ކުއްޖާގެ މަންމަ ކުރި ޕޯސްޓް ފެނިފައި ފެންކަޅިވި، އަދާ ކުރީ ގައުމީ ޒިންމާ!

ޕޮލިސް ލާންސް ކޯޕްރަލް މުހައްމަދު ރިފާއު--

މިއަދު އެތައް ބައެއްގެ ތައުރީފް އޮހެމުންދާ ޕޮލިސް ލާންސް ކޯޕްރަލް މުހައްމަދު ރިފާއު އަށް ހޯމަ ދުވަހުގެ ޑިއުޓީއަކީ ވެސް އާދައިގެ ދުވަހެއް ފަދަ ދުވަހެކެވެ. ހަލަބޮލިވެފައި މާލޭގެ މަގުމަތީގައި އެދުވަހު ވެސް އޭނާ މަސައްކަތް ކުރީ މަގުމަތި ބޭނުން ކުރާ ފަރާތަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

ނޫ ޔުނީފޯމްގައި ގަދަ އަވީގައި މަސައްކަތް ކުރަމުން ދަނިކޮށް ރިފާއު އަށް އިވުނީ ޓްރެފިކްގައި ޖެހިފައި އޮތް އަންހެނަކު އެހީތެރިކަމަށް އެދޭ އަޑެވެ. ރިފާއު އަށް އޭނާގެ ނޫ ޔުނީފޯމުން ލާޒިމްކޮށްފައިވާ ޒިންމާ އަދާކުރުމަށް އަވަސް ވެގަތެވެ.

"އަސްލު އަޅުގަނޑަށް އަންހެން މީހާ ގޮވި އަޑެއް ނީވޭ. ސޯސަންމަގުގައި ޓްރެފިކް ބަލަހައްޓަން ހުއްޓާ ސައިކަލުން އައި މީހަކު ބުނީ ކިޔުގައި އެބައޮތޭ އެމަޖަންސީކޮސް އޭޑީކޭއަށް ދާން ބޭނުންވެފައި އޮތް ޓެކްސީއެއް." ފުރަތަމަ ފަހަރަށް އެ ހާދިސާގެ ވާހަކަ މީޑިއާއަކާ ހިއްސާކުރަމުން "ސަން"އަށް ރިފާއު ކިޔައިދިނެވެ.

ރިފާއު ބުނީ އޭނާ އެވަގުތު ދެން އަަވަސްވެގަތީ އެ ޓެކްސީ ހޯދުމަށް ކަމަށާއި އެ ޓެކްސީ ފެނުމާ އެކު އެ އަންހެންމީހާ އެހީ އަށް އެދުނު ކަމަށެވެ.

ޑީސީޕީ އަބްދުﷲ ނަވާޒް(ކ) ލާންސް ކޯޕްރަލް މުހައްމަދު ރިފާއު(ވ)ގައި ހިދުމަތުގެ އަގުވަޒަން ކޮށް ސެޓްފިކެޓް ދެނީ--ފޮޓޯ/ޕޮލިސް

"އަޅުގަނޑު ކާރު ދޮރު ހުޅުވާލިތަނާއި އެ ކުއްޖާގެ މަންމަ ބުނީ ދަރިފުޅު ވަރަށް ބޮޑަށް ހުން އައިސްފައޭ ހޮސްޕިޓަލަށް ގެންދަން ބޭނުމޭ." ރިފާއު ކިޔައިދިނެވެ.

ރިފާއު ބުނީ އޭނާ އެ ކުޑަކުއްޖާ ކޮނޑުމައްޗަށް ލައިގެން ދުއްވައިގަތީ ކަމަށާއި އޭރުވެސް އެ ތުއްތު ކުއްޖާ ހުން އައިސްފައި އޮތުމުގެ ސަބަބުން އޭނާގެ ގައިން ނަގާ ހޫނު އޭނާ އަށް އިހްސާސް ވަމުން ދިޔަ ކަމަށެވެ.

"ކުއްޖާގެ ހާލު އޭރު ވަރަށް ސީރިއަސް. އަޅުގަނޑު އުރާލައިގެން އޮތް އިރު އޭނާ އޮތީ ކަރު އެރުވާލައިގެން ރޯން. އަޅުގަނޑުބެލީ އަވަހަށް ފަރުވާދެވޭތޯ. ﷲ އަށް ހަމްދުކުރަން އެ ކުއްޖާގެ ހާލު ރަނގަޅުވަމުން ދާތީ،" ރިފާއު ބުންޏެވެ.

