ރައީސް އޮފީސް ކުރިމަތިން އެކްސިޑެންޓެއް ހިނގައި އެކަކު ހޭނެތިއްޖެ

ރައީސް އޮފީސް ކައިރީ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޒަޚަމްވި މީހަކު ބިންމައްޗަށް ވެއްޓިފައި --- ފޮޓޯ/ މީސް މީޑިއާ

ރައީސް އޮފީސް ކުރިމަތިން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެކަކު ހޭނެތިއްޖެއެވެ.

މަންޒަރު ފެނުނު މީހަކު "ސަން" އަށް ކިޔައިދިންގޮތުގައި އެކްސިޑެންޓު ހިނގީ މިރޭ 11:23 އެހައިކަންހާއިރުއެވެ.

އޭނާ ބުނީ އެ އެކްސިޑެންޓު ހިނގީ އާދަޔާ ޚިލާފަށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގެން ދުއްވާފައި ދިޔަ އެހެން ސައިކަލެއްގައި ޖެހިގެން ކަމަށެވެ.

އެ އެކްސިޑެންޓުގައި ޒަޚަމްވި ދެ މީހުންނަށް ވެސް މިހާރު ދަނީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ. އެމަޖެންސީ ރޫމްގައި ފަރުވާދިނުމަށްފަހު ހާލު ސީރިއަސްވި މީހާ މިހާރު ވަނީ އައިސީޔޫއަށް ބަދަލުކޮށްފައެވެ.

އެނގިފައިވާގޮތުގައި އެ ދެ މީހުންގެ ތެރެއިން ހާލު ސީރިއަސްވީ މ. ވޯޓާޕާލްސް އުމުރުން 45 އަހަރުގެ އިސްމާއީލް ނަސީމަށެވެ. އޭނާގެ ސީޓީ ސްކޭން ވެސް ވަނީ ހަދާފައެވެ.

އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު އިސްމާއިލް ނަސީމް އޭޑީކޭ ހޮސްޕިޓަލްގައި ---- ސަން ފޮޓޯ

"ސަން" އަށް އެނގިފައިވާގޮތުގައި އޭނާ ވަނީ ހޭނެތިފައެވެ. މަންޒަރު ފެނުނު މީހާ ކިޔައިދިންގޮތުގައި އެ ދެ މީހުންގެ ބޯފަޅައިގެން ގޮސް ބޮލުންނާއި ނޭފަތުން ވަނީ ލޭ ފައިބާފައެވެ.

އެކްސިޑެންޓުވި ދެ ސައިކަލް ވެސް ބޮޑު މަރާމާތެއް ކޮށްގެން ނޫނީ ބޭނުން ނުކުރޭ ވަރަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެސް މަންޒަރު ދުށް މީހާ ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް