ސީރިއާއަށް ސިފައިން ފޮނުވަން ސައުދީން ކިތަންމެ ވަރަކަށް ގޮވާލިޔަސް އެކަމަށް ބޯނުލަނބާނެ ކަމަށް ގަތަރުން ބުނެފި އެވެ.
ގަތަރުން ސީރިއާއަށް ސިފައިން ފޮނުވަން ޖެހޭނެ ކަމަށާއި އެހެންނޫނީ އެމެރިކާ އިން ގަތަރަށް އެމެރިކާ އިންދޭ އެއްބާރުލުން ދިނުން ހުއްޓާލާނެ ކަމަށް ސައުދީގެ ފޮރިން މިނިސްޓަރު އާދިލް ޖުބައިރު ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ އެމެރިކާގެ މަދަދު ނެތި ގަތަރުގެ ސަރުކާރު ހަފްތާއެއްގެ ތެރޭގައި ވެއްޓޭނެ ކަމަށެވެ.
ގަތަރުގެ ފޮރިން މިނިސްޓަރު ޝައިހް މުހައްމަދު އަލް ތާނީ ފްރާންސްގެ 24 ޓީީވީއަށް ދެއްވި އިންޓަވިއުއެއްގައި ސައުދީއަށް ރައްދުދެއްވައި ވިދާޅުވީ އަރަބިންގެ ސިކުނޑިއަކާ ސައުދީއަކަށް ނުކުޅެވޭނެ ކަަމަށެވެ.
"ސައުދީގެ ބަޔާނަކަށް ރައްދެއް ދޭކަށް ބޭނުމެއް ވެސް ނޫން. ސައުދީއަށް އަރަބިންގެ ސިކުނޑިއާ ކުޅެވިދާނެ ކަމަކަށް ގަބޫލެއް ނުކުރަން. ސައުދީން ހީކުރާވަރަށް ވުރެ އަރަބިން މާ ހޭލުންތެރި." މުހައްމަދު އަލް ތާނީ ވިދާޅުވި އެވެ.
ސައުދީގެ ފޮރިން މިނިސްޓަރު ގަތަރަށް ވަރުގަދަ އިންޒާރެއް ދިނީ އެމެރިކާގެ ރައީސްް ޑޮނަލްޑް ޓްރަމްޕާއި އަދި ފްރާންސްގެ ރައީސް އިމާނުއަލް މެކްރޮން އާއެކު ބޭއްވި ބައްދަލުވުމެއްގެ ތެރޭގައި ވާހަކަދައްކަވަމުންނެވެ. އެ ބައްދަލުވުމުގައި ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އެމެރިކާއިން ސީރިއާއިން ފޭބުމުން މުއްސަނދި އަރަބި ގައުމުތަކުން ސީރިއާގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރުމަށް ސިފައިން ފޮނުވަން ޖެހޭނެ ކަަމަށެވެ.
މެދުއިރުމަތީގައި އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒު ހުންނަނީ ގަތަރުގަ އެވެ. ގަތަރުގައި އަސްކަރިއްޔާގައި މިހާރު ތިބެނީ އެންމެ 12،000 ސިފައިންނެވެެ.
ޓެރެރިޒަމަށް ވާގިވެރިވާކަމަށް ބުނެ ސައުދީއާ ސައުދީގެ ގިނަ ބައިވެރިން ގަތަރާ ހުރިހާ ގުޅުންތަކެއް މިދިޔަ އަހަރު ވަނީ ކަނޑާލައިފަ އެވެ.