އާދަޔާ ހިލާފަށް ބިޔަ ރާޅު ނެގި ދުވަހެއް، ގެއްލުނު ދެކުދިންނަށްވެސް ފަތަން އެނގޭ!

އައްޑޫ ސިޓީގެ ފުއްޓަރު ފަރާތް: އެ ސަރަހައްދަށް މޫދަށް އެރި އުޅުނު ދެ ކުއްޖަކު ގެއްލިގެން ހޯދަމުން ދަނީ --- ފޮޓޯ: ސަމާހް

އައްޑޫ ސިޓީއަށް މި ދުވަސްކޮޅަކީ މޫސުން ގޯސް ދުވަސްކޮޅެކެވެ. ކަނޑު ގަދަ އަދި ދޭތެރެ ދޭތެރެއިން ވިއްސާރަ ވެހެމުންދާއިރު ބައެއް ރަށްތަކަށް ވަނީ އުދައިގެ އަސަރުވެސްކޮށްފައެވެ.

މޫސުން ގޯސްވެ އައްޑޫ ހުއްޓުމުކަށް އައިސްފައިވާއިރު މިއަދު އެ އެ ސިޓީގެ ހިތަދޫ ފުއްޓަރު ފަރާތަށް މޫދަށް އެރެން ގޮސް އުޅުނު ތިން ކުދިން ގެއްލުނު ޚަބަރާ އެކު އެ ރަށަށް ވަނީ ހަމަހިމޭންކަން ވެރިވެފައެވެ. އެ ކުދިން ގެއްލުނީ ހެނދުނުއެވެ.

ތިން ކުދިން ގެއްލިގެން ސިފައިންނަށް ރިޕޯޓް ކުރި އިރު އޭގެ ތެރެއިން އެއް ކުއްޖަކު ސިފައިންގެ މަސައްކަތުން ވަނީ ހޯދާފައެވެ. އެއީ އުމުރުން 17 އަހަރުގެ ކުއްޖެކެވެ. ދެން ތިބި ދެ ކުދިން ހޯދުމުގެ މަސައްކަތް ސިފައިން އަދިވެސް ކުރަމުންދާއިރު ކޯސްޓްގާޑްގެ ޑައިވަރުންނާއި އެމްއެެންޑީއެފް ހެލިކޮޕްޓަރު ދަނީ އެ މަސައްކަތުގައި ބައިވެރިވަމުންނެވެ. ގެއްލިގެން ހޯދަމުންދަނީ 15 އަހަރު އަދި 17 އަހަރުގެ ދެ ކުދިންނެވެ. އެ ދެކުދިންނަކީވެސް ހިތަދޫ ދެކުންދިންނެވެ.

ހިތަދޫ ފުއްޓަރު ފަރާތަކީ އަބަދުވެސް ބިޔަ ރާޅު ނަގާ ސަރަހައްދެއް ކަމަށް އެ ރަށު މީހުން ބުނެއެވެ. އަދި އެ ސަރަހއްދަކީ އާންމުކޮށް މީހުން މޫދަށް ގޮސް އުޅޭ ސަރަހައްދެއް ކަަމަށްވެސް އެމީހުން ވަނީ ބުނެފައެވެ. ނަމަވެސް މިއަދު އެ ސަރަހައްދުގެ ރާޅުތައް އާދަޔާ ޚިލާފަށް ބިޔަ ކަމަށް އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުންވަނީ ބުނެފައެވެ.

އައްޑޫ ސިޓީގެ ފުއްޓަރު ފަރާތް: އެ ސަރަހައްދަށް މޫދަށް އެރި އުޅުނު ދެ ކުއްޖަކު ގެއްލިގެން ހޯދަމުން ދަނީ --- ފޮޓޯ: އައްޑޫ ލައިވް

"މިއަދު މޫސުން ވަރަށް ގޯސް. އާންމުކޮށްވެސް ފުއްޓަރު ފަރާތަކީ ބިޔަ ރާޅު ނަގާތަނެއް.އެކަމަކު މިއަދު އާދަޔާ ހިލާފަށް ބިޔަ ރާޅު ނެގިކަމަށް މައުލޫމާތު ލިބެނީ. އޮއެވަރުވެސް ވަަރަށް ބާރު،" އައްޑޫ ސިޓީގެ ކައުންސިލް މެމްބަރަކު މިރޭ "ސަން"އަށް ކިޔައިދިނެވެ.

ގެއްލިގެން ހޯދަމުންދާ ދެ ކުދިންނަކީވެސް ފަތަން ދަންނަ ދެ ކުދިންކަން ވަނީ އެނގިފައެވެ. އަދި އެ ތިން ކުދިންވެސް މޫދަށް ދިޔައީ އެއްކޮށް ކަަމަށާއި އެކުދިންނަކީ އާންމުކޮށް އެ ސަރަހައްދަށް މޫދަށް އެރިއުޅޭ ކުދިންކަން ވަނީ އެނގިފައެވެ.

ގެއްލިގެން ހޯދަމުންދަނިކޮށް ފެނުނު ކުއްޖާއަށް މިހާރުވަނީ ފަރުވާދިނުމަށް ފަހު ހޮސްޕިޓަލުން ދޫކޮށްލާފައެވެ. އޭނާގެ ހާލު ރަނގަޅެވެ.

އައްޑޫ ސިޓީން ގެއްލުނު ދެކުދިން ހޯދަން ސިފައިން އަންނަނީ ނައިޓް ވިޝަންވެސް ބޭނުން ކުރަމުންނެވެ. އާންމުކޮށް ސާޗް އޮޕަރޭޝަން ރޭ ގަނޑަށް މެދު ކަނޑާލި ނަމަވެސް އެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

އައްޑޫގެ ގިނަ ރައްޔިތުން އަންނަނީ މީސް މީޑީއާގައި އެ ދެކުދިން ހެޔޮ ހާލުގައި ފެންނާނެ ކަމުގެ އުންމީދުގައި ހެޔޮ ދުއާ ކުރަމުންނެވެ.

comment ކޮމެންޓް