ދަރިފުޅުގެ އުފަންދުވަހަށް ތައްޔާރުވަނީތަ؟ އަވަހަށް ގުޅަންވީ ޔަންގްސްޓާސް އާ!

ޔަންގްސްޓާސް އިން ކުއްޔަށް ދޫކުރާ ޖަމްޕިން ކާސްލްއެއް --- ފޮޓޯ: ޔަންގްސްޓާސް

ކުޑަކުދިންގެ ޕާޓީތަކުގައި ކުދިން އުފާކޮށްލައި މަޖާކޮށްލާނެ ހަރަކާތެއް ހިމެނުމަކީ ގިނަ ފަހަރަށް ދަތިކަމެކެވެ. ޕާޓީއަށް އަންނަ ކުދިންނަށް އުފާވެރިކަމާ ހިތްހަމަ ޖެހުމާއެކީ ވަގުތު ހޭދަކޮށްލާނެ ފުރުސަތެއް ނުލިބެއެވެ. ދަރިފުޅުގެ ޕާޓީ ބާއްވަން ނިންމައި، ޕާޓީއަށް އަންނަ ކުދިންނަށް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނީ ކިހިނެއްތޯ ވިސްނަމުންދަނިކޮށް ނާދިޔާ މުހައްމަދަށް އައި ޚިޔާލަކީ ޖަމްޕިން ކާސްލްސް ގެނެސްގެން ޕާޓީގައި ބެހެއްޓުމަށެވެ. ޕާޓީގައި ބައިވެރިވި ކުދިންނާއި ކުދިންގެ ބެލެނިވެރިންގެ މެދުގައި މިއީ މަގުބޫލު އެއްޗަކަށްވިއެވެ.

"ދަރިފުޅުގެ ދެވަނަ އުފަންދުވަހުގެ ޕާޓީ ބާއްވަން ވެގެން ވިސްނީ ކުޑަކުދިންނަށް މަޖާވާނީ ކޮންކަމެއްތޯ. ދެން ސާޗް ކުރަނިކޮށް ފެނުނީ ޖަމްޕިން ކާސްލްސް. ފެނިގެން އޭގެ އެއްޗެއް މިގެނައީ ކުޑަމީހާގެ އުފަންދުވަހަށް. ކުޑަކުދިންނަށް ވަރަށް ކަމުދިޔަ. ކުދިން އެންޖޯއީ ކޮށްލަން ދޫކޮށްލައިގެން ބެލެނިވެރިންނަށް ވެސް ވަގުތުކޮޅެއް ލިބުނު. އޭގެ ފަހުން ބެލެނިވެރިން އަހާ އޭގެ އެއްޗެއް ހޯދީ ކިހިނެއް ކޮންތާކުންތޯ؟،" ޔަންގްސްޓާސްގެ ނަމުގައި ޕާޓީތަކަށް ހާއްސަ އައިޓަމްތައް ކުއްޔަށް ދޫކުރުމުގެ ވިޔަފާރި ފެށުނުގޮތާ ގުޅޭގޮތުން ނާދިޔާ ބުންޏެވެ.

ނާދިޔާ. ކުޑަކޮށް ފެށި ވިޔަފާރި އަންނަނީ ފުޅާކުރަމުން --- ސަން ފޮޓޯ: ފަޔާޒު މޫސާ

މީގެ ދެ އަހަރު ކުރިން ދަރުފުޅުގެ އުފަންދުވަހަށް ގެނައި ޖަމްޕިން ކާސްލް މިހާރު ވަނީ މާލޭގައި މަގުބޫލު އެއްޗަކަށްވެފައެވެ. އެއަށް އޮތް ޑިމާންޑް ފެނިފައި ނާދިޔާ ވިސްނީ ވިޔަފާރިއެއްގެ ގޮތުގައި އެކަން ކުރާށެވެ. މިހާރު ހަތް ޖަމްޕިން ކާސްލް އާއެކު އެވިޔަފާރީގެ ދަށުން ޕާޓީތަކުގައި ބޭނުންކުރާނެ އިތުރު އައިޓަމް ތައްވެސް ކުއްޔަށް ދޫކުރެއެވެ.

އާއިލީ ވިޔަފާރިއެއްގެ ގޮތުގައި ކުރިއަށް ގެންދާ ޔަންގްސްޓާސް ފޭސްބުކް ޕޭޖަށް ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ. ކުޑަ ވިޔަފާރިއެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ ނަމަވެސް ޑިމާންޑް ބޮޑު މި ވިޔަފާރީގެ ހިދުމަތް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެއެވެ. އެގޮތުން ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުން ބާއްވާ އިވެންޓުތަކުގައިވެސް ޔަންގްސްޓާސްގެ ޖަމްޕިން ކާސްލްސް ބޭނުންކުރެއެވެ. ކުޑަކުދިންގެ ޕާޓީތަކުގައިވެސް މިއީ މިހާރު މަގުބޫލު އައިޓަމް އެކެވެ. ނާދިޔާ ބުނީ ހަފްތާ ބަންދާ ދިމާކޮށް އެއަށް އޮންނަ ޑިމާންޑް އިތުރުވާކަމަށެވެ.

