ވިހި އަހަރުން ދަށުގެ އެފްއޭ ކަޕް:
ފައިނަލުގެ ފަހު ޖާގަ ނިއުއިން ހޯދައިފި

މިހާރު ކުރިއަށްދާ ވިހި އަހަރުން ދަށުގެ އެފްއޭކަޕު ސެމީ ފައިނަލުގެ ތިންވަނަ މެޗުގައި ވިކްޓަރީގެ މައްޗަށް ނިއުއިން 2-1 ލަނޑުން ކުރި ހޯދުމަށްފަހު މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

ގަލޮޅު ދަނޑުގައި ރޭ ކުޅުނު ސެމީ ފައިނަލުގެ ތިންވަނަ މެޗުގައި ނިއު އާއި ވިކްޓަރީ ބައްދަލުކުރި މެޗް ފާހަގަވެގެން ދިޔައީ މުބާރާތުގެ އެންމެ ފޯރިގަދަ މެޗުތަކުގެ ތެރެއިން އެއް މެޗެއްގެ ގޮތުގަ އެވެ.

މެޗްގެ 13 ވަނަ މިނެޓުގައި މުހައްމަދު އީވާން ޒާހިރު ނިއުއަށް ލަނޑެއް ޖަހައި ލީޑް ނަގާފައިވަނިކޮށް ފުރަތަމަ ހާފް ނިމުމުގެ ކުރިން ވިކްޓަރީގެ އިސްމާއިލް ޖުހައިން ޒާހިރު ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.


ދެވަނަ ހާފުގައި ނިއު އިން މޮޅުވުމަށް ކުރަމުންދިޔަ މަސައްކަތަށް ހުރަސް އަޅާ ވިކްޓަރީން ވެސް ލީޑް ނެގޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރި އެވެ. އަދި މެޗްގެ 77 ވަނަ މިނެޓުގައި މޮޅު ކުޅުމެއް ދައްކަމުން އައި ނިއުއިން އަނެއްކާ ވެސް ލީޑު ހޯދިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުލް ބާސިތެވެ.

މީގެ އިތުރުންވެސް ނިއު އަށް ލީޑު ފުޅާކުރާނެ ރަނުގެ ފުރުސަތެއް ލިބި ބޭކާރު ވިއެވެ. ވިކްޓަރީގެ ކީޕަރު ވަނީ ނިއުގެ އަބްދުލް ބާސިތު ޖެހި ޕެނަލްޓީ ދިފާޢު ކޮށްފަ އެވެ. މެޗްގެ ފުރިހަމަ ވަގުތު ހަމަވެގެންދިޔައީ 2-1 ލަނޑުން ނިއު ކުރީގައި އޮވެގެންނެވެ.

މާދަމާރޭ 10:00 ގައި މިމުބާރާތުގެ ފައިނަލު މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. ގަލޮޅު ދަނޑުގައި ކުޅޭ މިމެޗުގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު