ވިޔަފާރި މުދާ އުފުލޭނެ ގަޑިތައް ކަނޑައެޅުން ބޮޑު ބަހުސަކަށް!

ފަރީދީމަގާއި މަޖީދީމަގު ގުޅޭ ސަރަހައްދުގައި ވެހިކަލްތައް ދުއްވަނީ-- ސަން ފައިލް ފޮޓޯ

މާލޭގެ ފިހާރަތަކަށާއި އެހެން ސަރަހައްދުތަކަށް އުފުލާ މުދާ އެއްތަނުން އަނެއްތަނަށް އުފުލާނެ ގަޑިތައް ކަނޑައަޅައި މިވަނީ އިއުލާންކޮށްފަ އެވެ. ބުރާސްފަތި ދުވަހު ޓްރާންސްޕޯޓު އޮތޯރިޓީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ މާލޭގެ މަގުތައް ތޮއްޖެހި، ހިނގާބިނގާވެ އުޅުމަށް ދަތިވާތީ، މުދާ އުފުލުމުގެ ގަވާއިދުގެ 7 ވަނަ މާއްދާގެ (ދ)ގައި ވާގޮތުގެ މަތިން، ފިހާރަތަކާއި އާންމު ތަންތަނަށް ލޮރީ، ޕިކަޕް، ވޭން ފަދަ އެއްގަމު އުޅަނދު ބޭނުންކޮށްގެން މުދާ އުފުލުމަށް އަންނަ ބުދަ ދުވަހުން ފެށިގެން އަމަލު ކުރާނީ އެ އިދާރާއިން އަންގާ ގޮތަށް ކަމަށެވެ.

އެގޮތުން މާލެ ތެރެއަށް ވިއްކުމަށާއި ގުދަންކުރުމަށް ގަނޑުކޮށް އުފުލާ މުދަލާއި ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި، ޢިމާރާތްކުރުމަށް ބޭނުންކުރާ ގަލާއި، ބުއިމަށް ބޭނުންކުރާ ފެނާއި އެހެނިހެން ބުއިންތައް އަދި އެފަދަ އެހެން ތަކެތި އެއްތަނުން އަނެއްތަނަށް އުފުލަން ވާނީ ރޭގަނޑު ދިހައަކުން ހެނދުނު ހަޔަކަށް ކަމަށް އެ އިއުލާނުގައިވެ އެވެ.

ކައްކާ ގޭސް އުފުލުމަށް ކަނޑައަޅާފައިވާ ގަޑިއަކީ ހެނދުނު 8:30 އިން 11:00 އަށް އަދި ރޭގަނޑު އަށަކުން ހެނދުނު ހަޔަކަށް ކަމަށް އެ އިއުލާނުގައިވެ އެވެ.

ގަވައިދުގެ ސަބަބުން މަގުތައް ތޮއްޖެހުމަށް ހައްލެއް އަންނާނެ

ބްރިޖުގެ މަސައްކަތާ ގުޅިގެން ހައުސިން މިނިސްޓްރީން މިހާރު މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްގީކުރަން ފަށާފައި ވާއިރު އެ މަސައްކަތް ކުރުމަށްޓަކައި އެ މަގުގެ ބޮޑު ސަރަހައްދެއް ބަންދުކުރަން ވަނީ ހަމަޖައްސައިފަ އެވެ. މާލޭގެ ދެކުނު ފަރާތުގައި ހުރި ގާޑިއާތައް އެހެން ސަރަހައްދަކަށް އެ މަސައްކަތުގެ ދަށުން ބަދަލުކޮށްފައިވާ އިރު ކުރިއަށް އޮތްތަނުގައި އެ މަގުން ވެހިކަލް ދުއްވުން މަނާކޮށް އަދި ޕާކް ކުރުން ވެސް މަނާ ކުރާނެ އެވެ. އެގޮތަށް ބަލާ ނަމަ، ބޮޑުތަކުރުފާނުމަގުގެ ބައެއް ބަންދުވުމަކީ މާލެތެރެ އިތުރަށް ތޮއްޖެހިގެން ދާނެ ކަމެކެވެ.