ޔަންގްސްޓާސް އިން ތައްޔާރުކޮށްފައިވާ ޑެޒާޓް ޓޭބަލްއެއް ޗޮކްލެޓް ފައުންޓެއިިން އާއެކު --- ފޮޓޯ: ޔަންގްސްޓާސް
ޖަމްޕިން ކާސްލްސްގެ އިތުރުން ކުޑަކުދިންގެ ޕާޓީތަކުގައި ބޭނުންކުރާނެ ޕޮޕްކޯނު މެޝިނާއި ކޮޓްން ކޭންޑީ މެޝިން އަދި ބަބްލް މެޝިނާއި ޗޮކްލެޓް ފައުންޓެއިންސްް ވެސް ނާދިޔާމެންގެ ވިޔަފާރީގެ ދަށުން މިހާރު ކުއްޔަށް ދޫކުރެއެވެ. މި ހުރިހާއެއްޗެއް ކުއްޔަށްދޭއިރު އެ އެއްޗެހި އޮޕަރޭޓު ކުރާނެ މީހުންވެސް ފޮނުވައިދެއެވެ.

ޔަންގްސްޓާސްގެ ހަޔާތުގައި ދެ އަހަރު ފާއިތުވި އިރު މި ފާއިތުވެގެން ދިޔަ ދުވަސްތަކަކީ އުފާވެރި ދުވަސްތަކެކެވެ. ބެލެނިވެރިންނާއި ކުދިންގެ މެދުގައި މަގުބޫލު އެއްޗަކަށް ޖަމްޕިން ކާސްލްސް ވެއްޖެއެވެ. ރާއްޖެތެރޭގެ ރަށްރަށުގައި ބޭނުންކުރުމަށް އެ އެއްޗެހި ފޮނުވައިދޭން އެދޭކަމަށްވެސް ނާދިޔާ ބުންޏެވެ.

"ރަށްރަށުންވެސް ވަރަށް ރިކުއެސްޓް އާދޭ. އެކަމަކު މި އެއްޗެހި އުފުލުމަކީވެސް ދަތިކަމަކަށްވާތީ އެކަން އަދި ނުވޭ. އެއްފަހަރު އޭދަފުށީގައި ބޭއްވި ކުޑަކުދިންގެ ހަވީރަކަށް (ޖަމްޕިން ކާސްލްސް) ފޮނުވިން. ވަރަށް ތަރުހީބު ލިބުނު. ދެވަނަ ފަހަރަށްވެސް އެމީހުން ރިކުއެސްޓް ކުރި. އެކަމަކު އެފަހަރު ދިމާވީ އީދަކާ. މާލޭގައި ބުކް ކޮށްފައި އޮތީ."

ޔަންގްސްޓާސް އިން ކުއްޔަށް ދޫކުރާ ޖަމްޕިން ކާސްލްއެއް --- ފޮޓޯ: ޔަންގްސްޓާސް

ނާދިޔާ ބުނީ ޖަމްޕިން ކާސްލްސް ޓްރާންސްޕޯޓު ކުރުމުގެ ހަރަދާ މެއިންޓެއިން ކުރާ މީހުންގެ އެކޮމޮޑޭޝަން ހަމަޖައްސައިދޭނަމަ ޖަމްޕިން ކާސްލްސް ރަށްރަށަށް ފޮނުވައިދޭނެ ކަމަށެވެ. މީގެ އިތުރުން އެންޖީއޯ ތަކާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ އިވެންޓުތަކުގައި އެއްވެސް އަގަކާ ނުލައި ހިދުމަތް ދެއެވެ. އެއީ ލިބޭ ހިތްހަމަޖެހުމެއް ކަން އޭނާ ފާހަގަ ކުރިއެވެ.

މީގެ އިތުރުން ޔަންގްސްޓާސް ވިޔަފާރީގެ ދަށުން ޑެޒާޓް ޓޭބަލްގައި ބޭނުންކުރާނެ ޓްރޭ އާއި ކޭކް ސްޓޭންޑް ވެސް ކުއްޔަށް ދޫކުރެއެވެ. ކުޑަކުދިންގެ ހާއްސަ ކޮސްޓިއުމް އާއި އަންހެނުންނަށް ހާއްސަ ހެދުން، ހޭންޑް ބޭގް އަދި ބޫޓު ވެސް ވިއްކައެވެ. މިއީ ބްރޭންޑެޑް، ކޮލެޓީ ތަކެތިކަމުގެ ޔަގީންކަން ނާދިޔާ ދެއެވެ.

