ދީނަށް ރައްކާތެރިވެގެން ދީން ދިފާއުކުރުމަށް ތައްޔާރަށް ތިބެން ގޮވާލައިފި

ފަތުވާދޭ މަޖިލީހުގެ މެންބަރުން---

އިސްލާމްދީނަށް ރައްކާތެރިވެގެން ތިބުމަށާއި ދީން ދިފާއު ކުރުމަށް ތައްޔާރަށް ތިބެން ފަތުވާދޭ މަޖިލީހުގެ ރައީސް ފަޟީލަތުލް ޝެއިހް މުހައްމަދު ރަޝީދު އިބްރާހިމް ގޮވާލައްވައިފި އެވެ.

އިސްލާމިކް މިނިސްޓްރީގައި ފަތުވާދޭ މަޖިލިސްގެ މެންބަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝެއިހް ވިދާޅުވީ މި ގައުމަކަށް އިސްލާމްދީން ނޫން ދީނެއް ބޭނުން ނުވާ ކަމަށެވެ.

މި ގައުމުގައި އޮތް އިސްލާމްދީން ރައްކާތެރި ކުރުމަށް ޓަކައި މަސައްކަތް ކުރުމަކީ ރައްޔިތުންނަށް ވާޖިބުވެގެންވާ ކަމެއް ކަމަށާއި އިސްލާމް ދީނަކީ ދެދުނިޔޭގެ ވެސް ބާއްޖަވެރިކަން ގެނެސްދޭ ދީން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް ގޮވާލާ އީޔޫގެ ޕާލިމެންޓުން ފާސްކުރި ގަރާރާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މުހައްމަދު ރަޝީދު ވިދާޅުވީ އެއް ޖިންސުން ގުޅުން ހިންގުމަކީ އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ ކަމެއް ކަމަށާއި މަރަށް މަރު ހިފުމަކީ ދީނުގައި ވާ ކަމެއް ކަމަށެވެ.

"ބޭރުގެ ޖަމިއްޔާގެ ބަޔަކު އެބަ ބުނޭ ރާއްޖޭގައި ދީނީ މިނިވަން ކަމެއް ނޯވެއޭ. އަޅުގަނޑުމެން ބޭނުމެއް ނޫން ދީނީ މިނިވަން ކަމެއް. ބޭނުން ވަނީ އިސްލާމްދީނުގެ ހަރުދަނާ އުސޫލުތަކުގައި ހިފައިގެން ތިބެގެން ދިރިއުޅުން ބައްޓަން ކުރުމަށް،" މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިސްލާމްދީން ނޫން އެހެން ދީނެއްގެ އަސަރެއް ހުރުމަކީ ވެސް އެކަށީގެންވާ ކަމެއް ނޫން ކަމަށާއި ދީން ދިފާއުކުރުމަށް ތައްޔާރަށް ތިބެން ޖެހޭ ކަމަށެވެ.

އެއް ޖިންސުން ގުޅުން ހިންގުމަކީ މާތްﷲ ހަރާމްކުރައްވާފައިވާ ބޮޑު ފާފަ ތަކުގެ ތެރެއިންވާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ސަލާމްލެއްވި ލޫތުގެ ފާނުގެ ގައުމުގެ މީހުން ދިރިއުޅެއްވީ ސަދޫމް ކިޔާ ރަށެއްގައި ކަމަށާއި މިހާރު ނަމަ އެއީ ޖޯޑަން އާއި އިސްރާއީލާއި ދެމެދު ޑެޑް ސީ ކަމަށާއި އެ ގައުމުގެ މީހުން ވެސް އެއް ޖިންސުން ގުޅުން ހިންގި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަންހެނުން އަންހެނުންނާ ގުޅުން ހިންގީ. ފިރިހެނުން ފިރިހެނުންނާ ގުޅުން ހިންގީ. ލޫތުގެ ފާނުގެ އަނބިކަނބަލުން ވެސްވީ އެ ފާހިޝް ކަންތައް ކުރި މީހުންގެ ތެރޭގައި. ލޫތުގެފާނު އެތައް ފަހަރަކު އެމީހުންނަށް ނަސޭހަތްތެރިވެ އެ ކަން ގަބޫލު ނުކުރުމުން އެ ގައުމުގެ މައްޗަށް ކޯފާ ފޮނުއްވީ. އުޑުން އަލިފާނުގެ ހިލައިގެ ވާރޭ ވެއްސެވީ. ދެން ޖިބްރީލުގެފާނު ފޮނުއްވާ އެކަލޭނގެފާނުގެ ފިޔަފުޅުން ޖައްސަވައި ސަދޫމް ކިޔާ ރަށް ބަންޑުން ޖެއްސެވީ. ދެން އެ ތަނުގައި އުފެދުނީ ލޭގެ ކަނޑެއް. އެއީ މިހާރުގެ ޑެޑްސީ،" ޝެއިހް ވިދާޅުވި އެވެ.

ގުރުއާންގެ އެތައް ސޫރަތެއްގެ އެތައް އާޔަތެއްގައި އެ ފާފައިގެ ބޮޑު ކަމުން ނަންގަނެވިފައިވާ ކަމަށާއި އެކަންތައްތަކުން މިއަދު ހުރިހާ އެންމެން އިބްރަތް ލިބިގަންނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މުހައްމަދު ރަޝީދު ވަނީ ދިވެހިންގެ ތެރޭގައި އެ ފަދަ ކަންތައްތައް ފަތުރަން ބަޔަކު އުޅޭ ނަމަ އެ މީހަކާ ދޭތެރޭގައި ހަރުކަށި ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލައްވާ ކަމަށެވެ.

އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ އަދަބުތަކަށް އެއްވެސް މީހަކަށް ލުޔެއް ނުދެވޭނެ ކަމަށާއި ދީނާ އެއްގޮތަށް އެކަން ތަންފީޒު ކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

"އިސްލާމްދީން މި ރާއްޖޭގައި ބާރުވެރިކުރަން ޖެހޭ."

ރާއްޖެގައި ދީނީ މިނިވަންކަން ދިނުމަށް ގޮވާލާ އީޔޫގެ ޕާލިމެންޓުން ފާސްކުރި ގަރާރާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ފަތުވާދޭ މަޖިލީހުގެ މެންބަރު މޫސާ އަންވަރު ވިދާޅުވީ ގަރާރު ނެރުނު އީޔޫ މީހުންގެ ގައުމުގައި ތިބޭ މުސްލިމުންނަށް ކުރިމަތިވެފައިވާ ހައްގުތަކަށް ބަލާއިރު އެ ރައްޔިތުންނަށް ދީނީ މިނިވަންކަމެއް ނެތް ކަމަށެވެ.

"ގުރުއާނުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި އެބޮތް ޔަހޫދީންނާއި ނަސާރާ އިން ދުވަހަކު ވެސް ހެވެއް ނޭދޭނެ ކަމަށް އެ މީހުންގެ ދީނަށް ތަބާވާނުވާ ހިނދަކު،" އޭނާ ވިދާޅުވި އެވެ.

އަންވަރު ވިދާޅުވީ އިސްލާމްދީނުގައި ވަކި އުސޫލުތަކެއް ކަނޑައަޅުއްވާފައިވާ ކަމަށާއި ތާރީހުން އިބްރަތް ހާސިލް ކޮށްގެން މުސްތަގުބަލް ރާވަން ޖެހޭ ކަމަށެވެ.

"އިސްލާމްދީން ނެތިގެން ދިޔަ ގައުމުތަކުގައި ކަންތައްވީ ގޮތްތަކުން އިބްރަތް ހާސިލް ކުރަން ޖެހޭ. އަޅުގަނޑުމެންގެ ހާލަތު އަމިއްލަ އަށް ބަދަލު ކުރަން ޖެހޭ. ރާއްޖޭގައި އިސްލާމްދީނު ނޫން އެހެން ދީނަކަށް ފުރުސަތު ނުދީ،" އޭނާ ވިދާޅުވި އެވެ.

އީޔޫގެ ޕާލިމަންޓުން ނެރުނު ގަރާރުގައި ވަނީ ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމަށް މަސައްކަތް ކުރަމުން ދާތީ އެކަން ހުޓާލުމަށް ގޮވާލައިފަ އެވެ. އަދި އެކި ދީންތަކަށް ފުރުސަތު ދިނުމަށް ވެސް ގޮވާލާފައިވެ އެވެ.

comment ކޮމެންޓް