ފަލަސްތީނު ރައްޔިތުންގެ ގަޔަށް ބަޑިޖަހައި ބޮން އަޅާތަން ބަލަން އިސްރާއީލު ޒުވާނުން ބޯޑަރު މަތީ!

ފަލަސްތީނުގެ ރައްޔިތުންގެ ގަޔަށް އިސްރާއީލުގެ ސްނައިޕަރުން ބަޑިޖަހައި ހެދިއިރު، އެކަމަށް ހިތްވަރުދީ ކުޅިބަލަން ޣައްޒާ ބޯޑަރު މަތީގައި ތިބި އިސްރާއީލުގެ ޒުވާނުންތައް ---

އިސްރާއީލާ ދެކޮޅަށް މުޒާހަރާ ކުރަން ނުކުތް ފަލަސްތީނުގެ ރައްޔިތުންގެ ގަޔަށް އިސްރާއީލުގެ ސްނައިޕަރުން ބަޑިޖަހައި ހެދިއިރު، އެކަމަށް ހިތްވަރުދީ ކުޅިބަލަން ޣައްޒާ ބޯޑަރު މަތީގައި އިސްރާއީލުގެ ޒުވާނުންތަކެއް ތިބި ފޮޓޯތަކެއް މީސް މީޑިއާގައި ދައުރުވާން ފަށައިފި އެވެ.

އިސްރާއީލުގެ ޓީވީ ޗެނަލެއް ކަމަށްވާ އިސްރާއިލީ ޗެނަލް ދޭގެ ރިޕޯޓަރަކު މިދިޔަ ހުކުރު ދުވަހު ހިއްސާކުރި އެ ފޮޓޯތަކުގައި ޣައްޒާގެ ބޭރުގައި ހަދާފައި ހުންނަ ޓަވަރެއްގެ މަތީގައި އިސްރާއީލުގެ ހަތް ޒުވާނުން ހިނިތުންވެ ކެމެރާއަށް ހަނާއަޅާތަން ފެނެއެވެ.

އެފޮޓާތަކާ ގުޅިގެން އެތައް ބައެއް ނުރުހުމާއި ފާޑުކިއުން އަމާޒުވަމުންދާއިރު، ގިނަ ބަޔަކު ބުނީ މުޒާހަރާ ކުރަމުންދިޔ ފަލަސްތީން މީހުންގެ ގަޔަށް ބަޑިޖަހައި ހާލަތާ ނުބައްދަލު ބާރު ބޭނުން ކުރަމުންދާތަން ބަލަން އިސްރާއީލުގެ ސިފައިން 'ސިނަމާ" ހަދާފައި ތިބުމަކީ އެމީހުންގެ ގޮތްކުޑަ ކަމުގެ އަމަލެއް ކަމަށެވެ.

ނަމަވެސް މިއީ އިސްރާއީލު ޔަހޫދީންގެ ފަރާތުން އެފަދަ އަމަލުތަކެއް ފެނުނު ފުރަތަމަ ފަހަރެއް ނޫނެވެ.

އެގޮތުން 2014 ވަނަ އަހަރު އިސްރާއީލު ސިފައިން ޣައްޒާއަށް ބޮން އަޅައި މުޅި ޣައްޒާ ކަޅު ދުމުން ފުރާލައި އެތައް ބަޔަކު ޝަހީދު ކުރަމުންދިޔައިރު، އިސްރާއީލު ބޯޑަރު ކައިރީގައި އޮންނަ ސަހަރެއްގެ ބައެއް ރައްޔިތުން ރާބޮއެ، އުފާ ފާޅުކޮށް، ބޮން އަޅަމުންދިޔަ ތަން ފޯނުން ވީޑިއޯ ކުރަމުންދިޔަ ފޮޓޯތަކެއް ދައުރުވި އެވެ.

"ގުރޭޓް ރިޓާން މާޗް"ގެ ނަމުގައި މިދިޔަ ހުކުރު ދުވަހު ޣައްޒާ- އިސްރާއީލު ވަކިކުރާ އިމުގައި ފަލަސްތީނު މީހުން ކުރި މުޒާހަރާގައި އިސްރާއީލު ސިފައިން ދިން ބަޑީގެ ހަމަލާތަކުގައި 10 މީހަކު ޝަހީދުކޮށްލައި، 500 އާ ގާތްކުރާ އަދަދަކަށް މީހުން ވަނީ ޒަހަމްވެފައެވެ.

އޭގެ ތެރެއިން 33 މީހަކަށް ސީރިއަސް ޒަހަމްތަކެއް ވެފައިވާއިރު އެތައް ބަޔަކަށް ކަރުނަ ގޭސްގެ އަސަރު ވަނީ ކޮށްގެން ހޮސްޕިޓަލުގައި އެދުމަތިކޮށްފައެވެ.

ޝަހީދުވި ފަލަސްތީނު މީހުންގެ ތެރޭގައި އެގައުމުގެ ފާހަގަކޮށްލެވޭ ނޫސްވެރިއަކު ވެސް ހިމެނެއެވެ. މިދިޔަ ހުކުރު ދުވަހާއި އޭގެ ކުރީ ހަފްތާއާއެކު އިސްރާއީލު ސިފައިންގެ ބަޑީގެ ހަމަލާތަކުގައި މިހާތަނަށް 31 ފަލަސްތީން ރައްޔިތުން ވަނީ ޝަހީދުވެފައެވެ.

comment ކޮމެންޓް