އިސްރާއީލާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން މިދިޔަ ހަފްތާގެ ބަންދުގައި ކުރި ވަރުގަދަ މުޒާހަރާގައި ބައިވެރިވެ ދިވެހި ދިދަ ވިހުރުވާލި ފަލަސްތީން ޒުވާނެއްގެ ގަޔަށް އިސްރާއީލުގެ ސިފައިން ބަޑި ޖަހައި ޒަހަމްކޮށްލުމުން، އޭނާއަށް އެހީވާން ނިންމައިފި އެވެ.
އަހުމަދު ސަލާހް ކިޔާ އެ ޒުވާނާގެ ގަޔަށް އިސްރާއީލުގެ ސިފައިން ބަޑި ޖަހާފައި ވަނީ، "ގުރޭޓް ރިޓާން މާޗް"ގެ ނަމުގައި ހުކުރު ދުވަހު ޣައްޒާ- އިސްރާއީލު ވަކިކުރާ އިމުގައި ފަލަސްތީނު މީހުން ކުރި މުޒާހަރާގެ ތެރޭގައި ދިވެހި ދިދަ ހިފައިގެން ހުއްޓަ އެވެ.
އަހުމަދު ސަލާހް އަކީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ދިވެހިން ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކޮށް ޝުކުރުއަދާ ކުރުމުގެ ގޮތުން ދިވެހި ދިދަތައް ޕްރިންޓުކޮށް، ދިވެހި ދިދަ ވިހުރުވާލަން އިސްނެގި ޒުވާނާ އެވެ.
ފަލަސްތީނުގެ ބައެއް އާންމުންނާ ހަވާލާދީ ފަލަސްތީން ރައްޔިތުންގެ ހާލަތު ދިވެހިންނަށް ގެނެސްދޭ ޖަމިއްޔާއެއް ކަމަށްވާ، ފްރެންޑްސް އޮފް ފަލަސްތީން މޯލްޑިވްސްގެ ރައީސް މުއާދު ޒަކީ ވިދާޅުވީ، ޒަހަމްވި ފަލަސްތީނު ޒުވާނާގެ ފަޔަށް އިސްރާއީލު ސްނައިޕަރުން ދެ ފަހަރަށް ބަޑި ޖަހާފައިވުމުން އޭނާގެ ފައިގެ އޮޕަރޭޝަން ކުރަންޖެހިފައިވާ ކަމަށެވެ.
ނަމަވެސް އިސްރާއީލު ސިފައިންގެ ހަމަލާތަކުގައި އެތައް ބަޔަކު ޒަހަމްވެގެން ފަރުވާ ހޯދަމުންދިއުމާއި ޣައްޒާއިން މެޑިކަލް ސަޕްލައި ހުސްވުމާ ގާތްވެފައިވާތީ އެފަދަ އޮޕަރޭޝަން ކުރުމަކީ މިއަދު އެތަނުގައި އުދަނގޫ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އެހެންކަމުން ފަލަސްތީނުގައި ހަރަކާތްތެރިވާ ޖަމިއްޔާތައް މެދުވެރިކޮށް، ދިވެހި ދިދަ ވިހުރުވާލައި މުޒާހަރާ ކުރަނިކޮށް ޒަހަމްވި ޒުވާނާ ހޯދައި، އޭނާ އަށާއި މުޒާހަރާތަކުގައި ޒަހަމްވެފައިވާ ފަލަސްތީނުގެ އެހެން ރައްޔިތުންނަށް އެހީތެރިވުމަށް ފަންޑެއް ގާއިމް ކުރުމަށް ރާވަމުންދާ ކަމަށް މުއާދު ވިދާޅުވި އެވެ.
"އިސްރާއީލާ ދެކޮޅަށް ހިންގާ މުޒާހަރާތަކުގައި ޒަހަމްވެ އަނިޔާވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވާން އެތައް ބަޔަކު ބޭނުން ވެގެން ގުޅަމުންދަނީ. އެހެންކަމުން ރާއްޖޭގައި މިވަގުތު ތިބި ފަރާތްތަކާ ވާހަކަ ދައްކައިގެން އެކަން ހަމަޖެހޭތޯ މި ބަލަނީ. ފަލަސްތީނުގެ މައްސަލައަކީ ދިވެހިން އެކަތި ގަޑަކަށްވެ، އެހީވާން ލިބޭ ފުރުސަތެއް ވެސް މެ،" މެލޭޝިއާގައި ހުންނަވައިގެން މުއާދު 'ސަން' އަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ފްރެންޑްސް އޮފް ފަލަސްތީން މޯލްޑިވްސް އަކީ ފަންޑު ހޯދުމުގެ ބަދަލުގައި ފަލަސްތީނާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ވަރުގަދަކުރުމަށް މަސައްކަތް ކުރާ ފަރާތެއް ކަމަށެވެ.
އެހެންކަމުން އެފަދަ ފަންޑެއް ހިންގައިދޭނެ ފަރާތެއް ރާއްޖެ އިން ބަލާއިރު، މިހާރު ގާއިމްވެފައިވާ އިތުބާރު ހިފޭ ޖަމިއްޔާތަކަށާއި ފަންޑު ހޯދުމުގެ ތަޖުރިބާ ހުރި ޖަމިއްޔާތަކަށް އިސްކަންދޭނެ ކަމަށް ވިދާޅުވި އެވެ.
"މުޒާހަރާގައި އެތައް މަންމައިންނާއި އަންހެން ކުދިންނެއްގެ ގަޔަށް ފަލަސްތީނުގެ ސިފައިން ވަނީ ބަޑި ޖަހައި ޒަހަމް ކޮށްލާފައި. އެއީ ހަމަ އަހަރެމެންގެ އަހުންނާއި އުހުތުން،"