އާގު ބޯޓަކުން ޖެހި، ތުރުކީގައި 18 ވަނަ ގަރުނުގައި އަޅާފައިވާ ގެއެއް ސުންނާފަތިވެއްޖެ

ބޮސްފަރަސް ސްޓްރެއިޓުން ދަތުރު ކުރަމުން ދިޔަ ބޯޓެއް އިސްތަންބޫލުގެ އައްސޭރިފަށުގައި ހުންނަ ތާރީހީ ގެއެއްގައި ޖެހިފައި -- ފޮޓޯ: އޭޕީ

އިސްތަންބޫލު (އޭޕްރިލް 8): ތުރުކީގެ ބޮސްފަރަސް ސްޓްރެއިޓުން ދަތުރު ކުރަމުން ދިޔަ އާގު ބޯޓެއް ކޮންޓްރޯލު ނުވެގެން ގޮސް އިސްތަންބޫލުގެ އައްސޭރިފަށުގައި ހުރި ތާރީހީ ގެއެއްގައި ޖެހި، އެގެ ސުންނާފަތިވެއްޖެ އެވެ.

މޯލްޓާގެ ދިދަ ޖަހާފައިވާ އެބޯޓު ކޮންޓްރޯލު ނުކުރެވުނީ އޭގެ ހުންގާނު މަސައްކަތް ނުކުރުމުން ކަމަށް އަންދަލޫ ނޫސް އޭޖެންސީން ބުންޏެވެ. އަދި އެހާދިސާއަށް ފަހު އެސަރަހައްދު ބަންދުކޮށް، ބޯޓު ފަހަތަށް ޖެއްސުމަށް ރެސްކިއު ބޯޓުތަކާއި ޓަގު ބޯޓު ބޭނުންކޮށްފައިވާ ކަމަށް އެނޫހުގައިވެ އެވެ.

ބޮސްފަރަސް ސްޓްރެއިޓުން ދަތުރު ކުރަމުން ދިޔަ ބޯޓެއް އިސްތަންބޫލުގެ އައްސޭރިފަށުގައި ހުންނަ ތާރީހީ ގެއެއްގައި ޖެހިފައި -- ފޮޓޯ: ރޮއިޓާސް

އެހާދިސާގައި އެއްވެސް މީހަކަށް ވެސް އަދި ތިމާވެއްޓަށް ވެސް ގެއްލުމެއް ނުލިބޭ ކަމަށް އިސްތަންބޫލުގެ އޮފިޝަލުން ބުންޏެވެ.

އެހާދިސާ ހިނގި މަންޒަރު ދައްކުވައިދޭ ވީޑިއޯތަކުން ފެންނަ ގޮތުގައި ބޯޓު އެކްސިޑެންޓުވުމުގެ ސަބަބުން އެގޭގެ ފުރާޅާއި ފުރަތަމަ ފަންގިފިލާ ވަނީ ސުންނާފަތިވެފަ އެވެ.

އަށާރަ ވަނަ ގަރުނުގައި އަޅާފައިވާ އެގެއަކީ މިހާރު ކައިވެނި ހަފްލާތަކާއި ކޮންސެޓުތައް ބާއްވާ ތަނެއް ކަމަށް އެގެއަށް ހާއްސަކޮށްފައިވާ ވެބްސައިޓުގައިވެ އެވެ. (އަކްޖަޒީރާ)

ގުޅޭ ޓެގު
comment ކޮމެންޓް