މައުމޫން އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމަވައިފި އެވެ.

ޒެޑް ފެކްޝަނުގެ އިސް އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް މިއަދު ވިދާޅުވީ، މައުމޫން އިސްކޮށް ހުންނަވައިގެން ސިޔާސީ ޕާޓީއެއް އުފައްދަން ނިންމެވީ ރޭ ޒައީމް އޮފީހުގައި ބޭއްވި ޒެޑް ފެކްޝަނުގެ ކައުންސިލް ބައްދަލުވުމުގައި ކަމަށެވެ. ޒައީމް މައުމޫން ރިޔާސަތު ބެލެހެއްޓެވި އެ ބައްދަލުވުމުގައި އިދިކޮޅު ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުންނާއި ކުރީގެ ކެބިނެޓް މިނިސްޓަރުން ވެސް ބައިވެރިވެ ވަޑައިގަތެވެ.

ރޭގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ހަތަރު ބޭފުޅަކު ފިޔަވައި އެހެން އެންމެން ޕާޓީ ހަދަން ތާއީދުކުރި ކަމަށް އެނގިފައިވެ އެވެ. އަދި ކައުންސިލް މެމްބަރުންގެ ވާހަކައަށް ފަހު ނިންމާލަމުން ޒައީމް ވެސް ވަނީ ޕާޓީ ހައްދަވަން އެމަނިކުފާނު ތާއީދުކުރައްވާކަން އިއުލާންކުރައްވައިފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޒައީމް ވިދާޅުވީ، ޕާޓީ ހަދަން ތާއީދުކުރައްވާ ކަމަށާއި ތިން ދުވަހުގެ ތެރޭގައި އެކަން އިއުލާންކުރާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ޕާޓީ ހެދުމާ ދެކޮޅަށް ރޭ ވާހަކަ ދެއްކެވި މެމްބަރުންގެ ތެރޭގައި އުމަރު ނަސީރާއި މާޒް އަހްމަދު ސަލީމާއި ޑރ. މުހައްމަދު ސައުދު ހިމެނެ އެވެ.

ކުރިން ވާހަކަ ދެއްކެވި ޑީއާރްޕީގެ އޮފިޝަލު ވިދާޅުވި ގޮތުގައި، ޕާޓީ ހެދުމާ ދެކޮޅަށް އެ މެމްބަރުން ވާހަކަ ދެއްކެވީ ސިޔާސީ ޕާޓީއެއް އުފައްދައިގެން މެމްބަރުން ނުލިބޭނެތީ އާއި ފައިސާ މައްސަލަތައް ކުރިމަތިވާނެތީ އެވެ.

"އެންމެ ބޮޑު މައްސަލައަކީ ފައިސާގެ މައްސަލަ. އެކަމަކު މިހާރު ވެސް ޒެޑް ފެކްޝަނުގެ ނަމުގައި ޕާޓީއެއް ނުންހޭ މިހިންގެނީ ދެން ތިއްބެވި ބޭފުޅުން ވިދާޅުވީ އެހެންވެ ފައިސާގެ މައްސަލައެއް ނުނުކުންނާނޭ." އޭނާ ވިދާޅުވި އެވެ. އަދި ޕާޓީ ހަދަން ގިނަ ބަޔަކު ތާއީދުކުރީ އަންނަ ރިޔާސީ އިންތިހާބުގައި ޒެޑް ފެކްޝަނުގެ ނަމުގައި ކެންޑިޑޭޓެއް ނެރެވޭނެ ކަމަށް ނުފެންނާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޒައީމް މައުމޫންގެ ޕާޓީއަށް ކިޔާނެ ނަމެއް އަދި ނިންމައިފައެއް ނުވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު