ހޫތީން ސައުދީ އަރަބިއްޔާއަށް ފޮނުވާލި ހަމަލާ ރައީސް ޔާމީން ކުށްވެރިކުރައްވައިފި

ޔަމަނުން މިސައިލެއް ލޯންޗް ކުރަނީ. ރިޔާދުގައި ހުންނަ އަރަމްކޯގެ ތެޔޮ ޕްލާންޓަކަށް އަމާޒުކޮށް ހޫތީން އިއްޔެ ވަނީ ބެލެސްޓިކް މިސައިލެއް ފޮނުވާލައިފައި--

ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދަށް އަމާޒުކޮށް ދިން މިސައިލް ހަމަލާ ކުށްވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްް ސައުދީ ރަސްގެފާނު ސަލްމާން އަލް ސައުދަށް މެސެޖެއް ފޮނުއްވައިފިއެވެ.

ހޫތީން ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދަށް ދިން ހަމަލާ އެއްސެވީ ކުއްލި ކުއްލި ހައިރާންކަމާއި، ފުން ހިތާމައާއެކުކަމަށް ރައީސް ޔާމީންގެ މެސެޖުގައި ވެއެެވެ. އަދި ޓެރަރިޒަމްގެ އެ ފިނޑި ޢަމަލު، ދިވެހި ސަރުކާރާއި، ދިވެހި ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އެންމެ ހަރުކަށި އިބާރާތުން ރައީސް ޔާމީން ވަނީ ކުށްވެރިކުރައްވައިފިއެވެ.

ރައީސް ޔާމީން ވިދާޅުވީ ސައުދީ ސަރުކާރާއި، ބައިނަލްއަގުވާމީ ފަރާތްތަކުން ޓެރެރިޒަމާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގައި ރާއްޖެއިންވެސް ސާބިތުވެތިބޭނެ ކަމަށެވެ. އަދި ސައުދީން އެ ސަރަހައްދުގައި ހަމަޖެހުން ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ސާބިތުވެތިބޭނެ ކަމަށ ވެސްް ރައީސް ޔާމީން ވިދާޅުވިއެވެ.

ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގައި ހުންނަ އެގައުމުގެ ތެޔޮކުންފުނި އަރަމްކޯގެ ތެޔޮ ޕްލާންޓަކަށް އަމާޒުކޮށް ހޫތީން އިއްޔެ ވަނީ ބެލެސްޓިކް މިސައިލެއް ފޮނުވާލައިފައެވެ. ސައުދީ ސިފައިން ވަނީ އެ މިސައިލް އަމާޒަށް ވާސިލްވުމުގެ ކުރިން ވައްޓާލައިފައެވެ.

ހޫތީން ދަނީ ދޭތެރެ ދޭތެރެއިން ސައުދީގެ އެންމެ އެތެރެއަށް މިސައިލް ހަމަލާތައް ދެމުންނެވެ. ދާދި ފަހުން އެ ފަދަ މިސައިލް ހަމަލާއެއްގައި ސައުދީގައި މަސައްކަތް ކުރަމުންދިޔަ މީހަކު ވަނީ މަރުވެފައެވެ.

comment ކޮމެންޓް