"ވަރަށް ބޮޑު ތަރުހީބެއް ކަސްޓަމަރުންގެ ފަރާތުން ލިބޭ. ރިޕީޓް ކަސްޓަމަރުންވެސް އާދޭ، އަނެއްކާ އެކަކު ހިދުމަތް ހޯދައިފަ އާއިލާ އާއި ރައްޓެހިންނަށް ރިކޮމެންޑް ކުރީމަ ފެމެލީ ނޫނީ ފްރެންޑްސް ވެސް އެބަ އާދޭ."

ޔަންގްސްޓާސް އިން ކުއްޔަށް ދޫކުރާ ޖަމްޕިން ކާސްލްއެއް --- ފޮޓޯ: ޔަންގްސްޓާސް

"މިހާރު އެންމެ ގިނަ ރިކުއެސްޓް އަންނަނީ ޕޫލް ޕާޓީތަކާ ބީޗް ޕާޓީތަކަށް ހާއްސަ ބައުންސިން ކާސްލްސް އަށް. ވަރަށް އަވަހަށް އެ އެއްޗެހި ގެންނާނަން،" އެންމެ ބޮޑު ގޮންޖެހުމަކީ ޖަމްޕިން ކާސްލްސްތައް މެއިންޓެއިން ކުރުން ކަމަށާއި ނަމަވެސް އާއިލާގެ މެންބަރުންނާއެކު އެކަންވެސް ފަސޭހަވެފައިވާކަން ނާދިޔާ ފާހަގަ ކުރިއެވެ.

"މިހާރު ކުރިއަށް މިގެންދަނީ އާއިލީ ވިޔަފާރިއެއްގެ ގޮތުގައި، ބޭބެމެން ކޮއްކޮ މެންގެ އެހީގައި. އެންމެ ބޮޑު އެހީއެއް ލިބެނީ ކޮއްކޮގެ ފަރާތުން. އޭނަ ބޮޑަށް ލީޑް ކުރަނީ މިހާރު. ތަންތަނަށް އެއްޗެހި ގެންގޮސްދީ މައްސަލައެއް ދިމާވެއްޖެނަމަ އެޓެންޑްކޮށް. އާއިލާގެ އެންމެންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،"

ނާދިޔާގެ ވިސްނުން ހުރީ މިއަހަރު ތެރޭގައި ޝޯ ރޫމެއް ހުޅުވައި ޔަންގްސްޓާސް އިން ފޯރުކޮށްދޭ ހުރިހާ ހިދުމަތެއް އެތަނުން ފޯރުކޮށްދިނުމަށެވެ.

"މިހާރު އެންމެ ބޭނުންވަނީ ޕާޓީ ޑެކަރޭޝަން އާއެކު ފުލް ޕެކޭޖެއްގެ ހިދުމަތް ދޭން. އެ ދުވަހަށް މިހާރު މި ތައްޔާރުވަނީ،" ވިޔަފާރީގެ މުސްތަގުބަލާ ގުޅޭގޮތުން ނާދިޔާ ބުންޏެވެ.

ނާދިޔާ ސަން އަށް އިންޓަވިއުދެނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

ވިޔަފާރިއެއް ފަށަން ބޭނުންވެފައިތިބި ކަނބަލުންނަށް ނާދިޔާގެ މެސެޖެއް އެބައޮތެވެ.

"އޮންލައިން ވިޔަފާރިއެއް ކުރުމަކީ ގޭގައި ތިބޭ ކަނބަލުންނަށް ނުވާނެ ކަމެއް ނޫން. ޑިމާންޑް އެބައޮތް. ސީދާ މިކަހަލަ ވިޔަފާރިއެއް ނޫނަސް ގޭގައި ތިބެގެން އެއްޗެހި އުފައްދަިއގެންވެސް އޮންލައިންކޮށް ވިއްކިދާނެ."

ތަފާތު މަސައްކަތެއް ކުރާ، ނާދިޔާ އަކީ ހަމަ ގައިމުވެސް ކަނބަލުންނަށް ނަމޫނާއެކެވެ. އެއީ ވަޒީފާއެއް އަދާކުރަމުން، އާއިލާއެއްގެ ޒިންމާ އުފުލަމުން އަދި ކުޑަ ދަރިފުޅުގެ ޒިންމާވެސް އުފުލަމުން، އަމިއްލަ ވިޔަފާރިއެއް ކޮޅަށް ނަގައި ކުރިއަށް ގެންދިއުމަށް މަސައްކަތްކުރަމުންދާ ހީވާގި ކަނބަލެކެވެ.

comment ކޮމެންޓް