ހަތް ހެކްޓަރުން 17 ހެކްޓަރަށް، ކޮމަންޑޫ ރައްޔިތުން ބާރަށް އަތްޖަހަނީ!

ކޮމަންޑޫ ބިން ހިއްކާ ނިމިފައި --- ފޮޓޯ: ފޭސްބުކް

ށ. އަތޮޅާ ވަކިން ރ. އަތޮޅު ތެރޭގައި ހެން އޮންނަ ކޮމަންޑޫ އަކީ ހިތްހެޔޮ އަދި މަސައްކަތްތެރި ރައްޔިތުންތަކެއް ދިރިއުޅެމުންދާ ރަށެކެވެ. އާމްދަނީ ހޯދުމަށް ގިނަ ބަޔަކު މަސްވެރިކަން ކުރާ އެ ރަށަށް ބަލާއިރު އާބާދީގައި 1800 އެއްހާ މީހުން އަންނަނީ ދިރިއުޅެމުންނެވެ.

ކޮމަންޑޫ ރައްޔިތުންނަށް ޒަމާނުންސުރެ ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބިމުގެ ދަތިކަމެވެ. ބޮޑު މިނުގައި ހަތް ހެކްޓަރު ހަމަނުވާ ކޮމަންޑޫ ރައްޔިތުން ބިމުގެ ދަތިކަމާ ހުރެ ތަރައްގީގެ ދުވެލީގައި އެތައް ތަނެއް ފަހަތުގައި އުޅޭތާ ދުވަސްތަކެއް ވެއްޖެ އެވެ. މީގެ 26 އަހަރު ކުރިން އެ ރަށު ރައްޔިތުންނަށް ގޯތި ދޫކުރި ފަހުން އަދި މިއަދާ ހަމައަށް ވެސް ގޯތި ދޫކޮށްފައެއް ނުވެ އެވެ. އަދި ރާޅު އަރާ މޫސުމެއްގައި ބަނދަރާއިވީ ފަރާތް ނޫން ހުރިހާ ފަރާތަކުން ގެތަކަށް ރާޅު އަރަ އެވެ.

ކުޑަކުޑަ ރަށުގައި އެއްވެސް ހިތްހަމަޖެހުމަށް ނެތި އެ ރައްޔިތުން އުޅެމުންދަނިކޮށް އުންމީދުގެ އަލިކަމެއް ފެނުނީ 2012 ވަނަ އަހަރު އެވެ.

އެ ރަށުގެ ބިން ބޮޑު ކުރުމަށް އޭރުގެ ސަރުކާރުން ހައިމާކުތަކާއި ލޯޑަރުތައް ގެނެސް ރަށަށް ބޭލުމާ އެކު އެ އުންމީދު އިތުރުވެގެން ދިޔަ ކަމަށް އެ ރަށު ރައްޔިތުން ބުނެ އެވެ. ނަމަވެސް ފަސްކޮޅެއް އަޅާލުމަށް ފަހު މަސައްކަތް އިތުރަކަށް ކުރިއަށްދާ ގޮތެއް ނުވި އެވެ. ވީ ނުވީއެއްވެސް ނޭންގުނީ އެވެ. ރައްޔިތުން ކުރަމުން އައި އުންމީދު ފެނަށް ދިޔައީ ކަމަށް ބަލައި މާޔޫސްވެފައި ތިބި ރައްޔިތުން ބިމުގެ ގޮންޖެހުމުން އަރައިގަތުމަށް ދެކެމުން އައި ހުވަފެން ބިލާހަކަށް ހަދާ ނިންމައިފި އެވެ.

ކޮމަންޑޫ ބިންހިއްކުމުގެ މަސައްކަތް ފަށަނީ--- ފޮޓޯ/ އެމްޓީސީސީ

ދިރުމެއް އޮތަސް، އެ ދިރުން އިތުރަށް ތަރައްގީކޮށް ހަލުވިކަމާ އެކު ކުރިއަރަމުން އަންނަ އިގްތިސާދުގައި ކިތަންމެ ފައި ހަމަކުރަން ބޭނުންވިޔަސް އެކަން ކުރެވޭނެ އެއްވެސް ގޮތެއް ނެތި މާޔޫސްވެފައިވާ ރައްޔތިުންނަށް އުންމީދެއް ގެނެސްދެއްވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ.

އެމްޓީސީސީ އިން 36 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހަދާފައިވާ ޑްރެޖަރު "މަހާ ޖައްރާފް" ކޮމަންޑޫގައި ބަނދަރުކުރީ މި ހިނގާ އޭޕްރީލް މަހުގެ 5 ވަނަ ދުވަހު އެވެ. ށ. އަތޮޅު ފުނަދޫގެ އެއާޕޯޓް އަޅާ ބިން ހިއްކުމަށް ފަހު ކޮމަންޑޫ ރައްޔިތުންނާއި ހިސާބަށް މަހާ ޖައްރާފް ދިޔައިރު މާޔޫސްވެފައި ތިބި އެތައް ރައްޔިތަކަށް އުންމީދު ލިބިގެން ދިޔަ ކަމަށް އެ ރަށުގެ ރައްޔިތުން ބުނެ އެވެ.