މާލޭގެ މަގުތައް އެންމެ ބޮޑަށް ތޮއްޖެހޭ އެއް ސަބަބަކީ އެއްވެސް ގަވައިދެއް ނެތި މުދާ އުފުލަން ހުއްދަ ދީފައި އޮތުމެވެ. ވިއްކުމަށާއި ގުދަންކުރުމަށް ގަނޑުކޮށް އުފުލާ މުދަލާއި ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި، ޢިމާރާތްކުރުމަށް ބޭނުންކުރާ ގަލާއި ބުއިމަށް ބޭނުންކުރާ ފެނާއި އެހެނިހެން ބުއިންތައް އަދި އެފަދަ އެހެން ތަކެތި އެއްތަނުން އަނެއްތަނަށް އުފުލަން ބޭނުންކުރާ ލޮރީތަކުގެ ސަބަބުން މަގުތައް އިތުރަށް ތޮއްޖެހެ އެވެ.

އެހެން ކަމުން މިފަދަ ބަދަލެއް ގެނެސްފި ނަމަ ދުވާލުގަޑީގައި އަންނަ ތޮއްޖެހުމަށް ހައްލެއް ލިބިގެންދާނެ ކަމަށް ގަބޫލު ކުރެވެ އެވެ.

މާލޭގެ ބޮޑުތަކުރުފާނު މަގު ދުއްވާ އެއްޗިހިނުން ފުރި ބާރުވެފައި: ސަން ފޮޓޯ/ ފަޔާޒު މޫސާ

ތޮއްޖެހުން ކުޑަކުރުމަށް ޕާކިންއަށް ވެސް ބަދަލު ގެންނަންޖެހޭ

މުދާ އުފުލާ އުޅަނދުތަކާ ހުރެ ތޮއްޖެހުން މާލޭގެ މަގުތަކުގައި ބޮޑުވެފައި ވާއިރު ފާހަގަކޮށްލަން ޖެހޭ އަނެއް ކަމަކީ ބައެއް މަގުތަކުގައި އެއްވެސް ތަރުތީބެއް ނެތި ވެހިކަލް ޕާކް ކުރާ މައްސަލަ އެވެ. ސޯސަންމަގު އަދި ޖަނަވަރީމަގު ފަދަ ކާރުބާރު ބޮޑެތި މަގުތަކުގައި އެއްވެސް ތަރުތީބެއް ނެތި މަގުގެ ދެ ފަރާތުގައި ޕާކް ކުރަން ފުރުސަތު އޮތުމަކީ މަގުތައް އިތުރަށް ތޮއްޖެހުމަށް ދިމާވާ ސަބަބެކެވެ.

މާލޭގެ ބައެއް މަގުތައް ތަރައްގީ ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު އިއްޔެ އާއި މިއަދު ފުލުހުން ވަނީ މާލޭގެ މަގުތަކުގައި ގަވައިދާ ހިލާފަށް ޕާކްކޮށްފައި ހުރި ވެހިކަލްތައް ނަގަން ފަށައިފަ އެވެ. އެގޮތުން ގިނަ އަދަދެއްގެ ވެހިކަލްތައް މިހާރު ވެސް ނަގާފައި ވާއިރު، ގިނަ ދުވަސްތަކެއް ވަންދެން އެއްތަނެއްގައި ޕާކްކޮށްފައި ހުރި ބާ ވެހިކަލްތައް ވެސް ދަނީ ނަގަމުންނެވެ. އެއީވެސް މަގުތައް ތޮއްޖެހުމަށް ލިބިގެންދާނެ ހައްލެކެވެ.

