ސްކޫލް ދުވަސްވަރު ކުޅިވަރުގެ މައިދާނުން ފުރުޞަތު ހޯދާ ދަރިވަރުންނަކީ ހަމަ ޔަޤީނުންވެސް މާދަމާގެ ޤައުމުގެ ބަތަލުންކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ކަލާސް އެވޯޑް ދިނުމަށް ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. އައިޝަތު ޝިހާމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އިސްނެންގެވުމާއެކު، 2014 ވަނަ އަހަރުން ފެށިގެން ދަރިވަރުންނާއި ބެލެނިވެރިންގެ ހިތްތަކުގައި ކުޅިވަރަށް އޮތް ޝައުޤުވެރިކަން އިތުރު ކުރުމަށް ފެށުނު މަސައްކަތްތަކުގެ ފޮނި މޭވާ މިހާރު ފެންނަމުންދާ ކަމަށެވެ.
ކަލަރސް އެވޯޑަކީ ދަރިވަރުންގެ ކުޅިވަރު ހުނަރު ދެނެގަނެ އެ ހުނަރަށް ހިތްވަރު ދެއްވުމުގެ ގޮތުން 2014 ވަނަ އަހަރު ތަޢާރަފް ކުރެވުނު އެވޯޑެކެވެ. މިއީ މި އެވޯޑް ދެވޭ 5 ވަނަ އަހަރެވެ.
" ފާއިތުވި 5 އަހަރު ގެ ތެރޭގައި މި އެވޯޑްގެ ސަބަބުން ހިތްވަރު ލިބިގެން މިޤައުމު ފަހުރުވެރި ކުރުވާފަދަ ނަތީޖާތައް ބައިނަލްއަގުވާމީ މައިދާނުން ހޯދަމުން ގެންދާ ދަރިވަރުންގެ ޢަދަދު ރެކޯޑް މިންވަރަކަށް ވަނީ އިތުރުވެފައި. އަދި މީގެ ކުރިން މި އެވާރޑް ޙަފްލާތަކުން ފެނިފައިވާ ގިނަ ދަރިވަރުންނަކީ ކުޅިވަރު ކުޅެގެން ދިވެހި ރައްޔިތުންގެ ހިތްތަކުން ޖާގަ ހޯދާފައިވާ ދަރިވަރުންކަން ފަޚުރުވެރިކަމާއެކު ފާހަގަކޮށްލަން،" މިނިސްޓަރު ވިދާޅުވިއެވެ.
ސްކޫލް ފެންވަރުގައި ކުޅިވަރު ކުރިއެރުވުމަށް ދެވުނު އިސްކަމުގެ ނަތީޖާއެއްގެގޮތުން، ސްކޫލް އުމުރުފުރާގެ ދަރިވަރުން ޤައުމީ ފެންވަރުގެ ކުޅިވަރު މުބާރާތްތަކުގައި ވެސް ބައިވެރިވާ ޢަދަދު އިތުރުވެފައިވާކަންވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވައިފައެވެ.
ޑރ. އައިޝަތު ޝިހާމް ވިދާޅުވީ މީގެ ކުރިން ރާއްޖޭގައި ބާއްވާ ކުޅިވަރު މުބާރާތްތަކުގެ ތެރެއިން ގިނަ ކުޅިވަރު މުބާރާތްތަކަކީ މާލޭގެ ސްކޫލްތަކަށް ޢަމާޒުކުރެވިގެން ބޭއްވޭ މުބާރާތްތަކެއްކަމަށް ގިނަ ބަޔަކަށް ވިސްނިފައި އޮތް ކަމަށެވެ. ހަމަ އެހެންމެ އެމުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިފައިއޮތީ މާލޭގެ ދަރިވަރުންނަށް ކަންވެސް ޑރ. އައިޝަތު ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް ވޭތުވެ ދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތުން އިންޓަ ސްކޫލް މުބާރާތްތަކުގައި އަތޮޅުތަކުގެ ސްކޫލްތަކުން ބައިވެރިވާ ދަރިވަރުންގެ ޢަދަދު އިތުރުވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.