965 އިން 1439 ވަނަ އަހަރަށް، އަދުއްވުން އަދިވެސް ތިބީ އިންތިޒާރުގައި!

އަލިރަސްގެފާނު މަޤުބަރާ -- ސަން ފޮޓޯ

ހިޖުރައިން 965 ވަނަ އަހަރު ރަޖަބު މަހުގެ ފަހުދުވަހަށް އިރު އޮއްސިއްޖެ އެވެ. މާލޭގެ މަގުތަކަށް ވެރިވި އަނދިރިކަމާ އެކު ރަށްވެހިން އިންތިޒާކުރަމުން ދިޔައީ އަނެއް ދުވަހުގެ އިރުއަރާނެ ވަގުތަކަށެވެ. އެމީހުންގެ މަސައްކަތަށް އެނބުރި ރުޖޫއަވެވޭނެ އިރެއްގެ އިންތިޒާރުގަ އެވެ. ހަމަ ހިމޭން ނިންޖަކުން ރައްޔިތުން ލޯމަރާލީ މާދަމާ ކުރިމަތިވެދާނެ ނުރައްކަލެއްގެ އެއްވެސް އިންޒާރަކާ ނުލާއެވެ. އޭރު ރާއްޖޭގެ ތަހުތުގައި އިންނެވީ އައްސުލްތާނުލް ޢަލީ (ހަވަނަ) ސިރީ އައުދަ ސިޔާސަ ކައްތިރި ބަވަނަ މަހާރަދުންނެވެ. މަޝްހޫރު އަލި ރަސްގެފާނެވެ.

އޭރުވެސް މި ކުޑަކުޑަ ގައުމަށް ލޯއަޅާ ލޯތައް ބައިވަރެވެ. ދަހިވެތިކަމާ އެކު ބަލަމުންދިޔަ ދުނިޔޭގެ ބާރުތައް ބައިވަރެވެ. ޝައުބާން މަހުގެ އެއްވަނަ ދުވަހުގެ އިރު އެރީ އެފަދަ ނުރައްކާތެރިކަމަކާ އެކު އެވެ. އަރައިގެން އައި އިރާ އެކު މާލޭގެ ހުޅަނގު ފަރާތު ބަނދަރުމައްޗަށް ވަނީ، ދިވެހިރާއްޖެއަށް ދަހިވެތިވެ، ފެންބޮވައިގެންފައި ތިބި ޕޯޗުގީޒު ހަނގުރާމަވެރީންގެ ލަޝްކަރު ޖަމާވެފަ އެވެ.

އަލީ ރަސްގެފާނަށް މި ހަބަރު ލިބިވަޑައިގަތުމާ އެކު ނިންމެވީ ދުޝްމަނުންނަށް ރައްދު ޖަވާބު ދެއްވުމަށެވެ. ދީނާއި ގަމުގެ ހައްގުގައި ހަނގުރާމަކޮށް ދުޝްމަނުންގެ އަތުން ގައުމު ސަލާމަތް ކުރުމަށެވެ. އެތެރެކޮއިލުން ވަޒީރުންނާއި އަރިސް ބޭކަލުން ގެންނަވައި ހަނގުރާމައާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ފެއްޓެވި އެވެ. އެ މަޝްވަރާތަކަށް ފަހު ޕޯޗުގީޒުންގެ ބިޔަ ލަޝްކަރާ ކުރިމަތިލައްވަން އެމަނިކުފާނު ނުކުންނެވީ ގައުމީ ލޯތްބާއި އިސްލާމީ ވަރުގަދަ އަޒުމުގަ އެވެ.

ހަނގުރާމައިގެ މައިދާނުގައި ދެ ބައިމީހުން ބައްދަލުވެއްޖެ އެވެ. ބިޔަ ލަޝްކަރާ ކުރިމަތިލާން ތިބީ ދިވެހި މަދު މީސްކޮޅެކެވެ. ދެން ފެނިގެންދިޔައީ ފިނޑިންގެ ތެރޭގައި ހިމެނުނު ބަޔަކު ދިވެހި ލަޝްކަރުގެ ތެރެއިން ނުކުމެ ފިލައިގެން ދިޔަތަނެވެ. އެންމެ ފަހުން ލަޝްކަރުގައި ބާކީ ހުންނެވީ އަލި ރަސްގެފާނު ގިނިކަންޏާއެވެ. އިސާ ހިތަކު އެމާތް ހަށިކޮޅަށް ދުޝްމަނުން ފޮނުވާލި ތީރެއް އަރައި އެ ރަސްގެފާނު ޝަހީދުވެގެން ދިވެހި ބިންމައްޗަށް ވެއްޓިއްޖެ އެވެ. ތަހުތުގައި ހޭދަ ކުރެއްވީ ދެ މަހާއި 15 ދުވަހެވެ. ފަހު ދުވަހު ވެސް ހުންނެވީ ގައުމުގެ ހައްގުގަ އެވެ. މިއީ ދިވެހިންގެ މިނިވަންކަން ގެއްލުނު ފުރަތަމަ ފަހަރެވެ.

މިއަދަކީ 1439 ވަނަ އަހަރުގެ ޝައުބާން މަހުގެ އެއްވަނަ ދުވަހުއެވެ. އަލި ރަސްގެފާނުގެ ޖިހާދަށް 474 އަހަރު ފާއިތުވެގެން ދިޔައީ އެވެ. ނަމަވެސް އެ ބިރުވެރިކަން އިރުއަރައި އިރު އޮއްސޭ ކޮންމެ ދުވަހަކު މި ގައުމާއި ކުރިމަތިވަމުންދެ އެވެ. ގައުމުގެ އަދުއްވުން އަދިވެސް ތިބީ ބަލާށެވެ. ދަނޑިވަޅެއްގެ އިންތިޒާރުގައެވެ. ފަހަރުގައި ކަނޑި ބަޑި ހިފައިގެން ގައުމާ ތޮޅެން އެބައި މީހުން ނައިސް ދާނެއެވެ. ނަމަވެސް މިއަދު އެންމެ ނުރައްކާތެރި ހަތިޔާރަކީ ފިކުރެވެ.

އަލި ރަސްގެފާނު ގިނިކަންޏާ ފަހުވަގުތާ ހަމައަށް މަސައްކަތް ކުރައްވަން ޖެހިވަޑައިގަތީ ބަޔަކު ހިޔާނަތްތެރިވުމުންނެވެ. ހުސައިން އާދަމް އަދި އެތައް ބައިވަރު ދިވެހިން 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ޝަހީދުވީ ގައުމަށް ގައްދާރުވި ބައެއްގެ ސަބަބުންނެވެ. އެހެން ކަމަށްވާނަމަ ގައުމާ ތޮޅެން އަންނަ ކޮންމެ ފަހަރަކު އަމިއްލަ ފަސްގަނޑަށް ގައްދާރުވާ މީހުން ހިމެނުމީ ވިސްނާލަން ޖެހޭ ކަމެކެވެ.

ވަކި ފިކުރެއްގައި ޖެހި އަމިއްލަ ދީނާއި ގައުމަށް ހިޔާނަތްތެރިވުމަށް ތައްޔާރަށް ތިބި ބަޔަކު މިއަދުވެސް އުޅެމުންދާ ކަމީ ކަންބޮޑުވާން ޖެހޭ ކަމެކެވެ. ސިޔާސީ ގޮތުން ވަކި މަންފާއެއް ހޯދަން ބޭރުގެ ސިފައިން ރާއްޖެ އެރުމަށް ގޮވާލުމަކީ ގައުމަށް ވަފާތެރިވުމެއް ނޫނެވެ. އަދި ބޭރު ދުނިޔޭގައި ގައުމު ބޭޒާރުކޮށް ވާހަކަ ދެއްކުމަކީ ވެސް ގައުމު ދެކެ ލޯބިވުމެއް ނޫނެވެ.

ބަވަނަ ވަމުންދާ ދުނިޔޭގައި އެތައް ހާސް ފިކުރުތަކަކާއި ފިއްތުންތަކެއް ކުރިމަތިވާނެ އެވެ. ނަމަވެސް މި ގައުމުގެ ހައްގުގައި އެ ފިކުރުތަކުން އެއްކިބާވެ މަސައްކަތް ކުރަންޖެހޭނެ އެވެ. އަދި ޝަހީދު އަލި ރަސްގެފާނު ގައުމަށްޓަކައި ވީ ގުރުބާނުގެ އަގު ތާ އަބަދަށް ވެސް އަދާ ކުރަންޖެހެ އެވެ. އެއީ ގައުމު ކުރިއަށް އޮތް ޖީލަށް ވާސިލްކޮށްދީގެނެވެ.

comment ކޮމެންޓް