ކުނި އުފުލާ ލޮރީ ތަކުގެ ސަބަބުން ވެސް މަގުތައް ތޮއްޖެހުން ބޮޑު

ކުނި އުފުލަން ބޭނުންކުރާ ލޮރީތަކުގެ ސަބަބުން ތޮއްޖެހުން ބޮޑު ކަމަށް ގިނަ ބަޔަކު ބުނެ އެވެ. އޭގެ ތެރޭގައި ވަކި މަގުތަކެއް ބްލޮކްވާ ގޮތަށް ގިނައިރު ކުނި ލޮރީތައް އޮތުމަކީ ވެސް މަގުތައް ތޮއްޖެހެން ދިމާވާ ސަބަބެއް ކަމަށް އާންމު ރައްޔިތުން ބުނެ އެވެ.

މާލޭގެ ކުނީގެ ނިޒާމް ހަރުދަނާ ކުރުމަށް ދާދި ފަހުން ހަވާލުވި ވެމްކޯ އިން އަންނަނީ ވީހާ ވެސް ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް އެމަސައްކަތް ބައްޓަން ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ވެމްކޯ އިން މިހާރު ވެސް މަސައްކަތް ކުރަނީ ވީހާވެސް މަގުތަކަށް ބާރުބޮޑު ނުވާނެހެން ކުނި ޖަމާކުރުމުގެ މަސައްކަތް ކުރުމަށް ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި ކުރިއަށް އޮތްތަނުގައި އެ ބަދަލުތައް ފެންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ސަޕްލައިކުރާ ފެނާއި ގޭހަށް ލުއިގޮތެއް ބޭނުން

މާލޭގައި 70 ހާހަށް ވުރެ ގިނަ ގޭބިސީތައް ހުރި އިރު އެއިން ކޮންމެ ގޭބިސީއަކަށް ވެސް ޒަރޫރީ ބޭނުމެއްގެ ގޮތުގައި ސަޕްލައިކުރާ އެކައްޗަކީ ފެނާއި ގޭހެވެ. އަލަށް އެކުލަވާލި އުސޫލުގެ ތެރެއިން ދުވާލުގެ ވަކި ވަގުތެއްގައި ގޭސް ސަޕްލައި ކުރެވުނު ނަމަވެސް ފެން ސަޕްލައި ކުރުމަށް އޮތް ވަގުތު ކުޑަ ކުރެވިފައި ވުމަކީ ވިޔަފާރިވެރިން ކަންބޮޑުވާ ސަބަބެއް ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.

ޕިކަޕަކުން ފިޔާ ގޯނި ތަކެއްބާލަނީ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އިންޓަނޭޝަނަލް ބެވަރޭޖަސް ކޮމްޕެނީގެ ސީއީއޯ އަލީ އިހްސާން ވިދާޅުވީ އަލަށް ގެނައި ބަދަލުގެ މަގްސަދަކީ މާލޭ ތެރޭގެ ތޮއްޖެހުން ކުޑަކުރުން ކަމަށްވާ އިރު އެއީ ވިޔަފާރިވެރިން ވެސް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އޭގެ ތެރޭގައި މިހާރު 9،000 އަށް ވުރެ ގިނަ ކޭސް ދުވާލެއްގެ މައްޗަށް އެ ކުންފުނިން އެކަނި ސަޕްލައި ކުރާއިރު ހަމަ އެކަނި ދަންވަރު އެކަން ކުރުމުން އެ އަދަދަށް ސަޕްލައި ކުރާނެ ގޮތެއް ނޭނގޭ ކަމަށެވެ.

"ދުވާލަކު 9،000 އަށް ވުރެ ގިނަ ކޭސް މި ކުންފުނިން އެކަނި މާލެއަށް އެބަ ސަޕްލައި ކުރަން. އެއީ 14 ގަޑިއިރުގެ އޮޕަރޭޝަނެއް. އެ އޮޕަރޭޝަން ހަތް ގަޑިއިރަށް ކުޑަވުމުން ލޮޖިސްޓިކް މައްސަލަތަކެއް ކުރިމަތިވާނެ،" އިހްސާން ވިދާޅުވި އެވެ.

