ރެފްރީ އޮލިވާއަށް ކުރާ ފުރައްސާރަތައް ޔޫއެފާއިން ކުށްވެރިކޮށްފި

ޔުވެންޓަސް މެޗުގައި މައިކަލް އޮލިވާ ނިންމި ނިންމުމާ ގުޅިގެން އެ ޓީމުގެ ކުޅުންތެރިން ނުރުހުން ފާޅުކުރަނީ --- ފޮޓޯ/ އޭޕީ

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ދެވަނަ ލެގުގައި ރެއާލް މެޑްރިޑާއި ޔުވެންޓަސް ވާދަކުރި މެޗުގެ ރެފްރީކަން ކުރި އިނގިރޭސިވިލާތުގެ މައިކަލް އޮލިވާ އަދި އޭނާގެ އަންހެނުން ލޫސީ އޮލިވާއަށް ކުރަމުންދާ ފުރައްސާރަތައް ޔޫއެފާއިން ކުށްވެރިކޮށްފި އެވެ.

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ދެވަނަ ލެގުގައި ރެއާލް އާއި ޔުވެންޓަސް ވާދަކުރި މެޗު 3-3ގެ އެގްރިގޭޓް ނަތީޖާއަކުން އެއްވަރުވާން ދަނިކޮށް، މެޗުގެ ފަހު މިނެޓުގައި ރެއާލްއަށް ވަނީ ޕެނެލްޓީއެއް ލިބިފަ އެވެ.

ޔުވެންޓަސްގެ ޑިފެންޑަރު މެދީ ބެނާޝިއާ، ރެއާލްގެ ފޯވަޑް ލޫކަސް ވަޒްކުއޭޒްއަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ އޮލިވާ ދިން ޕެނެލްޓީއާ އެކު މެޗުގެ ތެރެއިން ވެސް ޔުވެންޓަސް ކުޅުންތެރިންގެ ފަރާތުން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރިތަން ފެނުނެވެ. ހާއްސަކޮށް ކެޕްޓަން ޖީޖީ ބުފަން ވަނީ ވަރަށް ބޮޑަށް ރެފްރީއަށް ނުރުހުން ފާޅުކޮށްފަ އެވެ. ބުފަންގެ އަމަލުތަކާ އެކު ރެފްރީ އޭނާއަށް ރަތް ކާޑު ދެއްކި އިރު، މެޗަށް ފަހު ބުފަން ވަނީ ރެފްރީ އަދި އޭނާ އަންހެނުންނަށް އަމާޒުކޮށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދީފަ އެވެ.

ބުފަންގެ އިތުރުން އިޓަލީގެ މީޑިއާ އަދި ރެއާލްއާ އިދިކޮޅު ގިނަ ސަޕޯޓަރުންތަކެއް ވެސް ރެފްރީ އޮލިވާ އަދި އޭނާގެ އަންހެނުންނަށް އަމާޒުކޮށް ގިނަ ފުރައްސާރަތަކެއް ކޮށްފައިވާ އިރު، ޔޫއެފާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބުފަން އަދި ސަޕޯޓަރުންގެ އަމަލުތައް ވެސް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

"އޮލިވާ އާއި އޭނާގެ އަންހެނުންނާ ޔޫއެފާއިން ބައްދަލުކޮށް، ހިތްވަރު ދީފިން. މީސް މީޑިއާގެ އިތުރުން މެޗުގައި ވެސް ރެފްރީއަށް ފުރައްސާރަކުރި ހުރިހާ އެންމެނަށް ވެސް ހައްގު އަދަބު ދިނުމަށް ހުރިހާ ކަމާބެހޭ ފަރާތްތަކަށް ގޮވާލަން،" ޔޫއެފާގެ ބަޔާނުގައިވެ އެވެ.

ޔޫއެފާގެ ބަޔާނުގައި ބުނެފައި ވަނީ ރެފްރީއަށް ކުރިމަތިކުރާ އިންޒާރުތަކާއި ފުރައްސާރަތަކަކީ ގަބޫލުކުރެވޭ ކަންކަން ނޫން ކަމަށާއި އެފަދަ ކަންކަން ހިންގި ފަރާތްތަކުގެ މައްސަލަ ބަލަމުންދާ ކަމަށެވެ.

ރެފްރީ އޮލިވާ އަދި އޭނާގެ އަންހެނުން ލޫސީއަކީ ވެސް ރެފްރީއެކެވެ. އެ ދެމީހުނަށް ވެސް ގިނަ ބައެއްގެ ފަރާތުން އިންޒާރުތައް ދީފައިވާ އިރު، އިނގިރޭސިވިލާތުގެ ޕޮލިހުން ބުނެފައި ވަނީ އިންޒާރުތައް ދިނުމުގެ މައްސަލަތައް ބަލާނެ ކަމަށެވެ.

comment ކޮމެންޓް