އޭލެވެލްގެ އެއްވަނައާއެކު، ޑޮކްޓަރަކަށް ވުމަށް ފާތުން ދެކެމުންއައި ހުވަފެން ހަގީގަތަަކަށް!

ޓޮޕްއެޗީވާޒް އެވޯޑް ދިނުމަށް ދަރުބާރުގޭގައި މިމަހު ބޭއްވި ރަސްމިއްޔާތުގައި ފާތުމަތު ސައީދަށް ޓޮޕްއެޗީވާޒް އެވޯޑް އަރުވަނީ-- ފޮޓޯ: ފާތިމަތު ސައީދު

"ރައީސްގެ ސްކޯލާޝިޕް ލިބުން އެއީ ދެން އެހާ ބޮޑަށް އުއްމީދުކުރި ކަމެއްވެސް ނޫން. އެވޯޑް ލިބުމުން ދެން ކުރެވުނީ ބުނެދޭން ނޭނގޭ ކަހަލަ އިހްސާސްތަކެއް،" މިއަހަރުގެ ޓޮޕް އެޗީވާޒް އެވޯޑް ހާސިލްކޮށް ރައީސްގެ ސްކޯލާޝިޕް ހާސިލްކުރި ފާތިމަތު ސައީދު (ފާތުން) އޭނާގެ ޝުއޫރުތައް ބަންޑުންކޮށްލީ "ސަޕްރައިޒް" އެއްގެ ގޮތުގައެވެ.

ސ. ފޭދުއަށް އުފަން ފާތުންގެ ދިގު ތައުލީމީ ދައުރު ފެށިތާ މިހާރު ކިތަންމެ އަހަރެއްވެއްޖެއެވެ. ސ. ފޭދޫ ސްކޫލުން ގްރޭޑް އެކަކުން ދިހަޔަކަށް ތައުލީމް ހާސިލްކުރި ފާތުން އޭރުވެސް ފާހަގަކުރެވުނީ ތައުލީމީގޮތުންނާއި އަދި އިތުރު ހަރަކާތްތަކުން ތަފާތު ދައްކައިދިން ދަރިވަރެއްގެ ގޮތުގައެވެ. އޭގެ ނަތީޖާ އޭރުވެސް ވަރަށް ފޮންޏެވެ.

"ފޭދޫ ސްކޫލުގައި އުޅުނުއިރު އަޅުގަނޑަކީ ދިވެހި ކްލަބުގެ ރައީސް. ޕާޕަލް ހައުސްގެ ވައިސް ކެޕްޓަން. ދެން އަޅުގަނޑަކީ ގްރޭޑް ހަޔަކުން ފެށިގެން 10 އަށް ޕްރިފެކްޓެއްވެސް މެ،" ފާތުން ފަހުވެރިކަމާއެކު އޭނާގެ ތައުލީމީ ހަޔާތުގެ ރަންދުވަސްތައް ކިޔައިދިނެވެ.

އޯ ލެވެލް ޓޮޕްޓެންގައި އެއްވަނަ ހާސިލްކޮށް، މަންމައާއި ބައްޕައާއެކު އެވޯޑް ހިފަހައްޓައިގެން-- ފޮޓޯ: ފާތިމަތު ސައީދު

ފޭދޫ ސްކޫލުގައި ހޭދަކުރި، ހަނދާނުން ފިލައިގެންނުދާނެ ދުވަސްތަކާއެކު އެ ސްކޫލުން ފާތުން އަލްވަދާއުކީ އޯ ލެވެލް އިމްތިހާނުން އެއްވަނަ ހޯދައި ފޭދޫ ސްކޫލްގެ ނަންވެސް ރަން އަކުރުން ފަވާލައިފައެވެ.

"ދިވެހި އިސްލާމް ނޫން ހުރިހާ މާއްދާއަކުން އޭ ސްޓާ ލިބުނު. ދެން އޭރަކު ނުދޭ ދިވެހި އިސްލާމަކުން އޭ ސްޓާއެއް،" ފާތުން ބުންޏެވެ.

ފޭދޫ ސްކޫލު ނިންމުމަށްފަހު ފާތުން ބަދަލުވީ މާލެއަށެވެ. ސީއެޗްއެސީގައި އޭ ލެވެލްއަށް ކިޔަވަން ފެށި ފާތުން އަމާޒު ހިފީ އޯލެވެލްއެކޭ އެއްގޮތަށް އޭލެވެލްގައި ވެސް ރަނގަޅު ނަތީޖާއާއެއް ހޯދުމަށެވެ.

"އަސްލު އޭލެވެލް ވަރަށް އުނދަގޫ. އިޓް ވޯޒް ލައިކް އަ ރޭސް އެގެއިންސްޓް ޓައިމް. ޓީޗަރުންވެސް ބުނި އޯލެވެލްގައި އަދި އެންމެ ރަނގަޅު ނަތީޖާއެއް ހޯދިޔަސް އޭ ލެވެލްގައި އެންމެ ރަނގަޅު ނަތީޖާއެއް ނުހޯދިދާނެކަމަށް،" ފާތުން ކިޔައިދިނެވެ.

