"އެސްއޯއީ އިއުލާންކުރީ ކުރިން ކުރިމަތި ނުވާ، ގާނޫނާ ހިލާފު ކަންތައްތަކެއް ކުރިމަތިވުމުން"

އެކި ގައުމުތަކުން އ.ދ.އަށް ކަނޑައަޅުއްވާފައި ތިއްބަވާ ޕާރމަނަންޓް ރެޕްރެސެންޓޭޓިވުން ހިމެނިވަޑައިގަންނަވާ ވަފުދެއް މިއަދު ވަނީ ރައީސް ޔާމީންގެ އަރިހަށް ޒިޔާރަތްކުރައްވާފައި-- ފޮޓޯ: ރައީސް އޮފިސް

ކުއްލިނުރައްކަލުގެ ޙާލަތު އިޢުލާން ކުރައްވަން ޖެހިވަޑައިގެންނެވީ މީގެ ކުރިން ދުވަހަކުވެސް ކުރިމަތި ނުވާފަދަ، ޤާނޫނާ ޚިލާފު ކަންތައްތަކެއް ކުރިމަތިވުމުންކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

އެކިގައުމުތަކުން އ.ދ.އަށް ކަނޑައަޅުއްވާފައި ތިއްބަވާ ޕާރމަނަންޓް ރެޕްރެސެންޓޭޓިވުން ހިމެނިވަޑައިގަންނަވާ ވަފްދަކާއި އެކު މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ސިޔާސީ މަސްރަހާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، "ކުއްލިނުރައްކަލުގެ ޙާލަތު އިޢުލާން ކުރައްވަން ޖެހިވަޑައިގެންނެވީ މީގެ ކުރިން ދުވަހަކުވެސް ކުރިމަތި ނުވާފަދަ ޤާނޫނާ ޚިލާފު ކަންތައްތަކެއް ކުރިމަތިވުމުންކަމަށާއި، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރިނަމަވެސް ރާއްޖޭގައި އޮތީ ކާފިއުއެއް ނޫން" ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އެސްއޯއީގެ ސަބަބުން ދިރިއުޅުމަށާއި، އާންމުކޮށް ދެވޭ ޚިދުމަތްތަކަށް އެއްވެސް ވަރަކަށް ބުރޫ އަރާފައި ނުވާނެ ކަމަށެވެ. އަދި، ހުރިހާ ދިވެހި ރައްޔިތުންނަށާއި ބޭރުގެ އިންވެސްޓަރުންނަށް ވެސް ފުރިހަމަ ރައްކާތެރިކަން ލިބޭނެ ކަމުގެ ޔަޤީންކަން އޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

"ޑިމޮކްރަސީ އިތުރަށް ވަރުގަދަކޮށް ދެމެހެއްޓުމަށް އަބަދުވެސް މަސައްކަތް ކުރަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުން،" ރައީސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ރައީސް ވަނީ ހާރިޖީ ދާއިރާއިންނާއި އަދި ތަރައްގީގެ ދާއިރާއިން ދިވެހި ރާއްޖެ ހޯދާފައިވާ ކާމީޔާބީ ތަކާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި ރާއްޖޭގެ އިގްތިސާދީ ދާއިރާ ހަލުވުކަމާއި އެކު ކުރިއަށްދާކަން ފާހަގަ ކުރައްވަމުން ރައީސް ވަނީ ރާއްޖޭގައި އިންވެސްޓް ކުރަން ބޭނުންވާ ފަރާތަތްކަށް އެ ފުރުޞަތު އޮތް ކަމަށް ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި އ.ދ. އަށް ކަނޑައަޅާފައި ތިއްބެވި ވަފްދުގެ ބޭފުޅުން ވަނީ ދިވެހިރާއްޖެ އިގްތިސާދީ އަދި ސިޔާސީ ގޮތުން ހޯދާފައިވާ މުހިންމު ކާމިޔާބީ ތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި އެ ސިޔާސަތު ތަކަށް ތައުރީފްކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

އދ.ގެ ވަފްދު ރާއްޖެއަށް މިހާރު ކުރައްވަމުންގެންދަވާ މި ޒިޔާރަތަކީ "ޑިވެލޮޕިންގ ސަސްޓެއިނަބިލިޓީ، ޝެއަރިންގް އެކްސްޕީރިއަންސަސް، ސީކިން ސޮލިއުޝަންސް"ގެ ނަމުގައި ރާއްޖޭގައި ބާއްވާ ސެކަންޑް އެމްބެސަޑޯރިއަލް ވޯރކްޝޮޕްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅެކެވެ.

comment ކޮމެންޓް