ކަސްޓަމްސް އަދި ވެމްކޯއަށްވެސް ފަސޭހަ މޮޅެއް

18/30 ވުމަންސް ފުޓްސަލް ފިއެސްޓާގައި ފެނަކައާއި އުރީދޫ ވާދަކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކްލަބު މޯލްޑިވްސް ކަޕް 2018ގެ އަންހެން ބައި ކަމަށްވާ 18/30 ވުމަންސް ވިމެންސް ފުޓްސަލް ފިއެސްޓާގައި ކަސްޓަމްސް ރެކްރިއޭޝަން ކްލަބާއި ކްލަބު ވެމްކޯއިންވެސް ފަސޭހަ މޮޅެއް ހޯދައިފިއެވެ.

ވުމަންސް ފުޓްސަލް ފިއެސްޓާގެ ގްރޫޕް ސީގައި ރޭ ފެހިފަހި ކްލަބާއި ކަސްޓަމްސް ވާދަކުރި މެޗު، ކަސްޓަމްސްއިން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ކަސްޓަމްގެ ފިރުޝާނާ ނަސީރު (ފިނާ)ވަނީ ހަތަރު ގޯލް ޖަހައިފައެވެ. މީގެ އިތުރުން ދެން ކަސްޓަމްއަށް ގޯލް ޖަހައިދިނީ އަމިނަތު ނަޒުރާ އަދި އަޒީނާ އަބްދުލްމަތީން (އަޒިއްކޮ)އެވެ.

ގްރޫޕް ސީގައި ފެހިފަހި ކްލަބަށް ދެން ބާކީ މެޗެއް ނޯންނާނެއެވެ. ގްރޫޕްގެ ފަހު މެޗުގައި މިމަހު 24 ވަނަ ދުވަހު ހަވީރު ވާދަކުރާނީ ކަސްޓަމްސްއާއި އެމްޕީއެލްއެވެ.

ރޭ ކުޅުނު ގްރޫޕް އޭގެ މެޗުގައި ވެމްކޯއާއި އިކޮނޮމިކް ޑިވެލޮޕްމަންޓް ވާދަކޮށް، ވެމްކޯއިން މެޗު ކާމިޔާބުކުރީ 9-0ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

އެެ މެޗުގައި ވެމްކޯގެ ފާތިމަތު އަފްޒާ (ގޮއްޔެ)އާއި ސަފިއްޔާ ރަފާ އަދި އައިޝަތު ފިރުޝާ (ފިރޫ)، މީގެން ކޮންމެ ކުޅުންތެރިއަކުވެސް ވަނީ ދެ ގޯލް ޖަހައިފައެވެ. އޭގެ އިތުރުން ވެމްކޯގެ ގޯލްތައް ކާމިޔާބުކޮށްދިނީ ހައްވާ ޝާމަ އަލީ (ކޮއްކި)އާއި ފާތިމަތު އަރޫޝާ (އަރޫ) އަދި ހައްވާ ހަނީފާއެވެ.

ގްރޫޕް އޭގައި ވެމްކޯއިން މިހާތަނަށް ދެ މެޗު ކުޅެފައިވާއިރު، އެޓީމު ފުރަތަމަ މެޗުގައި ބަލިވީ ޕޮލިސް އަތުންނެވެ. އެ ގްރޫޕްގެ ފަހު މެޗުގައި މާދަމާ ހަވީރު ވާދަކުރާނީ ޕޮލިހާއި އިކޮނޮމިކް ޑިވެލޮޕްމަންޓެވެ.

މިއަހަރުގެ ކްލަބު މޯލްޑިވްސް ކަޕްގެ އަންހެން ބައި ކަމަށްވާ 18/30 ވުމަންސް ފުޓްސަލް ފިއެސްޓާގައި ވާދަކުރަނީ ނުވަ ޓީމެކެވެ. ނުވަ ޓީމު ތިން ގްރޫޕަކަށް ބެހިފައިވާއިރު، ކުއާޓާ ފައިނަލަށް އަށް ޓީމު ދަތުރުކުރާނެއެވެ.

comment ކޮމެންޓް