ސީއެޗްސީގެ 2017 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި ފާތުންއަށް އިނާމު އަރުވަނީ-- ފޮޓޯ: ފާތިމަތު ސައީދު

އޭލެވެލްގެ ހަ މާއްދާގައި ބައިވެރިވެ ފަސް މާއްދާއިން އޭ ސްޓާ ހޯދި ފާތުން އަނެއްކާވެސް އޭނާގެ މަގާމު ދިފާއުކުރީ ހިތްމަތާ މިންނަތާއެކުއެވެ. އެއާއެކު ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ސްކޯލާޝިޕް މިހައަހަރު ހާސިލްކުރި ތިން ދަރިވަރުންގެ ތެރޭގައި ފާތުން ވަނީ ހިމެނިފައެވެ.

ރައީސްގެ ސްކޯލާޝިޕް ހާސިލްކުރި ފާތުންގެ އަމާޒު ހުރީ އޭނާ އެންމެ ކުރިއްސުރެވެސް ދެކެމުން އައި ބޮޑު "މަންޒަރު" ގައި ކުލަޖައްސައި ހަގީތަކަށް ހެދުމަށެވެ.

ޓޮޕްއެޗީވާޒް އެވޯޑް ދިނުމަށް ދަރުބާރުގޭގައި މިމަހު ބޭއްވި ރަސްމިއްޔާތުގައި ޑރ. އައިޝަތު ޝިހާމް، ފާތުމަތު ސައީދަށް އެވޯޑް އަރުވަނީ-- ފޮޓޯ: މަތު ސައީދު

"ގްރޭޑް ހަޔަކުން ފެށިގެން ވެސް އަޅުގަނޑު ބޭނުންވި ޑޮކްޓަރަކަށް ވާން. އެއީ ވަރަށް އެހެން ކަހަލަ ސްޓޯރީއެއް. އަޅުގަނޑަށް ކުރިން ފެނުނު ދިވެހި ކާޑިއެކް ސާޖަންއެއް. އެއީ ވަރަށް އިންސްޕަޔަރިން މީހެއް. އޭނަ ފަރުވާ ދިން މީހަކަށް މިހާރު 20 އަހަރުވެސް ވެދާނެ. އަދިވެސް ވަރަށް ބަރާބަރު އޭނާ. އެހެންވެ އަޅުގަނޑު ބޭނުންވަނީ އާއިލާތަކަށް އުފާވެރިކަން ގެނެސްދޭނެ މީހަކަށް ވާން. ސާޖަންއަކަށް ވާން އަޅުގަނޑުވެސް ބޭނުންވަނީ،" ފާތުން އޭނާގެ އުންމީދުތައް ކިޔައިދިނެވެ.

ޑޮކްޓަރުކަން ކިޔެވުމަށް ޔުނިވާސިޓިގައި ކިޔެވުން ފެށެން ކުޑަތަން ވެފައިވާއިރު ފާތުން އަދިވެސް އުޅެނީ ވަރަށް "ބިޒީ" ކޮށެވެ.

" ފޭދޫގައި ހުންނަ އެއިމްސް ޑައިގްނޯސްޓިކް ސެންޓަރުގައި ކްލިނިކަލް އެސިސްޓެންޓްއެއްގެ ގޮތުގައި މިހާރު މި މަސައްކަތްކުރަނީ. އޮގަސްޓު މަހު ކިޔެވުން ފެށެނީ. މިބަލަނީ މެލޭޝިއާގެ ރަނގަޅު ޔުނިވާސިޓީއަކަށް ދެވޭތޯ،" ފާތުން ބުންޏެވެ.

ތައުލީމީ ހަޔާތުގެ ދިގު ދަތުރު ފާތުން މިހާތަނަށް ކަޑައްތު ކުރިއިރު، އޭނާއަށް އެހީތެރިވެދިން ފަރާތްތަކަކީ އޭނާގެ ކާމިޔާބުގެ އެއް ސިއްރެވެ.

" މަންމަ ބައްޕަ ދެން އާއިލާގެ މެމްބަރުންގެ ފަރާތުން ވަރަށް ބޯޑު ސަޕޯޓެއް ލިބުނު. މާލޭގައި ކިޔަވަން ހުރީ ބޮޑުދައިތައެއް ކައިރީގައި. ދެން ބޮޑުދައިތަ ވަރަށް ރަނގަޅު. މަންމަ ކައިރީގައި ނެތް ކަމުގައިވިޔަސް ބޮޑުދައިތަ ގެންގުޅުނީ ހަމަ މަންމަ ގެންގޫޅޭހެން،" ފާތުން ބުންޏެވެ.

ޓޮޕް އެޗީވާޒްގެ ކާމިޔާބާއެކު ފާތުންގެ އާއިލާވެސް ތިބީ ހެވި ދިއްލިފައެވެ. މިއި ފާތުންގެ އާއިލާއަށް ވެސް ލިބުނު ވަރަށް ބޮޑު ކާމިޔާބެކެވެ.

ފާތުން ޑޮކްޓަރަކަށް ވެގެން ރާއްޖެ އައިސް، ގައުމަށް ހިދުމަތްކުރާތައް ފެނުމަކީ އޭނާގެ އާއިލާއާއި މުޅި ގައުމުވެސް މިހާރު އެންމެ ބޮޑަށް ދެކެން ބޭނުންވާ އެއް މަންޒަރެވެ. ކިޔަވައިގެން ރާއްޖޭގެ ނަން ރަން އަކުރުން ފަވާތަން ފެނިގެން ދިއުމަކީ މުޅި ގައުމު އެކަަމަށް ފަހުރުވެރިވާނެ ކަމެެކެވެ.

comment ކޮމެންޓް