި ރާއްޖެއާއެކު 72 ގައުމަކުން ވާދަކުރާނެއެވެ. ރާއްޖެ ހިމެނެނީ އެ ކެޓަގަރީގެ ގްރޫޕް އެލްގައެވެ. ރާއްޖޭގެ އިތުރުން ދެން އެ ގްރޫޕުގައި ހިމެނެނީ ނޯވޭ، ވޭލްސް، ސްރީލަންކާގެ އިތުރުން ބަންގްލަދޭޝް އަދި ބޮސްނިއާއެވެ.

ރާއްޖެއިން ކުޅޭ ފުރަތަމަ ދެ މެޗު މިއަދު އޮންނާނެއެވެ.

ރާއްޖެއިން ކުޅޭ މެޗުތައް:

29 އޭޕްރީލް 2018

ދިވެހިރާއްޖެ - ބަންގްލަދޭޝް

ދިވެހިރާއްޖެ - ވޭލްސް

30 އޭޕްރީލް 2018

ދިވެހިރާއްޖެ - ނޯވޭ

1 މެއި 2018

ދިވެހިރާއްޖެ - ބޮސްނިއާ

2 މެއި 2018

ދިވެހިރާއްޖެ - ސްރީލަންކާ

comment ކޮމެންޓް