ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކާ ސިފައިން ގުޅުމުން، އަރްމީނިއާގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވައިފި

ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކާ ސިފައިން ގުޅި އުފާ ފާޅުކުރަނީ --- ފޮޓޯ/ އޭއެފްޕީ

ސަރުކާރާ ދެކޮޅަށް އަރްމީނިއާގެ ރައްޔިތުން ކުރަމުންދިޔަ ސިލްސިލާ މުޒާހަރާތަކާ، އެގައުމުގެ ސިފައިން ގުޅުމުން، އަރްމީނިއާގެ ބޮޑުވަޒީރު ސަރްޒް ސަގްސަޔަން އަމިއްލަފުޅަށް އިސްތިއުފާ ދެއްވައިފި އެވެ.

އަރްމީނިއާގެ ބޮޑުވަޒީރު އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައި މިވަނީ، އޭނާއާ ދެކޮޅަށް ރައްޔިތުން ނުކުމެ ކުރަމުން ގެންދިޔަ ސިލްސިލާ މުޒާހަރާތަކަށް 11 ދުވަސްވި ފަހުންނެވެ. އަދި މިއަދު ރައްޔިތުން ނުކުމެ ކުރަމުންދިޔަ މުޒާހަރާތަކުގެ ވަކި ހިސާބުން ޔުނީފޯމް އަޅައިގެންތިބި އެގައުމުގެ ސިފައިން ވެސް ވަނީ ގުޅިފައެވެ.

ސަރުކާރާ ދެކޮޅަށް ރައްޔިތުން އަޑު އުފުލަން ފެށީ އެގައުމުގެ ރައީސްކަން 10 އަހަރު ކުރެއްވުމަށްފަހު، އެގައުމުގެ ބޮޑު ވަޒީރު ކަމަށް ސަގްސަޔަން އަލުން އައްޔަން ކުރެއްވުމާ ގުޅިގެންނެވެ.

އަދި އިތުރަށް ބޮޑުވެގެން ދިޔައީ، ގައުމުގެ ހިންގުމުގެ ގިނަ ބާރުތަކެއް ބޮޑުވަޒީރަށް ލިބޭގޮތަށް، އެގައުމުން 2015 ވަނަ އަހަރު ގާނޫނަށް ގެނައި ބަދަލާއެކު، ބޮޑުވަޒީރުގެ މަގާމް ފުރުއްވައި ފުރަތަމަ ބޭފުޅަކަށް ސަގްސަޔަން ވުމާއެކު އެވެ.

އިސްތިއުފާ ދެއްވިކަން ހާމަކޮށް އޮންލައިންކޮށް ނެރުނު ބަޔާނެއްގައި ސަގްސަޔަން ވިދާޅުވީ، މަގުމަތީ ހަރަކާތްތަކަކީ އޭނާ ވެރިކަމުގައި ހުންނެވުމާ ދެކޮޅަށް ކުރަމުންދާ ކަމެއްކަމުން ރައްޔިތުންގެ އެ އެދުން ފުރިހަމަ ކޮށްދެއްވުމަށް ކަމަށެވެ.

އޭނާގެ އިސްތިއުފާއާ ގުޅިގެން އަރްމީނިއާގެ ވެރިރަށް ޔެރެވާންގެ މަގުތަކަށް އެތައްހާސް ރައްޔިތުންނެއް ނުކުމެ ގެންދަނީ އުފާ ފާޅު ކުރަމުންނެވެ. އަ

އަދި ސަގްސަޔަން އިސްތިއުފާ ދެއްވުމާ ގުޅިގެން އިއްޔެ ކުރި މުޒާހަރާތަކުގެ ތެރެއިން ހައްޔަރު ކުރި އެގައުމުގެ އިދިކޮޅު މައި ލީޑަރު ނިކޮލް ޕަޝިންޔަން ވަނީ މިނިވަން ކޮށްފައެވެ. ޕަޝިންޔަންއާއެކު އިދިކޮޅު ދެ މެމްބަރުންނާއި މުޒާހަރާ ކުރަމުންދިޔަ 200 އެއްހާ އާންމުން ވަނީ ހައްޔަރު ކޮށްފައެވެ.

"މިއީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ގޮތުގައި އަހަރެން ވާހަކަ ދައްކާނެ އެންމެ ފަހު ފަހަރު. ގައުމުގެ މިހާލަތު ހައްލުކުރަން އެތައް ގޮތެއް އެބަ އޮތް. އެކަމަކު އޭގެން އެއްވެސް ފިޔަވަޅެއް ނުނަގާނަން، ބޮޑުވަޒީރު ކަމުން އަޅުގަނޑު އިސްތިއުފާ މިދެނީ،" ސަގްސަޔަން އޮންލައިންކޮށް ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ރިޕޯޓްތައް ބުނާގޮތުން، އަރްމީނިއާގެ އެކްޓިން ބޮޑުވަޒީރުގެ މަގާމަށް، އެގައުމުގެ ކުރީގެ ބޮޑުވަޒީރު ކަރެން ކަރަޕެޓްޔަން މިހާރު ވަނީ އައްޔަން ކުރައްވައިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު