ސިއްހީ ދާއިރާގެ އެވޯޑު ތިން ފަރާތަކަށްދީފި

ސިއްހަތު ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިޔާތުގެ ތެރެއިން ---- ފޮޓޯ: ހެލްތް މިނިސްޓްރީ

ސިއްހީ ދާއިރާ ކުރިއެރުވުމަށާއި ސިއްހީ ދާއިރާއަށް ކޮށްދެއްވާ އަދި ކޮށްދެއްވަމުންދާ އެވޯޑު މި އަހަރު ތިން ފަރާތަކަށް ދީފި އެވެ.

މި އަހަރު އެވޯޑު ލިބުނު ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފައި ވަނީ ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމަށް އދ. މަހިބަދޫގައި މިއަދު ބޭއްވި ޖަލްސާގަ އެވެ.

ސިއްހީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ ހޮސްޕިޓަލް އަށް ދޭ އެވޯޑު މި އަހަރު ހާސިލްކުރީ ދ. އަތޮޅު ހޮސްޕިޓަލުންނެވެ. އެ ހޮސްޕިޓަލުން ފާއިތުވި އަހަރު ވަނީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ ޕްރޮގްރާމުތަކެއް ހިންގައިފަ އެވެ.

ސިއްހަތު ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިޔާތުގެ ތެރެއިން ---- ފޮޓޯ: ހެލްތް މިނިސްޓްރީ

ސިއްހީ ދާއިރާ އިން ފާހަގަކުރެވޭ ޚިދުމަތް ކޮށްދީފައިވާ ފަރާތަށްދޭ އެވޯޑު މި އަހަރު ލިބިފައި ވަނީ ދިވެހި ރެޑް ކްރެސެންޓަށެވެ. ރެޑް ކްރެސެންޓުން ވަނީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަސްޓްއެއިޑް ޕްރޮގްރާމުތައް ހިންގައިފަ އެވެ. މީގެ އިތުރުން ސިއްހީ ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމުތައް ވެސް އެ ޖަމްއިއްޔާ އިން ވަނީ ރާއްޖޭގެއެކި ކަންކޮޅުތަކުގައި ކުރިއަށް ގެންގޮސްފަ އެވެ.

ރާއްޖޭގެ ސިއްހީ ދާއިރާ އަށް އަމާޒުކޮށްގެން ދިރާސާއެއް ކޮށްފައިވާ ފަރާތަކަށްދޭ އެވޯޑު މި އަހަރު ދީފައި ވަނީ ޑރ. އާއިޝަތު ޝިފާޒާ އަށެވެ. ޑރ. ޝިފާޒާ ވަނީ އެވިޑެންސް ބޭސްޑް ޕްރެކްޓިސް ބޭނުންކޮށްގެން ރާއްޖޭގެ ސިއްހީނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ކުރުމާ ބެހޭ ދިރާސާއެއް ހައްދަވައިފަ އެވެ.

މިއަދުގެ ޖަލްސާގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ލޯގޯ ވަނީ އިފްތިތާހުކޮށްފަ އެވެ. އެޗްޕީއޭގެ އާ ލޯގޯ ފަރުމާކޮށްދީފައި ވަނީ ހުސައިން ޝާޒިފް އާދަމް އެވެ. ޝާޒިފްގެ މަސައްކަތް ފާހަގަކޮށް އޭނާ އަށް މިއަދު ވަނީ ހަނދާނީ ފިލައެއް ދީފަ އެވެ.

ސިއްހީ ދާއިރާގެ ކާމިޔާބީތަކުގެ މައްޗަށް އެކުލަވާލާފައިވާ ފޮތެއް ވެސް މިއަދު ވަނީ އާންމުކޮށްފަ އެވެ. އެ ފޮތުގައި ޝާއިއުކޮށްފައި ވަނީ 2014 އިން ފެށިގެން 2018ގެ ނިޔަލަށް ރާއްޖޭގެ ސިއްހީ ދާއިރާ އިން ހާސިލުކޮށްފައިވާ ކުރިއެރުންތަކާއި ކާމިޔާބީތަކެވެ.

މީގެ އިތުރުން ރާއްޖޭގެ ސިއްހީ ދާއިރާގެ ރިސާޗުގެ ފަސް ވަނަ އަދަދު ވެސް މިއަދު ވަނީ ނެރެފަ އެވެ. އެ ދެ ފޮތް ނެރެދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އެވެ.

comment ކޮމެންޓް