ށ. ބިލެތްފަހީގައި އާންމު މީސް މީހުންގެ މުދަލަށާއި މަގުމަތީ ބަހައްޓާފައި ހުންނަ ކަރަންޓް ޑިސްޓްރިބިއުޝަން ފޮށިތަކަށް އެ ރަށުގެ ބަޔަކު ގެއްލުންދިނުމުން ރަށުން ކަރަންޓް ކެނޑިފައި އޮންނަތާ ތިން ދުވަސްވެއްޖެ އެވެ.
ބިލެއްފަހީ ކައުންސިލްގެ ރައީސް އަބުދުﷲ ޒިޔާދު މިއަދު ވިދާޅުވީ މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން މަހަކު ފޮއްޓެއްގައި ކޮންމެވެސް ބަޔަކު ރޯކޮށް ހަލާކުކުރަމުން އަންނަ ކަމަށެވެ. އަދި އެގޮތަށް ކަރަންޓް ފޮށިތައް ހަލާކުކުރަމުން އައިސް މިހާރު މުޅިރަށުން ކަރަންޓް ކެނޑި ސަރުކާރުގެ އޮފީސްތަކާއި ސްކޫލްގެ ހިދުމަތް ހުއްޓިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ކަމާ ބެހޭ ފަރާތްތަކަށް ވެސް ރަސްމީކޮށް ހުށަހަޅައިގެން މިހާތަނަށް އެއްވެސް ހައްލެއް ލިބިފައިނުވާ ކަމަށް ކައުންސިލަރު ވިދާޅުވި އެވެ.
ޒިޔާދު ވިދާޅުވީ އެ ރަށު ބަޔަކު އެގޮތަށް ފޮށިތަކަށް ގެއްލުން ދެމުންދަނީ ކީއްވެ ކަމެއް ނޭނގޭ ކަމަށެވެ.
ގާތްގަނޑަކަށް 29 އަހަރު ވަންދެން އެ ރަށަށް ކަރަންޓްގެ ޚިދުމަތް ދެމުން އަންނަ އަމިއްލަ ޖަމިއްޔާ އަށް ތިން ލައްކަ އާ ގާތްކުރާވަރުގެ ގެއްލުން މިހާރުވެފައިވާ ކަމަށް ކައުންސިލަރު ވިދާޅުވި އެވެ.
ޒިޔާދު ވިދާޅުވީ ރަށުން ކަރަންޓު ދުއްވާލުމުގެ އިތުރުން ރަށުގެ އާންމުންގެ މުދަލަށް ވެސް އެމީހުން ނުކުމެ ދުވާލުގެ މެންދުރު ގަޑީގައި ވެސް ގެއްލުންދީ ހަދަމުންދާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ރަށުގެ އާންމު މަސްލަހަތު ވެސް ގެއްލެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިކަމާހެދި ރަށުގެ މަސްލަހަތު މިވަނީ ގެއްލިފައި. މިކަން ކަމާ ބެހޭ ހުރިހާ ފަރާތްތަކަކަށް ލިޔެކިއުމުން ދެންނެވިން. އެކަމަކު ޖަވާބެއް ނުލިބޭ. ފުލުހުން މިރަށުގައި ތިއްބައި އިންޖީނު ގެއަށް ގާ އުކާ އެބަހަދަ،" ބިލެއްފަހި ކައުންސިލްގެ ރައީސް އަބުދުﷲ ޒިޔާދު ވިދާޅުވި އެވެ.