18/30 ވުމަންސް ފުޓްސަލް ފިއެސްޓާ: ފައިނަލް ޕްރިވިއު

ވުމަންސް ފުޓްސަލް ފިއެސްޓާ ސެމީ ފައިނަލްގައި އެމްޕީއެލްއާާއި ކަސްޓަމްސް ވާދަކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުޙައްމަދު ޝަމްޢޫން

ކްލަބް މޯލްޑިވްސް ކަޕްގެ އަންހެން ބައި، 18/30 ވުމަންސް ފުޓްސަލް ފިއެސްޓާގެ ފައިނަލް މިރޭ އޮންނާނެ އެވެ.

މެދުކެނޑުމެއް ނެތި 12 އަހަރު މިހާތަނަށް ބާއްވާފައިވާ ކްލަބު މޯލްޑިވްސް ކަޕްގައި މިއަހަރު ވެސް ފިރިހެން ޑިވިޝަންގެ 32 ޓީމު، އަދި 18/30 ވުމަންސް ފުޓްސަލް ފިއެސްޓާގައި މިފަހަރު ނުވަ ޓީމު ވާދަކޮށްފައިވެ އެވެ.

މިރޭ އޮންނަ ފައިނަލްގައި ވާދަކުރާނީ ޕޮލިސް ކްލަބު އަދި އެމްޕީއެލް އެވެ.

ޕޮލިސް ކްލަބު

ޕޮލިސް ކްލަބުގެ ސަބްރިތާ ބަންޑާރީ --- ފޮޓޯ/ ކްލަބު މޯލްޑިވްސް

މި ފަހަކަށް އައިސް ކްލަބު މޯލްޑިވްސް ކަޕްގައި އެންމެ ވަރުގަދަ ނަމަކީ ނޭޕާލް ގައުމީ ޓީމުގެ ސަބްރިތާ ބަންޑާރީއެވެ. މިރޭގެ ފައިނަލަށް ނުކުންނަ އިރު ޕޮލިސް ކްލަބަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ވެސް ޓީމުގައި އޭނާ ހުރެ، ރަނގަޅު ފޯމެއްގައި ހުރުމެވެ. ހާއްސަކޮށް ޕޮލިހުގެ ބިދޭސީ ދެ ކުޅުންތެރިންނަކީ ވެސް ނޭޕާލްގެ ގައުމީ ޓީމުގެ ދެ ކުޅުންތެރިންނަށް ވުމުން އެކަމުގެ ފައިދާ ޓީމުން ނަގާތަން ފެނެ އެވެ.

ޕޮލިސް ޓީމަކީ ހަމައެކަނި ބިދޭސީ ދެ ކުޅުންތެރިންގެ މައްޗަށް ބިނާވާ ޓީމެއް ވެސް ނޫނެވެ. މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައިވާ ޕޮލިސް ޓީމުގައި ރާއްޖޭގެ އަންހެން ފުޓުބޯޅައިގައި ދެވަނައެއް ނުވާ ފަދުވާ ޒާހިރުގެ އިތުރުން ގައުމީ އަންހެން ފުޓުބޯޅަ ޓީމުގައި ހިމެނޭ ސަންފަ އިބްރާހީމާއި ފާތިމަތު ޒާހިރާ (ޒާއްޕޮ)ވެސް ހިމެނެ އެވެ.

ގްރޫޕް ސްޓޭޖު އަދި ދެވަނަ ބުރުގެ ވެސް ހުރިހާ މެޗެއް ކާމިޔާބުކޮށް ޕޮލިސް ފައިނަލަށް ދިޔައީ ސެމީގައި މިދިޔަ އަހަރުގެ ޗެމްޕިއަން ފެނަކަ ކަޓުވާލުމަށް ފަހުގަ އެވެ. މިހާތަނަށް ކުޅުނު ފަސް މެޗުން ވެސް ގިނަ ގޯލްތަކެއް ޖަހާފައިވާ ޕޮލިސް ޓީމު ކޮޅަށް އަދި ވަދެފައި ވަނީ އެންމެ ތިން ގޯލެވެ.

ކޯޗު: ހުސައިން ޝިފާޒު

އެމްޕީއެލް

އެމްޕީއެލްގެ އީރާން ގޯލް ކީޕަރު އަޒާމް އަކުހޯންޑީ އަބާޑްޖީ --- ފޮޓޯ/ ކްލަބު މޯލްޑިވްސް

އެމްޕީއެލްއަކީ ކްލަބު މޯލްޑިވްސްއާ ވަރަށް ރައްޓެހި ނަމެކެވެ. ފިރިހެން ޑިވިޝަން އަދި އަންހެން ޑިވިޝަންގައި ވެސް އެމްޕީއެލްއަކީ ފާހަގަ ކޮށްލެވޭ މުހިއްމު ނަމެކެވެ.

އީރާންގެ ކީޕަރު އަޒަމް އަކުހޯންޑީ އަބާޑްޖީ އަދި ހަމަ އެގައުމުގެ ސެޔެދެހްޒާރާ އަހުމަދީޒާދޭގެ މޮޅު ކުޅުން އެމްޕީއެލް ޓީމުން ފެނިގެންދާ އިރު، އެޓީމުގެ ދިވެހި ކުޅުންތެރިންނަކީ ވެސް ރާއްޖޭގެ އަންހެން ފުޓުބޯޅައިގެ ތަރިންނެވެ. އެގޮތުން ފާތިމަތު ޝާމިލާ، ފާތިމަތު ޝާލިޔާ (ޝާ)ގެ އިތުރުން މަރިޔަމް ރިފާ (މަރިލީން)، ފަރާ އަހުމަދު އަދި ވޮލީ ގައުމީ ޓީމުގައި ވެސް މުހިއްމު ރޯލެއް އަދާ ކުރާ ފާތިމަތު ޖޫޒާން ޒަރީރަކީ އެމްޕީއެލް ޓީމުން ފާހަގަކޮށްލެވޭ ދިވެހި ފުޓުބޯޅަ ތަރިންނެވެ.

މިހާތަނަށް މުބާރާތުގައި ކުޅުނު ފަސް މެޗުންވެސް އެމްޕީއެލް ކޮޅަށް ވަދެފައި ވަނީ އެންމެ ދެ ގޯލެ އެވެ. އެމްޕީއެލް ފައިނަލަށް ވެސް ދަތުރުކުރީ ސެމީގައި ބޮޑު ތަފާތަކުން ކަސްޓަމްސް ރެކްރިއޭޝަން ކްލަބު ބަލިކޮށްގެންނެވެ.

މުބާރާތަށް ނުކުތްއިރުވެސް އެމްޕީއެލްއަށް އޮތް އެންމެ ބޮޑު އިތުބާރަކީ ކްލަބު މޯލްޑިވްސް ދުތް އެންމެ މޮޅު އެއް ކުޅުންތެރިޔާ އެޓީމުގެ ކޯޗު ކަމުގައި ހުރުމެވެ. އަހުމަދު ވިސާލް (އަންދު) އާއެކު އެމްޕީއެލްގެ ފިރިހެން ޓީމު ސެމީން ކެޓި ނަމަވެސް އަންދުގެ އުންމީދަކަށް ވާނީ އަންހެން ޓީމާއެކު ތަށި އުފުލާލުން ކަން ޔަގީނެވެ.

ކޯޗު: އަހުމަދު ވިސާލް (އަންދު)

މިރޭގެ ފައިނަލް ޔަގީނުން ވެސް ފޯރި ގަދަވާނެ އެވެ. ރާއްޖޭގެ ތިބި އެންމެ ވަރުގަދަ ކުޅުންތެރިންގެ ކުރިމަތިލުމެއް ފެނިގެންދާ މެޗަށް އިންތިޒާރު ކުރަމާ ހިނގާށެވެ.

މެޗު ގަޑި: 20:30 (17-04-2018)

މެޗު އޮންނަ ތަން: މާފަންނު މިނީ ގްރައުންޑް (ގްރައުންޑް 2)

comment ކޮމެންޓް