އިހްސާން ވިދާޅުވީ ރޭގަނޑު 10:00ގައި ފިހާރަތައް ބަންދުކުރާއިރު އޭގެ ފަހުން އެ ފިހާރަތަކަށް ފެން ސަޕްލައި ކުރެވޭނެ ގޮތެއް ނުވިސްނޭ ކަމަށެވެ.

"ފިހާރަތައް ހިންގާ މީހުން މުޅި ދުވަހު އެއްކޮށް އުޅެފައި ރޭގަނޑު 10:00ގެ ފަހުން މި މަޑުކުރަނީ ސަޕްލައި އަންނަންދެން. އެއީ ހައްލެއް ނޫން. ކިހިނެއްތޯ ވިޔަފާރިވެރިޔާ މުޅި ރޭ ނުނިދާ ސަޕްލައި އަންނަންދެން މަޑުކުރާނީ، ފިހާރަތަކުގެ ބޭރަކު ނޫން ފެން ކޭސްތައް ބަހައްޓަނީ. އެ ކޭސްތައް އެތެރެއަށް ވެސް ވައްދަން ޖެހޭ،"

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފެން އުފައްދާ އައިލެންޑް ބެވަރޭޖަސް ކުންފުނީގެ ޖެނެރަލް މެނޭޖަރު މުހައްމަދު ޝިފާގް ވިދާޅުވީ އަލަށް ނެރުނު ގަވައިދަކީ މުހިންމު މަގްސަދެއްގައި ހެދިފައިވާ ގަވައިދެއް ކަމަށް ގަބޫލުކުރައްވާ ކަމަށާއި ނަމަވެސް ޕެކް ކޮށްގެން ވިއްކާ ފެނަކީ މިހާރު ޒަރޫރީ އެއްޗަކަށް ވާއިރު އެ ފެން އެންމެ އެދެވޭ ގޮތެއްގައި ސަޕްލައި ކުރެވޭނެ ނިޒާމެއް ބޭނުންވާ ކަމަށެވެ.

"ގަބޫލުކުރެވޭ ގޮތުގައި މި އައި ރެގިއުލޭޓަރީ ބަދަލަކީ ޖުމުލަކޮށް ވަރަށް މުހިންމު މަގްސަދެއްގައި އެހާމެ ބޭނުންތެރި ބަދަލެއް. އެހެން ނަމަވެސް ޕެކޭޖްޑް ވޯޓާރ އަކީ ޒަރޫރީ އެއްޗަކަށް ވެފައި ވެރިރަށް މާލެއަކީ ވިޔަފާރި އާއި އިގްތިސާދީ މައި މަރުކަޒު ކަމުގައި ވީހިނދު މި ގެނެވުނު ބަދަލާ ގުޅުން ހުރި މި އިންޑަސްޓްރީގެ ތަފާސްހިސާބު އަދި އަޅުގަނޑުމެންގެ އާންމު ދިރިއުޅުން އަދި ވިޔަފާރީގެ ކަންކަން ރޭވިފައި ހުންނަ ގޮތަށް ބަލާއިރު މީގެ ދަތިތަކެއް ދިމާވުމަކީ ވަރަށް އެކަށީގެންވާ ކަމެއް،" ތާޒާ ބްރޭންޑުގެ ފެން އުފައްދާ ކުންފުނީގެ ޖީއެމް ޝިފާގް ވިދާޅުވި އެވެ.

ޝިފާގް ވިދާޅުވީ ގޭސް އަދި ފެން ފަދަ ޒަރޫރީ ބާވަތްތައް މި އުސޫލުގެ ތެރެއިން އިސްތިސްނާ ކޮށްދިނުމަކީ އެދެވިގެންވާ ކަމެއް ކަމަށެވެ.

ބައެއް ކުންފުނިތަކުން ދުރާލައި ފިޔަވަޅު އަޅާފައި އެބަހުރި

މާލޭގެ މަގުތަކުގައި ތޮއްޖެހުމުގެ މައްސަލައަކީ މިއަދަކު އިއްޔެއަކު ދިމާވާންފެށި ކަމެއް ނޫނެވެ. އާބާދީ އިންތިހާއަށް ބޮޑުވެ، މަގުތަކަށް ނުކަތާވަރަށް އުޅަނދުތައް ގިނަވެގެން ދިޔައީ މީގެ އަހަރުތަކެއް ކުރީންނެވެ. ގޭސް ފަދަ ތަކެތި ސަޕްލައި ކުރުމަށް ހައްލު ހޯދުމަށް މޯލްޑިވް ގޭސް ފަދަ، ކުންފުނިތަކުން މަސައްކަތްކުރާތާ ވެސް ދުވަސްތަކެއް ވެއްޖެ އެވެ. އެގޮތުން، އެ ކުންފުނިން ކުރިން ގޭގެއަށް ކައްކާ ގޭސް ސަޕްލައިކުރުމަށް ގެންގުޅުނު ބޮޑެތި ޕިކަޕް ލޮރީ ފަދަ އުޅަނދުތަކުގެ ބަދަލުގައި އެ ކުންފުނިން އެކަމަށް މިހާރު ބޭނުންކުރަނީ، ކުދި އުޅަނދުފަހަރެވެ. ހަރަދު ބޮޑު ބަދަލެއް ނަމަވެސް ދާއިމީ ގޮތެއްގައި، ދިގުމުއްދަތަކަށް ކުރާ ނަމަ މި ބަދަލު މުހިއްމުކަމަށް އެ ކުންފުނިން މީގެ ކުރިން ވަނީ ބުނެފަ އެވެ.

މިއީ ތޮއްޖެހުން ކުޑަކުރުމަށް، ފެނާއި ގޭސް ފަދަ ތަކެތި އުފުލާ ފަރާތްތަކަށް ކުރެވިދާނޭ ކަމެކެވެ. އަދި ގަވާއިދުގެ ތެރޭން ލުޔެއް ހޯދުމަށް ކުރިވިދާނެ މަސައްކަތެއްވެސްމެ އެވެ.

އަލަށް އެކުލަވާލެވުނު އުސޫލާ މެދު ވިޔަފާރިވެރިންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، ހުރިހާ އެންމެން ވެސް ގަބޫލުކުރާ އެއްކަމަކީ މި އުސޫލަކީ މުހިންމު އުސޫލެއް ކަމެވެ. އަދި މީގެ މަގްސަދަކީ މިހާރުން މިހާރަށް ވެސް ހާސިލުކުރަން ޖެހޭ މަގްސަދެއް ކަަމަށް ވެސް ގަބޫލުކުރެ އެވެ. ނަމަވެސް މި އުސޫލުގައި އިތުރަށް ފުރިހަމަ ކުރެވޭނެ ކަންކަން ހުރި ކަމަށް ވިޔަފާރިވެރީން ގަބޫލުކުރެއެވެ.

އަންނަ ބުދަ ދުވަހު އާ ގަވައިދަށް އަމަލުކުރަން ފަށަން ކުރިން ހަމަޖެހިފައިވީ ނަމަވެސް، ވިޔަފާރިވެރީންނާއި އާންމު ފަރާތްތަކުގެ ކަންބޮޑުވުންތަކާ ގުޅިގެން ޓްރާންސްޕޯޓު އޮތޯރިޓީން ވަނީ އެ ގަވައިދަށް އަމަލުކުރުން ފަސްކޮށްފައެވެ. އެ އޮތޯރިޓީން ބުނީ މާލެތެރޭ މުދާ އުފުލާ ގަވައިދަށް އަމަލު ކުރަން ފަށާނީ އޭޕްރީލް އެކަކުން ފެށިގެން ކަމަށެވެ.

މާލޭގެ ރައްޔިތުންގެ އެދުމަކީ އަލަށް ހެދުނު އުސޫލުގެ ތެރެއިން މަގުތައް ތޮއްޖެހުމަށް ދިމާވާ ކަންކަން ހައްލު ލިބި ދާއިމީ ގޮތެއްގައި އެ ވޭނުން ސަލާމަތްވުމެވެ.

comment ކޮމެންޓް