މާފަނުންގެ ގެޔަކުން 411 ބަނގުރާފުޅިއާ 84 ބިޔަރުދަޅު އަތުލައިގެންފި

ފުލުހުން އަތުލައިގަތް ބަނގުރާފުޅިތައް-- ފޮޓޯ: ޕޮލިސް މީީޑީއާ

ފުލުހުން ރޭ ހިންގި އޮޕަރޭޝަނެއްގައި މާފަންނުގެ ގެޔަކުން އެކި ވައްތަރުގެ 411 ބަނގުރާފުޅިއާއި 84 ބިޔަރުދަޅު އަތުލައިގެންފިއެވެ.

އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިންސްޕެކްޓާ އޮފް ޕޮލިސް ރަޖްނީ ޝުއައިބު ވިދާޅުވީ، މަސްތުވާތަކެތި އަތުލައިގަތީ ރޭ 19:50ގައި ޑްރަގް އެންފޯސްމަންޓާއި އަދި ޑްރަގް އިންޓެލިޖެންސުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

ރަޖްނީ ވިދާޅުވީ އެ މައްސަލައިގައި ހަތަރު ދިވެހީންނާއި ދެ ބިދޭސީން ހައްޔަރުކޮށްފައިވާ ކަމަށެވެ. ތުހުމަތު ކުރެވުނު މީހުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކުށުގެ ވެށިން ކަމަށް އޭނާ ވިދާޅުވިއެވެ.

"އޮޕަރޭޝަނުގައި ތުހުމަތު ކުރެވޭ ފަރާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ މާލެއަށް އެތެރެކޮށް މިތަކެތި ޕިކަޕެއްގައި ގެންގޮސް މާފަންނުގެ ގެއަށް ވައްދައި ގުދަންކުރަން މަސައްކަތްކުރަމުން ދަނިކޮށް ކުށުގެ ވެށިން. ހައްޔަރުކުރަން މަސައްކަތްކުރުމުގެ ތެރޭގައި މީގެ ތެރެއިން ބައެއް ފަރާތްތައް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފިލަން މަސައްކަތްކޮށްފައިވޭ،" ރަޖްނީ ވިދާޅުވިއެވެ.

ފުލުހުން އަތުލައިގަތް ބިޔަރުދަޅުތައް-- ފޮޓޯ: ޕޮލިސް މީީޑީއާ

ބަނގުރަލާ ބިޔަރުދަޅުތައް އަތުލައިގަތް ތަނަކީ އެތަކެތީގެ ވިޔަފާރިކުރުމަށް، ގުދަންކުރުމަށް ކުއްޔަށް ހިފައިގެން އުޅޭ ތަނެއް ކަމަށްވެސް ރަޖްނީ ވިދާޅުވިއެވެ. އަދި އެ މައްސަލައިގައި ހައްޔަރުކުރި 30 އަހަރު އަދި 40 އަހަރުގެ ބިދޭސީންނަކީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ދެ މީހުންކަމަށްވެސް ރަޖްނީ ވިދާޅުވިއެވެ.

ފުލުހުން ވަނީ ހަމައެގެއިން ބަނގުރާކަމަށް ޝައްކުކުރެވޭ ފަސް ލީޓަރުގެ ފުޅިއެއްވެސް އަތުލައިގެންފައެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ހަތަރު ދިވެހީންގެ ތެރޭގައި ހިމެނެނީ އުމުރުން 18 އަހަރާއި 20، 21 އަދި 24 އަހަރުގެ މީހުންނެވެ. އެ އެންމެންގެވެސް މާރާމާރީއާ ކުށުގެ ރިކޯޑް އޮންނަ ކަމަށްވެސް ރަޖްނީ ވިދާޅުވިއެވެ. އަދި އެ މައްސަލައިގައި އިތުރު ބަޔަކު ޝާމިލްވާކަމަށް ބެލެވޭތީ އެ ފަރާތްތައް ހޯދުމުގެ މަސަައްކަތް ކުރަމުންދާ ކަމަށް ރަޖްނީ ވިދާޅުވިއެވެ.

އަތުލައިގަނެވުނު ބިޔަރާ ބަނގުރަލަކީ ހުޅުމާލޭގެ ބޮންޑަޑްވެއާ ހައުސްއިން ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް ސަފާރީއަކަށް ދޫކޮށްފައިވާ ތަކެތި ކަމަށް ރަޖްނީ ވިދާޅުވިއެވެ.

comment ކޮމެންޓް