ސީއައިއޭ ޑިރެކްޓަރު، ކިމް އަރިހަށް ސިއްރު ދަތުރުފުޅެއް ކުރެއްވި: އެމެރިކާ މީޑިއާ

ސީއައިއޭގެ ޑިރެކްޓަރު މައިކް ޕޮމްޕިއޯ އުތުރު ކޮރެއާއަށް ވަޑައިގެންނެވީ އެމެރިކާގެ ރައީސާއި އުތުރު ކޮރެއާގެ ލީޑަރުގެ ބައްދަލުވުމަށް ތައްޔާރުވުމުގެ ގޮތުން -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (އޭޕްރިލް 18): އެމެރިކާގެ ޖާސޫސީ އިދާރާ، ސީއައިއޭގެ ޑިރެކްޓަރު މައިކް ޕޮމްޕިއޯ މީގެ ދެ ހަފްތާ ކުރިން އުތުރު ކޮރެއާއަށް ސިއްރު ދަތުރުފުޅެއް ކުރައްވައި، އެގައުމުގެ ލީޑަރު ކިމް ޖޮންގް އުންއާ ބައްދަލުކުރެއްވި ކަމަށް އެމެރިކާގެ މީޑިއާތަކުން ބުނެފިއެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ކަމަށް މިދިޔަ މަހު ޕޮމްޕިއޯގެ ނަން ހުށަހެޅި ފަހުން އޭނާ އުތުރު ކޮރެއާއަށް ވަޑައިގަތް ކަމަށް ފުރަތަމަ ރިޕޯޓު ކުރީ ވޮޝިންޓަން ޕޯސްޓުންނެވެ.

އެމެރިކާގެ ސަރުކާރުގެ ނަން ހާމަކުރަން ބޭނުންނުވާ އޮފިޝަލުންތަކަކާ ހަވާލައިދީ ޕޯސްޓުގައިވާ ގޮތުން އެބައްދަލުވުމުގެ ބޭނުމަކީ އަންނަ މަހު ބާއްވަން ހަމަޖެހިފައިވާ ރައީސް ޑޮނަލްޑް ޓްރަމްޕާއި ލީޑަރު ކިމްގެ ބައްދަލުވުމަށް ތައްޔާރުވުމެވެ.

އޭގެ ފަހުން ރޮއިޓާސްއިން ވަނީ ޕޮމްޕިއޯ އުތުރު ކޮރެއާއަށް ވަޑައިގަތްކަން ޔަގީންވެފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ.

އަދި އިއްޔެ ރައީސް ޓްރަމްޕް ވަނީ އެމެރިކާއިން އުތުރު ކޮރެއާއާއެކު "މަތީ ފަންތީގެ، ސީދާ ވާހަކަތައް" ބާއްވާފައި ވާކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ވައިޓް ހައުސް އާއި ސީއައިއޭއިން އެބައްދަލުވުމާ ބެހޭ ގޮތުން އަދި ވަކި އެއްޗެކޭ ބުނެފައި ނުވެއެވެ.

ޕޮމްޕިއޯގެ ދަތުރުފުޅަކީ 2000 ވަނަ އަހަރުގެ ފަހުން އުތުރު ކޮރެއާގެ ލީޑަރަކާ އެކު އެމެރިކާއިން ބޭއްވި އެންމެ މަތީ ފަންތީގެ ބައްދަލުވުމެވެ. އެއަހަރު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މެޑެލައިން އޯލްބްރައިޓް ވަނީ މިހާރުގެ ލީޑަރުގެ ބައްޕާފުޅު އަދި އެގައުމުގެ ކުރީގެ ލީޑަރު ކިމް ޖޮންގް އިލްއާ ބައްދަލު ކުރައްވާފައެވެ.

(ބީބީސީ)

comment ކޮމެންޓް