ރާއްޖޭގައި ތިބި ޝެފުންނަށް އަމާޒުކޮށްގެން ބެސްޓްބައި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ބީބީއެމް) އިން އިންތިޒާމުކޮށްގެން މާސްޓާ ކްލާސް ވޯކްޝޮޕެއް ބާއްވާފި އެވެ.
ދުނިޔޭގެ ނަން މަޝްހޫރު ޝެފުންނާ އެކު ވޯކްޝޮޕް ކުރިއަށްގެންދިޔައީ މި މަހުގެ 19 ވަނަ ދުވަހު އެއް ދުވަހުގެ މުއްދަތަށެވެ.
ބީބީއެމް އިން ބުނީ، ހުޅުލެ އައިލެންޑް ހޮޓެލްގައި ކުރިއަށްގެންދިޔަ އެ ވާކްޝޮޕްގައި ރާއްޖޭގައި ކެއްކުމުގެ ދާއިރާގައި މަސައްކަތްކުރާ 150 ޝެފުން ބައިވެރިވެފައިވާ ކަމަށެވެ.
އެ ވާކްޝޮޕްގެ މަގުސަދަކީ، ބީބީއެމް އިން އިންތިޒާމުކޮށްގެން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބާއްވަން ނިންމާފައިވާ މި އަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖަށް ތައްޔާރުވުން ކަމަށް ބީބީއެމް އިން ބުންޏެވެ.
ބީބީއެމް އިން ބުނީ، މި ފަހަރުގެ ވާކްޝޮޕްގައި ކެއްކުމުގައި ބޭނުންކުރަން ޖެހޭ އެންމެ އާދައިގެ އުކުޅުތަކުން ފެށިގެން އެންމެ މަތީ ފަންތީގެ އުކުޅުތަކަށް ދަންދެން ވޯކްޝޮޕްގެ ބައިވެރިވާ ޝެފުންނަށް ކިޔާދީފައިވާ ކަމަށެވެ.
ކެއްކުމުގެ މުބާރާތެއްގައި ބައިވެރިވާ އިރު ޖަޖުން މާކްސް ދޭ ގޮތާއި މާކްސް ދޭ އިރު ބަލާނެ ކަންކަމުގެ އިތުރަށް ކައްކާ އިރު ސަމާލުކަން ދޭން ޖެހޭނެ ކަންކަން ބައިވެރިންނަށް ކިޔާދީފައިވާ ކަމަށް ވެސް ބީބީއެމް އިން ބުންޏެވެ.
ވޯލްޑް އެސޯސިއޭޝަން އޮފް ޝެފް އެސޯސިއޭޝަންގެ އޭ ކްލާސް ޝެފުންނާ އެކު ކުރިއަށް ގެންދާ ވޯކްޝޮޕުގެ ސަބަބުން ކުރިއަށް އޮތް ހޮޓެލް އޭޝިއާ އެކްޒިބިޝަންގައި ބައިވެރިވާ ފަރާތްތަކަށް ކެއްކުމާ ބެހޭ އެތައް ކަމެއް ފަންނުވެރި ފަރާތްތަކުގެ ކިބައިން ދަސްވެގެންދާނެ ކަމަށް ބީބީއެމް އިން ބުންޏެވެ.
މާސްޓާ ކުލާސް އާއި ކުރިއަށް އޮތް ހޮޓެލް އޭޝިއާ އެކްޒިބިޝަންއާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން އެ މުބާރާތާއި ވޯކްޝޮޕް އިންތިޒާމު ކުރާ ބީބީއެމްގެ ހެޑް އޮފް މާކެޓިން އަލީ އަފްރާހް ހަސަން ވިދާޅުވީ ބީބީއެމްގެ އަމާޒަކީ ރާއްޖޭގައި ކެއްކުމުގެ އިންޑަސްޓްރީ ކުރިއެރުވުން ކަމަށެވެ.
"އަޅުގަނޑުމެން މިފަދަ މުބާރާތްތަކާއި ވޯކްޝޮޕްތައް ބޭއްވުމުގެ މައިގަނޑު އަމާޒަކީ ކެއްކުމުގެ ދާއިރާ ކުރިއަރުވައި އެ ދާއިރާއަށް ގިނަ ދިވެހިން ވެއްދުން. އަޅުގަނޑުމެން ގަބޫލުކުރަން މިއީ ކުރިއަރަން ޖެހޭ ދާއިރާއެއް ކަމަށް. އެއީ ރާއްޖޭގެ އިޤްތިސާދުގެ މައިގަނޑު ހިއްސާދާރަކީ ފަތުރުވެރިކަން. އެހެންކަމުން ރާއްޖެއަކީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުން މީހުން ޒިޔާރަތްކުރާ ގައުމެއް. މި ސަބަބަށް ޓަކައި ރާއްޖެ އިން ލިބެން ހުންނަ ކާއެއްޗެއްސަކީ އެންމެ ފެންވަރުގެ ކާތަކެއްޗަށް ވާން ޖެހޭ،" އަފްރާހް ވިދާޅުވި އެވެ.
މި އަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަން ކުރިއަށް ގެންދާނީ 24 ކެޓަގަރީއަށް ބަހާލައިގެން ކަމަށާއި އެ މުބާރާތުގެ ޖަޖުންގެ ގޮތުގައި ތިބޭނީ އޭ ކްލާސް ޖަޖުން ކަމަށް ވެސް އަފްރާހް ވަނީ ވިދާޅުވެފަ އެވެ.