ރަޝިއާއާ ބެހޭ ތަހުގީގަށް ފާޑު ވިދާޅުވުމުން، ޓްރަމްޕަށް ރިޕަބްލިކަން ޕާޓީގެ އިންޒާރު

ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ން އެމެރިކާގެ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވި މައްސަލަ ބަލާ ތަހުގީގަށް ފާޑު ވިދާޅުވެފައި -- ފޮޓޯ: ގެޓީ

ވޮޝިންޓަން (މާޗް 19): ރަޝިއާ އިން އެމެރިކާގެ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވި މައްސަލަ ބެލުމަށް ކުރިއަށް ގެންދާ ތަހުގީގަށް ރައީސް ޑޮނަލްޑް ޓްރަމްޕް ހުރަސް ނޭޅުމަށް ރިޕަބްލިކަން ޕާޓީގެ މެމްބަރުން ގޮވާލައިފި އެވެ.

އެމެރިކާގެ ވެރިކަން ކުރާ ޕާޓީގެ މެމްބަރުން އެފަދައިން ވިދާޅުވީ އެފްބީއައިގެ ކުރީގެ ޑިރެކްޓަރު ރޮބަޓް މުލާ ކުރިއަށްގެންދަވާ ތަހުގީގަށް ރައީސް ޓްރަމްޕް އިއްޔެ ފާޑުވިދާޅުވި ފަހުންނެވެ.

އެގޮތުން އެތަހުގީގުގެ އިންސާފުވެރިކަމާ މެދު ސުވާލު އުފައްދަވައި ޓްރަމްޕްގެ ރިޔާސީ ކެމްޕެއިނާއި ރަޝިއާ އިން ގުޅިގެން މަސައްކަތްކޮށްފައި ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އަދި އެތަހުގީގުގައި ގިނަ އަދަދަކަށް ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުން ހިމެނުނު ނަމަވެސް އެއްވެސް ރިޕަބްލިކަން ޕާޓީގެ މެމްބަރަކު ނުހިމެނޭ ކަމަށް ވެސް ޓްރަމްޕް ޓުވީޓު ކުރެއްވި އެވެ.

ނަމަވެސް އެތަހުގީގުގައި އިސްކޮށް ހުންނަވާ މުލާ އަކީ ރިޕަބްލިކަން ޕާޓީގެ މެމްބަރެކެވެ.

އޭގެ ސަބަބުން ރިޕަބްލިކަން ޕާޓީގެ ސެނެޓަރު ލިންސޭ ގްރަހަމް ވަނީ އެތަހުގީގަށް ހުރަސް ނޭޅުމަށް ޓްރަމްޕަށް ގޮވާލައްވާފައި އެވެ. އަދި އެއީ އެޕާޓީގެ އެހެން މެމްބަރުން ވެސް ބޭނުންވާ ގޮތް ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން ސެނެޓަރު ގްރަހަމް ވަނީ މުލާ އެތަހުގީގުން ދުރުކޮށްފި ނަމަ ރައީސް ޓްރަމްޕްގެ ވެރިކަން ނިމުމަކަށް އަތުވެދާނެ ކަމުގެ އިންޒާރު ވެސް ދެއްވައިފަ އެވެ.

"މިއީ ގާނޫނީ ވެރިކަމެއް އޮތް ގައުމެއް އަދި ޓްރަމްޕް އެކަން [މުލާ މަގާމުން ދުރުކުރަން] ކުރައްވަން މަސައްކަތް ކުރައްވައިފި ނަމަ އެވާނީ މިވެރިކަމުގެ ނިމުން ކައިރިވީ ކަމަށް،" ގްރަހަމް ވިދާޅުވި އެވެ.

ރިޕަބްލިކަން ޕާޓީގެ އިތުރު ސެނެޓަރެއް ކަމަށްވާ ޖެފް ފްލޭކް ވަނީ ރަޝިއާއާ ބެހޭ ތަހުގީގުން މުލާ ދުރުކުރަން ޓްރަމްޕް މަސައްކަތް ކުރައްވާ ކަމަށް ލަފާ ކުރައްވާފައި އެވެ. އަދި އެއީ އެގައުމުގެ ކޮންގްރެސްއަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް ވައިޓް ހައުސްގެ ވަކީލު ޓައި ކޮބް ވަނީ ސްޕެޝަލް ކައުންސެލް ރޮބަޓް މުލާ މަގާމުން ދުރުކުރައްވަން ރައީސް ޓްރަމްޕް މަސައްކަތް ނުކުރައްވާ ކަމަށް މިއަދު ވިދާޅުވެފަ އެވެ. (ބީބީސީ)

comment ކޮމެންޓް