"މަހާ ޖައްރާފް ފެނުމާ އެކު ދެން އެނގިއްޖެ މިކަން ވެދާނެ ކަން. ލޮލުން ކަރުނަ ހިލުނު ވަގުތުކޮޅެއް އެއީ އެ މަސައްކަތް ނިމުނު ވަގުތު އެއީ،" ކޮމަންޑޫ އިން ވާހަކަ ދެއްކި އިސް ރައްވެއްސަކު ބުންޏެވެ.

ކޮމަންޑޫގެ ބިން ހިއްކުމުގެ މަޝްރުއު ނިންމާލާފައި ވަނީ މިމަހުގެ 16 ވަނަ ދުވަހު އެވެ. ކޮމަންޑޫ ކައުންސިލްގެ ރައީސް މުހައްމަދު މުފީދް"ސަން"އަށް ވިދާޅުވީ މިއީ އެތައް ޒަމާނުންސުރެ ކޮމަންޑޫ ރައްޔިތުން ކުރަމުން ދިޔަ އުންމީދުގެ އަދި އިންތިޒާރުގެ ފޮނި ނިމުން ކަމަށާއި ހުރިހާ ރައްޔިތުން ވެސް ތިބީ އުފަލުން ކަމަށެވެ.

"މިއީ ވަރަށް އުފާވެރިކަމެއް. ހުރިހާ ރައްޔިތުން ވެސް ވަރަށް އުފާ ކުރޭ މިކަން ހަގީގަތަކަށް ވުމުން. މީގެ ކުރިން ރަށުގެ ތިން ފަރާތުން ހޭޅި ފަށުގައި ހުރި ގެތައް ހުރީ ގާތްގަނޑަކަށް މޫދުގައި." މުފީދް ވިދާޅުވި އެވެ.

މުފީދް ވިދާޅުވީ އަލަށް ހިއްކި ސަރަހައްދުގައި ހައުސިން ޔުނިޓްތަކެއް އަޅަން ސަރުކާރުގެ ވިސްނުން އެބަހުރި ކަމަށާއި އޭގެ އިތުރުން ފިނި މައިޒާނަކާއި އިންޑަސްޓްރިއަލް ބޭނުމަށް ބިން ދޫކުރުމަށް ކައުންސިލްގެ ވިސްނުން އެބަހުރި ކަމަށެވެ. އަދި މިހާރު ރަށު ތެރޭގައި ހުރި އިންޖީނުގެ ހިއްކި ސަރަހައްދަށް ބަދަލު ކުރުމުގެ ވިސްނުން ހުރި ކަމަށް ވެސް މުފީދު ވިދާޅުވި އެވެ.

މިއަދާ ހިސާބަށް ވެސް ކޮމަންޑޫ ރައްޔިތުންގެ އިޖްތިމާއި އެތައް މައްސަލައަކަށް ހުރަސް އެޅިފައިވާ ބިމުގެ ދަތިކަން ހައްލުވުމާ އެކު އެރަށު ރައްޔިތުން ބުނީ "ދެން އަތް ޖަހަންވީ ބާރަށް" ކަމަށެވެ.

"ދެން ނޫންތޯ އަތް ޖަހަންވީ. މިއީ ހުވަފެނަކުން ވެސް ނުފެންނަ ކަމެއް. ދެ ހަފްތާތެރޭގައި ހަތް ހެކްޓަރުން 17 ހެކްޓަރަށް އެ ބަދަލުކޮށްލީ. ތަރައްގީއަކީ މިއީ،" ކޮމަންޑޫ އިން ވާހަކަ ދެއްކި އެރަށު ވިޔަފާރިވެރިއަކު ބުންޏެވެ.

މަހާ ޖައްރާފާ އެކު ކޮމަންޑޫ ފަދަ ބިމުގެ ދަތިކަން ހުރި ރަށްރަށް އެކަން ހައްލު ކޮށްދެވިގެންދާނެ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.

"ރާއްޖޭގައި މިއޮތް ބަނދަރުގެ ދަތިކަމަކީ ބިމުގެ ދަތިކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މާޒީ ކުރާނެ ސޮފުހާ އެއްގެ ގޮތުގައި މާޒީ ކުރާނެ މައުޟޫއެއްގެ ގޮތުގައި އަޅުގަނޑުމެން މިއަދު ވެސް ހިޔާލަށް އެބަ ގެންނަން ޖެހޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ކޮމަންޑޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަށް މި އަހަރުގެ ބަޖެޓުގައި 11 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހިމަނާފައިވެ އެވެ.

comment ކޮމެންޓް