މޯލްޑިވިއަންއާއި އުރީދޫ މެޗަށް ހަމަހަމަ ނިމުމެއް، އެމްޕީއެލްއިން ފެހިފަހި ކޮޅަށް 22 ގޯލް

18/30 ވުމަންސް ފުޓްސަލް ފިއެސްޓާގައި އުރީދޫއާއި ފެނަކަ ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު ފެނަކައިން ކާމިޔާބުކުރީ 4-0ގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކްލަބު މޯލްޑިވްސްގެ އަންހެން ޑިވިޝަން، 18/30 ވުމަންސް ފުޓްސަލް ފިއެސްޓާގައި މޯލްޑިވިއަންއާއި އުރީދޫ ކުޅުނު މެޗު އެއްވަރުވެގެން ނިމުނުއިރު، އެމްޕީއެލްއިން ފެހިފަހި ކްލަބު ކޮޅަށް 22 ގޯލް ޖަހައިފި އެވެ.

18/30 ވުމަންސް ފުޓްސަލް ފިއެސްޓާގައި ރޭ ކުޅުނު ގްރޫޕް ބީގެ މެޗުގައި ވާދަކުރީ އުރީދުއާއި މޯލްޑިވިއަންއެވެ. އެ މެޗު ނިމުނީ 2-2ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

މެޗުގެ ފުރަތަމަ ހާފް ނިމެން މިނެޓަކަށް ވެފައިވަނިކޮށް މޯލްޑިވިއަންއަށް ލީޑު ނަގައިދިނީ ބިދޭސީ ކުޅުންތެރިޔާ ސަކޫނާ ސެނަބަތޫއެވެ. ދެވަނަ ހާފް ފެށިގެން ފުރަތަމަ 10 މިނެޓް ތެރޭގައި ރިޗޭލް ކޯލެޓްގެ ގޯލުން އުރީދޫވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

އުރީދޫގެ ގޯލަށްފަހު އެޓީމުންވަނީ ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން މެޗުގެ 28 ވަނަ މިނެޓުގައި ޖޯސެފީން ބޯޖާގެ ގޯލުން އުރީދޫ ވަނީ މެޗުގެ ލީޑުވެސް ނަގައިފައެވެ. މެޗްު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް މޯލްޑިއަންއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ސަކޫނާ ސެނަބަތޫގެ ދެވަނަ ގޯލާއެކު އެވެ.

ގްރޫޕް ބީގެ އެއްވަނައިގައި ތިން ޕޮއިންޓާއެކު މިވަގުތު ފެނަކަ އޮތްއިރު، ދެން އޮތް ދެ ޓީމަށްވެސް ލިބެނީ ޕޮއިންޓެކެވެ. މި ގްރޫޕްގައި އުރީދުއިން މިހާތަނަށް ދެ މެޗު ކުޅެފައިވާއިރު، ފެނަކަ އަދި މޯލްޑިވިއަންވެސް އަދި ކުޅެފައިވަނީ އެއް މެޗެވެ.

18/30 ވުމަންސް ފުޓްސަލް ފިއެސްޓާގައި ރޭ ކުޅުނު ދެވަނަ މެޗަކީ ގްރޫޕް ސީގެ މެޗެކެވެ. އެ މެޗުގައި ވާދަކުރީ އެމްޕީއެލްއާއި ފެހިފަހި ކްލަބެވެ. އެމްޕީއެލްއިން މެޗް ކާމިޔާބުކުރީ 22-0 ގެ ތަފާތތު ބޮޑު ނަތީޖާއަކުންނެވެ.

އެ މެޗުގައި އެމްޕީއެލްގެ ފާތިމަތު ޖޫޒާން ޒަރީރުވަނީ އަށް ގޯލް ޖަހައިފައެވެ. އަދި އެޓީމުގެ އިރާން ކުޅުންތެރިޔާ ސެޔެދޭޒަރާ އަހުމަދީޒާދޭ ވަނީ މެޗުގައި ހަތް ގޯލް ޖަހައިފައެވެ. އެމްޕީއެލްގެ އައިމިނަތު ޝާމިލާ (ޝާ) މެޗުގައި ހެޓްރިކް ހަދާފައިވާއިރު، ފަރާ އަހުމަދާއި ފާތިމަތު ޝާލިއާވަނީ ކޮންމެ ކުޅުންތެރިއަކު ގޯލެއް ޖަހައިފައެވެ. ރޭގެ މެޗުގައި އެމްޕީއެލްގެ މަރިޔަމް ރިފާ (މާލީން)ވަނީ މެޗުގައި ދެ ގޯލް ޖަހައިފައެވެ.

އެމްޕީއެލްގައި އިރާންގެ ދެ ކުޅުންތެރިންނާއެކު، ރާއްޖޭގެ ގައުމީ އަންހެން ފުޓުބޯޅަ ޓީމުގެ ކުޅުންތެރިން ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

8/30 ވުމަންސް ފުޓްސަލް ފިއެސްޓާގެ މެޗެއް މިއަދު ނޯންނާނެއެވެ. ދެން މެޗެއް އޮންނާނި މާދަމާއެވެ.

18/30 ވުމަންސް ފުޓްސަލް ފިއެސްޓާގައި މާދަމާ އޮންނަ މެޗުތައް:

21:30 ފެހިފަހު ކްލަބު - ކަސްޓަމްސް ރެކްރިއޭޝަން ކްލަބު

22:15 ވެމްކޯ - އެކޮނޮމިކްސް ޑެވަލޮޕްމަންޓް

comment ކޮމެންޓް