ރިފާއު ބުނީ އެ ކުއްޖާގެ މަންމަ ފާތުމަތު ޝިފްނާ މުހަންމަދު ފޭސް ބުކްގައި ކުރި ޕޯސްޓް ފެނިފައި ފެންކަޅިވި ކަމަށެވެ. އަދި އެންމެންގެ ހިތްހެޔޮ ތައުރީފް ލިބޭނެ ކަމަށް އުންމީދު ނުކުރާ ކަމަށެވެ.

ރިފާއު ފުލުހުންގެ ސާވިސްގައި މަސައްކަތް ކުރާތާ މާ ގިނަ ދުވަހެއް ނުވެ އެވެ. އޭނާގެ ރަހުމަތްތެރިން ބުނާ ގޮތުން އެއީ ސަދާ މިޒާޖެއްގެ ހިތް ހެޔޮ ޒުވާނެކެވެ. ކޮންމެ ކަމަކަށް ވެސް ކެރޭ ނަމޫނާ ފުލުހެކެވެ. އޭނާ ދަންނަ މީހުން އޭނާއާ މެދު ދެކެނީ އޯގާތެރިއެއްގެ ގޮތުންނެވެ.

ރިފާއުގެ މުޅި މުޖްތަމައުއަށް ދިން މެސެޖު ސާފުވެފައި ސާދާ އެވެ. އޭނާ ބުނީ އެންމެން ވެސް ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކިގެން އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދެން އެދޭ ކަމަށެވެ.

ރިފާއު އެހީވެދިން ޝިފްނާ އަދި އޭނާގެ ދަރިފުޅު: ފޮޓޯ ފޭސްބުކް

"ވަކި ޔުނީފޯމެއް އެޅީމައެއް ނޫން ޒިންމާ އަދާކުރަންވީ. އިންސާނިއްޔަތުގެ ގޮތުން ވެެސް އެހީތެރިކަން ފޯރުކޮށްދެން ޖެހޭ،" ރިފާއު އޭނާގެ މެސްޖު ކިޔުންތެރިންނަށް ދިނީ މިހެންނެވެ.

ރިފާއު އަށް ތައުރީފް ކުރި ހުރިހާ އެންމެންނަށް އޭނާގެ ހިތުން ޝުކުރު އަދާކުރި އެވެ. އަދި އާއިލާ މީހުންނާއި މޯލްޑިވްސް ޕޮލިސް ސާވިސް އިން އޭނާ ކުރި މަސައްކަތުގެ އަގުވަޒަން ކުރިތީ އެކަމަށް ޝުކުރު އަދާކުރި އެވެ. އަދި ދަރިފުޅާއި މަންމައަށް ވެސް އޭނާ ޝުކުރު އަދާ ކުރި އެވެ.

ރިފާއު އެހީވި ކުއްޖާގެ މަންމަ ރިފާއު އާ ބައްދަލުކޮށް ޝުކުރު އަދާ ކުރަން ބޭނުންވާ ފަދައިން އޭނާ ވެސް ހުރީ އެ ދެމައިންނާ ބައްދަލުވާނެ ކަމުގެ އުންމީދުގަ އެވެ.

ރިފާއު މާދަމާ ވެސް ދިވެހިންގެ ހައްގުގައި ޑިއުޓީއަށް ނުކުންނާނެ އެވެ. އޭނާގެ ނޫ ޔުނީފޯމާއި ގުރާފެހިކުލައިގެ ވެސްޓުގައި މަގުމަތީގެ ކޮންމެވެސް ހިސާބެއް އަނެއްކާ ވެސް ކޮންމެވެސް އެހެން ދިވެއްސަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ހުންނާނެ އެވެ. ގަދަ އަވީގައި މަސައްކަތް ކުރާ ރިފާއު ފަދަ ފުލުހުން ބައިވަރެވެ. މިއަދު ރިފާއު ހާއްސަވީ އޭނާގެ ވާހަކަ އާންމު ރައްޔިތަކު ދެއްކީމަ އެވެ. މުޖްތަމައު އަށް އެދެވޭ ބަދަލެއް އަންނާނީ މިފަދަ "ހީރޯ" އިންގެ ވާހަކަ ދައްކައިގެންނެވެ. ޔުނީފޯމް އެޅިއަސް ނޭޅިއަސް މައްސަލައެއް ނޫނެވެ. އެހީތެރިވާ ކޮންމެ މީހަކީ ހީރޯއެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް