މަރާ ހަނގުރާމަ ކުރަމުންދާ މަންމަގެ ނަމުގައި ދަރިއަކު މަކަރުން ފައިސާ ހޯދަނީ!

ދ. ކުޑަހުވަދޫ ރިވަރިން، މަރިޔަމްދިޔެ، އައިޖީއެމްއެޗްގައި އައިސީޔޫގައި އެޑްމިޓްކޮށްފައި-- ފޮޓޯ: ސޯޝަލް މީޑިއާ

ދ. ގެމެންދޫން ކުޑަހުވަދުއަށް ބަދަލުވި އައްޑޫ ސިޓީއަށް ނިސްބަތްވާ މަރިޔަންދިޔެ ދެ ކިޑްނީ ފެއިލްވެ، މަރާ ހަނގުރާމަ ކުރަނީ އެވެ. އޭނާ އެޑްމިޓްކޮށްފައި އޮތީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލު (އައިޖީއެމްއެޗް)ގަ އެވެ. އޭނާ އެ ހާލުގައި އޮންނަތާ ތިން މަހަށް ވުރެ ގިނަ ދުވަސްވީ އެވެ.

މަރިޔަންދީގެ ދެ ކިޑްނީ ފެއިލްވެ އޭނާ މާލެއަށް ގެނައީ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އޭނާ އޭރު މާލެއަށް ފޮނުވީ އޭނާގެ ދޮށީ ދެ ދަރިންގެ ހަވާލުގަ އެވެ.

މަރިޔަންދީގެ އާއިލާ މެމްބަރަކު މިއަދު ސަންއަށް ކިޔަދިން ގޮތުގައި އެ ފިރިހެން ކުއްޖާ ވަނީ މަންމަގެ ބަލީގެ ފައިދާ ނަހަމަ ގޮތުގައި ނަގައި މަންމަ ބަލި ކަމަށް ބުނެ މީހުން އަތުން ލާރި އަތުލައިފަ އެވެ. އަދި ލިބުނު ފައިސާގެ ތެެރެއިން އެންމެ ރުފިޔާއެއް ވެސް މަންމައަށް ހަރަދު ނުކުރާ ކަމަށް އޭނާ ވަނީ ކިޔަދީފަ އެވެ.

"އޭނާ ހަވާލުގައި މަންމަ އެންމެ ފުރަތަމަ މިކޮޅަށް ފޮނުވީ. ދެ ހާސް ރުފިޔާ ވެސް ހަވާލުކުރިން. އެންމެ ފުރަތަމަ މާލެ ގެނެސް މަންމަ ބޭއްވީ އެމެޖެންސީގައި. ޑޮކްޓަރުން ބުނި ރަނގަޅުވާނޭ ޑަޔަލިސިސް ހަދަމުން ގެންދިޔައިމާ،" މަރިޔަންދީގެ އަންހެން ދަރިފުޅު ކިޔައިދިނެވެ.

އޭނާ ކިޔައިދިން ގޮތުގައި މަރިޔަންދިޔެގެ ފަރުވާއަށް ކަމަށް ބުނެ އެ ފިރިހެން ކުއްޖާ ވަނީ އެކައުންޓް ނަންބަރެއް ހިމެނޭ ގޮތަށް ފޭސްބުކްގައި ޕޯސްޓެއް ޖަހައިފަ އެވެ. އަދި މަންމަގެ ފަރުވާއަށް އެތައް ބަޔަކު އެ އެކައުންޓަށް ފައިސާ ޖަމާކުރި ނަމަވެސް އެއިން އެންމެ ފައިސާ ފޮއްޗެއް ވެސް މަންމައަށް ހަރަދު ނުކުރާ ކަމަށް އޭނާ ބުންޏެވެ.

"މަންމަ އެކަނިމާއެކަނި ހޮސްޕިޓަލުގައި ބާއްވާފައި އޮންނަނީ. ކާނެ އެއްޗެއްވެސް ނުދޭ. ފައިސާއަށް ހަދަނީ ކިހިނެއްތޯ ސުވާލު ކުރުމުން އަންނަނީ ރުޅި،" އައިޖީއެމްއެޗްގެ އައިސީޔޫ ރޫމް ކައިރީގައި ހުރެ މަރިންޔަންދިޔެގެ އަންހެން ދަރިފުޅު ސަން އަށް ކިޔައިިދިނެވެ.

އޭނާ ކިޔައިދިން ގޮތުގައި މަންމައަށް ދާއިމީ ޑަޔަލިސިސްއެއް ހަދަން ހަށިގަނޑު ތެރެއަށް ލައްވަން ޖެހޭ ހޮޅިކޮޅެއް ލެއްވުމަށް ހޮސްޕިޓަލުން އެންގި ނަމަވެސް މަންމަގެ ދޮށީ ދެ ފިރިހެން ކުދިންގެ ފަރުވާ ކުޑަ ކަމުން އެކަން ވެސް ނުވެ މަންމަގެ ހާލަތު ވަނީ ގޯސްވެފަ އެވެ.

"ހޮޅިކޮޅެއް ލަންވަން ބުނީމަ އެކަން ވެސް ފަރުވާ ކުޑަކޮށްލާފައި ނުކޮށް އޮތީ. މިހާރު މަންމަ އެއޮތީ އައިސީޔޫގައި މިއަދު ވެސް ހަ ޕޮއިންޓުގެ ލޭ ހޯދަން ޖެހިފައި އޮތީ،" އަންހެން ދަރިފުޅު ކިޔައިދިނެވެ.

އޭނާ ބުނީ ދެ ބޭބެއިން ކުރާ ކަންތައް ސޯޝަލް މީޑީއާގައި ފަޅާ އަރުވާލުމުން އޭނާއަށާއި އޭނާގެ ފިރިމީހާއަށް މަރުގެ އިންޒާރު ދީފައިވާ ކަމަށެވެ. އަދި ބުނީ އެ މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ.

"ފުލުހަށް މައްސަލަ ހުށަހެޅީމާ އޭނަ ބުނީ ކުއްޔަށޭ މާލޭގައި އުޅެނީ އެހެންވީމާ ފައިސާއެއް ނުހުންނާނެ ނޫންހޭ. ދެން ފުލުހުން ބުނީ ބެންކް ސްޓޭޓްމަންޓް ދައްކާށޭ. އަދި ވެސް އެކަމެއް ނުވޭ،" އަންހެން ދަރިފުޅު ކިޔައިދިނެވެ.

އަންހެން ދަރިފުޅު ބުނީ މަންމައަށް ފައިސާ ހޯދާކަމަށް ބުނެ އެކައުންޓަށް ފައިސާ ޖަމާ ކުރަން ހެދި ޕޯސްޓަކީ އޮޅުވާލުމެއް ކަން މީހުންނަށް އެނގުމުން މިހާރު އެމީހުން އެކަން ކުރާ ގޮތަކީ ގޭގެއަށް ގޮސް އަދި މީހުން އެއްވާ ތަންތަނަށް ގޮސް މަންމަގެ ލިޔެ ކިޔުންތައް ދައްކައިގެން ފައިސާ ހޯދުން ކަމަށެވެ.

ސަންއިން ކުރި މަސައްކަތުން އެ ދެމީހުން މިގޮތަށް ފައިސާ ހޯދަނިކޮށް ފެނިފައިވާ ބައެއް މީހުންނާ ވަނީ ބައްދަލުވެފަ އެވެ. އޭގެ ތެރެއިން މީހަކު ބުނި ގޮތުގައި މަރިޔަންދިޔެގެ ބޮޑަށް ދެވަނައަށް ހުންނަ ދަރިފުޅު އެހެން މީހަކާ އެއްކޮށް އޭޑީކޭގައި މަންމަގެ ފަރުވާއަށް ކަމަށް ބުނެ ފައިސާ ހޯދަން އުޅެނިކޮށް ބައްދަލުވި ކަމަށެވެ. އަދި ވާހަކަ ދެކެވުނު ކަމަށް ވެސް ވަނީ ބުނެފަ އެވެ.

"މަންމަގެ ފަރުވާއަށް ފައިސާ ހޯދަން އުޅުނީ،" އެމީހާ ބުންޏެވެ.

މަރިޔަންދިޔެ މިއަދު މަރާ ހަނގުރާމަ ކުރަނީ އެވެ. އޭނާ އެ ހާލަތަށް ދާން ޖެހުނީ އެކަށީގެންވާ ފަރުވާ ނުލިބި ކަމަށް މަރިޔަންދިޔެ ބައްލަވާ ޑޮކްޓަރުން ވެސް ވަނީ ބުނެފަ އެވެ.

މަރިޔަންދިޔެގެ ހަ ކުދިން ތިބި އިރު އޭނާގެ ކަންކަން ބެލުމަށް މިހާރު ގާތުގައި ހުރީ އަންހެން ދަރިއެއް އެކަންޏެވެ. އޭނާގެ ފިރިހެން ދެ ދަރިން މިހާރު މަންމަ ކައިރިއަށް ވަދެވެސް ނުލާކަމަށްވެ އެވެ. އަދި މަރިޔަންދިޔެގެ ފިރިމީހާއަކީ ހަނދާންނެތޭ ބަލި ހުންނަ މީހެކެވެ.

މަރިޔަންދިޔެގެ އަންހެން ދަރިފުޅު ބުނީ ބޭބެމެން އެގޮތަށް މީހުން އަތުން ފައިސާ އަތުލުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި މީހުން އެ ފައިސާ ދެނީ މަންމަގެ ފަރުވާއަށް ކަމަށްވާ އިރު އެ ފައިސާ އެހެން ކަމަކަށް ހަރަދު ކުރުމަކީ އޮޅުވާލުމެއް ކަމަށެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި މި މައްސަލާގައި ހިމެނޭ ފިރިހެން ކުއްޖަކު ދާދި ފަހުން ފުލުހުން ވަނީ އެހެން މައްސަލައެއްގައި ހޯދަން ވެސް އިއުލާންކޮށްފަ އެވެ.

comment ކޮމެންޓް