ރާއްޖޭގެ އެކި ކަންކޮޅުތަކަށް އުދާ އަރާކަމުގެ ރިޕޯޓްތައްދަނީ ލިބެމުން، ރައްޔިތުން ސަމާލުވެތިބުމަށް އިލްތިމާސްކުރަން: ޑިޒާސްޓާ

ފުވައްމުލައް ސިޓީގެ ނައިބު ތުއްތު ބޮޑު މަގަށް ރާޅު އަރާފައި: މިފަހަކަށް އައިސް ނާރާ ވަރަށް ފުވައްމުލަކަށް ދަނީ ރާޅު އަރަމުން ---

މިއަދު ހަވީރުން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކަށް އުދާ އަރާކަމުގެ ރިޕޯޓްތައްދަނީ ލިބެމުން ކަމަށާއި ރައްޔިތުން ސަމާލްވެ ތިބުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން އިލްތިމާސްކޮށްފިއެވެ.

އެ ސެންޓަރުގެ ޑިރެކްޓަރު ސޮފިނާޒް ހަސަން މިރޭ "ސަން" އަށް ވިދާޅުވީ މިއަދުގެ މިހާތަނަށް ވަރަށް ގިނަ ރަށްރަށުން އުދަ އަރާކަމުގެ ރިޕޯޓްތައް ލިބެމުންދާ ކަމަށާއި ބައެއް ރަށްރަށަށް ބޮޑެތި ގެއްލުން ލިބެމުންދާ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށެވެ.

"އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީއަށްވެސް ވަނީ ވަރަށް ބޮޑަށް ރާޅުއަރާފައި މީގެ އިތުރުން ރ. އަތޮޅުގެ ބައެއް ރަށަށްވެސް ގެއްލުންވެފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައި،" ސޮފީނާޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއަދު ހަވީރު ދެކުނުގެ ބައެއް ރަށްރަށަށް އުދަ އެރިކަމުގެ ރިޕޯޓް ލިބުނުއިރު މިއަދު ހަވީރު ވަނީ މެދުރާއްޖެތެރޭގެ ބައެއް ރަށްރަށްވެސް އުދަ އަރާކަމުގެ މައުލޫމާތު ލިބިފައެވެ. އެގޮތުން އއ. އަދި އދ. އަތޮޅުގެ ބައެއް ރަށްރަށް އުދައަރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސޮފިނާޒް ވިދާޅުވީ މިރޭ ރ. އަތޮޅު އަދި ށ. އަތޮޅުގެ ބައެއް ރަށްރަށްވެސް އުދަ އަރާކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށާއި އަދި ލ. އަތޮޅުންވެސް ބައެއް ރިޕޯޓްތައް ލިބިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ޑިޒާސްޓާރ މެނޭޖްމެންޓް ސެންޓަރުން ރަށް ރަށުގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި އަދި ހުރިހާ ރައްޔިތުންވެސް ސަމާލުވެ ތިބުމަށް އިލްތިމާސްކުރާ ކަމަށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ވަނީ ބައެއް ހިސާބުތަކަށް ޔެލޯ އެލާޓްވެސް ނެރެފައެވެ. އަދި އުދައަރާނެ ކަމަށް ލަފާ ކުރެވޭތީ ސަމާލުވެ ތިބުމަށް އެ އިދާރާއިންވެސް ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް