މުޅި ރާއްޖެއަށް ވިއްސާރަ، ދެކުނުގެ ސަރަހައްދަށް މޫސުން އިތުރަށް ގޯސްވެދާނެތީ ސަމާލުވާން އަންގައިފި

މާލެއާއި އަތޮޅުތެރެއަށް މޫސުން ގޯސްވުން -- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

މުޅި ރާއްޖެއަށް ވެސް މޫސުން ގޯސްވެދާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ނަމަވެސް ދެކުނުގެ ސަރަހައްދަށް މޫސުން އިތުރަށް ގޯސްވެދާނެ ކަމަށް ލަފާ ކުރެވޭތީ ސަމާލުވާން، މޫސުމާ ބެހޭ މައި އިދާރާއިން އަންގައިފި އެވެ.

ރާއްޖޭގެ މެޓް އޮފީހުން ބުނީ، މިރޭ 8:00 އިން ފެށިގެން 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، ދެކުނައި މެދުރާއްޖެ ތެރޭގެ އެކި ހިސާބަށް ވިއްސާރަކޮށް އަދި ގުގުރުން އެކަށީގެންވާ ކަމަށެވެ.

އަދި ދެކުނުގެ ރަށްތަކަށް ބޯކޮށް ވާރޭވެހެނޭނެ ކަމަށް ލަފާ ކުރެވޭއިރު އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަސް ވެސް މެޓް އޮފީހުން ވަނީ ލަފާ ކޮށްފައެވެ.

ވައި ޖެހޭނެ ގޮތް:

  • ހުޅަނގު ދެކުނާއި ހުޅަނގުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާ 23 މޭލު ދެމެދުގެ ބާރުމިނުގައި
  • އެހެން ހިސާބުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި
  • ވިލާގަނޑުގައި ގަދިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވޭ

މެޓް އޮފީހުން ބުނީ، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައިވާ ވިލާގަނޑުގައި ގަދަވާނެ ކަމަށާއި އެހެން ނަމަވެސް އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ.

އަދި އެންމެ ދެކުނުގެ ސަރަަހައްދަށް ބޯކޮށް ވާރޭވެހި އަދި ވައިގަދަވާނެތީވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި އެހެންކަމުން އެންމެހޭ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދޭ ކަމަށް މެޓް އޮފީހުން އެދެއެވެ.

މެޓް އޮފީހުން މާދަމާގެ މެންދުރުފަހު 2:15 އަށް ނެރެފައިވާ މޫސުމަށް އެލާޓަށް ބަލާއިރު ގއ. އަދި ސ. އަތޮޅުގެ ސަރަހައްދުތަކަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ. ވައިޓް އެލާޓް އާންމުކޮށް ނެރެނީ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި 50 މިލިމީޓރަށްވުރެ ގިނައިން ވިއްސާރަވެހޭނެ ކަމަށް ލަފާ ކުރާ ނަމައެވެ.

comment ކޮމެންޓް