މައުމޫނު ފައުންޑޭޝަންގެ ހިންގާ ކޮމިޓީގައި ދުންޔާ އާއި ޣައްސާން ހިމެނިފައިވަނީ، ސިޔާސީގޮތަކުންނެއް ނޫން: ކުރީގެ ރައީސް މައުމޫން

10:00


މައުމޫނު ފައުންޑޭޝަނުގައި ސިޔާސީ ޕާޓީގެ އިސްބޭފުޅަކު ހިމެނިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވި ނަމަވެސް، ޑީއާރުޕީގެ އަންހެނުންގެ ގޮފީގެ ރައީސާ ދުންޔާ މައުމޫނާއި، ޒުވާނުންގެ ގޮފީގެ ނާއިބު ރައީސް ޣައްސާން މައުމޫން އެ ފައުންޑޭޝަންގެ ހިންގާ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ، ސިޔާސީގޮތުން ނޫން ކަމަށް އެ ފައުންޑޭޝަންގެ ޗެއާމަން ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.


މައުމޫން ފައުންޑޭޝަނާ ބެހޭ މައުލޫމާތު ދިނުމަށް އެފައުންޑޭޝަންގައި ރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި ނޫސްވެރިން ދެންނެވި ސުވާލުތަކަށް ޖަވާބު ދެއްވަމުން، އެ ފައުންޑޭޝަންގެ ޗެއާމަން ރައީސް މައުމޫން ވިދާޅުވީ ބައިނަލްއަގުވާމީ ގޮތުން ވެސް ޖަމިއްޔާތަކުގައި އެކަން އޮންނަނީ އެގޮތަށް ކަމަށެވެ. އަދި އެބޭފުޅުން ފައުންޑޭޝަންގެ މެންބަރުންގެ ގޮތުގައި ތިއްބަވަނީ ސިޔާސީ ގޮތުން ނޫން ކަމުގައި ވެސް ވިދާޅުވި އެވެ. އަދި ފައުންޑޭޝަންތަކަކީ އެތަންތަން އުފައްދާ މީހާގެ އާއިލާ ވަރަށްބޮޑު ހިއްސާއެއް އަދާކުރާ ތަންތަން ކަމަށާއި، އެ ދެބޭފުޅުން ފައުންޑޭޝަންގައި ހިމެނިވަޑައިގަންނަވަނީ އެގޮތުން ކަމަށް ވެސް ރައީސް މައުމޫނު ވިދާޅުވި އެވެ.


ރައީސް މައުމޫނު އަދި ވިދާޅުވީ ފައުންޑޭޝަން އުފެދިގެން ހިނގައި ގަތުމުގައި މިހާރު ކުރިއަށްދަނީ ރާވަންޖެހޭ ޕްރޮގްރާމްތައް ރޭވުމުގެ މަސައްކަތްތައް ކަމަށެވެ. އަދި މަސައްކަތްތައް ކުރިއަށްދިޔަ ވަރަކުން ފައުންޑޭޝަނުން ރައްޔިތުންނަށް ލިބިދޭ ހިދުމަތްތައް ލިބޭނެ ގޮތް އާއްމު ކުރައްވަމުން ގެންދަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.


މައުމޫނު ފައުންޑޭޝަންގެ ފަރާތުން ނެރޭ ފުރަތަމަ ފޮތުގެ ގޮތުގައި ހައްޖުގެ އަޅުކަމާބެހޭ ގޮތުން ރައީސް މައުމޫނު ލިއުއްވާފައިވާ "އަލްހައްޖު ވަލްއުމުރަތި" މި ފޮތް އެމަނިކުފާނު ރޭ ވަނީ ނެރެދެއްވައިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު