ނާޒިމްގެ މައްސަލައަށް ނޫސްވެރިން ނުވައްދައި ޝަރީއަތް ކުރިއަށް ގެންގޮސްފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްގެ މައްޗަށް ދައުލަތުން އުފުލާ މަކަރާއި ހީލަތް ހެއްދެވިކަމުގެ ކުށުގެ ތުހުމަތުގެ ދައުވާގެ ޝަރީއަތަށް ނޫސްވެރިން ނުވައްދައި ކްރިމިނަލް ކޯޓްގައި މިއަދު ޝަރިއަތް ހިންގައިފި އެވެ.

ދައުލަތުން ނާޒިމުގެ މައްޗަށް އުފުލާ ދެ ދައުވާގެ އަޑުއެހުން މިއަދު ބާއްވާފައި ވަނީ ވަކި ދެ މަޖިލީހެއްގައި މައްސަލައިގެ ޝަރީއަތް ހިންގާ ގަޑި ބަދަލު ކޮށްގެނެވެ. މައްސަލައިގެ ޝަރީއަތް ކަވަރު ކުރުމަށް ހެނދުނުއްސުރެ ކޯޓްގައި ރަޖިސްޓަރީވެފައިވާ އެއްވެސް ނޫސްވެރިޔަކަށް ޝަރީއަތުގެ ވަގުތައް ބަދަލު ކުރިކަން ކްރިމިނަލް ކޯޓުން އަންގާފައެއް ނުވެއެވެ. ނާޒިމްގެ މައްސަލަ މިއަދު ކުރިޔަށް ގެންގޮސްފައި ވަނީ އެ މައްސަލަ ފަށާނެ ކަމަށް ކޯޓް ޝެޑިއުލްގައި އިއުލާންކޮށްފައިވާ ގަޑިއަށް ވުރެ އެއް ގަޑިއިރު ކުރިން ނެވެ. ކޯޓް ޝެޑިއުލްގައި އޮތީ މައްސަލަ ފަށާނީ 12:00 ޖަހާއިރު ކަމަށެވެ. ޝަރީއަތް ހިންގީ 11:00 ޖެހި އިރު އެވެ.

ވަގުތު ބަދަލުކޮށް ޝަރީއަތް ބާއްވާން މިއަދު ތައްޔާރުވެފައިވާކަން ނޫސްވެރިންނަށް އެނގި، އެ މަޖިލީހަށް ވަންނަން ނޫސްވެރިން ދިއުމުން ހުޅުވާލެވިފައިވާ އެ މަޖިލީހަށް "ހަމައެކަނި ނޫސްވެރިންނަށް" ނުވެއްދޭނެ ކަމަށް ކޯޓުން ބުންޏެވެ. އަދި ނޫސްވެރިންނަށް ޝަރީއަތް ނުވަދެވުނު ސަބަބު ބަޔާން ކުރީ ނާޒިމްގެ މައްޗަށް ކުރި ދައުވާއެއްގެ އަޑު އެހުން ނިންމުނުތާ ދެ ގަޑިއެއްހާއިރު ފަހުންނެވެ. ނަމަވެސް ޝަރީއަތް އަޑު އެހުމަށް އާންމުންގެ މީހަކު ވަނީ ވައްދާފައެވެ.
ކްރިމިނަލް ކޯޓްގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު މިއަދު ވިދާޅުވީ ނާޒިމްގެ މައްސަލައަށް ނޫސްވެރިން ނުވެއްދީ އެންމެ ފަހުން ބޭއްވުނު ނާޒިމްގެ މައްސަލާގައި ބައެއް ނޫސްވެރިންގެ ފަރާތުން ކޯޓާމެދު ނުބައި ތަސައްވުރެއް ފެނިގެންދާ ގޮތަށް ހަބަރު ފަތުރާފައިވާތީ ކަމަށެވެ. އަދި ޝަރީއަތަށް ނޫސްވެރިން ނުވެއްދީ ފަނޑިޔާރުންނަށް ލިބިގެންވާ ވިރާސީ ބާރާއި ގާނޫނު އަސާސީގެ 42 މާއްދާގެ )ނ(ގެ )3( ދަށުން ލިބޭ ބާރުގެ ދަށުން ކަމަށެވެ.

ގާނޫނު އަސާސީގެ 42 މާއްދާގެ )ނ(ގެ )3(ގައި ބުނެފައި ވަނީ އާންމުކޮށް ހުޅުވައިލައިގެން ޝަރީއަތް ހިންގައިފިނަމަ އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަހަކަށް ވެއްޖެނަމަ އެކަމުން މިންޖުވުމަށްޓަކައި ޝަރީއަތް ސިއްރު ކުރުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވާ ކަމަށެވެ.

ނާޒިމްގެ މައްޗަށް މިއަދު ދައުލަތުން އުފުލި އިތުރު ދެ ދައުވާއާއެކު ޖުމްލަ ހަތަރު ދައުވާއެއް ނާޒިމްގެ މައްޗަށް ދައުލަތުން އުފުލަ އެވެ. ނާޒިމް މިއަދު ކޯޓަށް ހާޒިރުވެ ވަޑައިގަތީ އެކި ސަބަބުތަކާހުރެ ޝަރީއަތް ހާޒިރު ނުވެ ހުންނެވުމަށްފަހު ކޯޓުން ފޮނުވި އަށް ވަނަ ޗިޓަށެވެ. މިއަދު ނާޒިމްގެ މައްޗަށް އުފުލި މަކަރާއި ހީލަތް ހެދުމުގެ ދައުވާ ތަފްސީލެއް ލިބޭގޮތެއް ނުވެ އެވެ.

ނަމަވެސް ކުރިން ނާޒިމްގެ މައްޗަށް ކުރި މަކަރާއި ހީލަތް ހެދުމުގެ ދައުވާގައި ބުނެފައި ވަނީ ކުރީގެ އެޓޯލްސް މިނިސްޓްރީން 15،000 ދިވެހި ގައުމީ ދިދަ ގަތުމަށް ޖޫން 18، 2005 ގައި އިއުލާން ކުރުމުން ނާޒިމްގެ ހިއްސާ އޮންނަ ނަމީރާ އިންޖިނިއަރިން އެންޑް ޓްރޭޑިންގެ މެނޭޖިން ޑިރެކްޓަރަކަށް އޭނާ ހުންނަވައި، އެ ކުންފުނީގެ ތަކެއްޗާ މުދާ ބޭނުންކޮށްގެން ޓެކް މީޑިޔާ ސާވިސާސްގެ ނަމުގައި އެ ކުންފުންޏަށް ނޭނގި މަކަރާއި ހީލަތުން ބިޑް ހުށަހަޅާފައިވާ ކަމަށެވެ. ނާޒިމްގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ގާނޫނުލް އުގޫބާތުގެ 131 ވަނަ މާއްދާގެ ހ.ގެ ދަށުންނެވެ.

މި ދައުވާގެ އިތުރުން ދިދަތަކުގެ މައްސަލައިގައި އެހެން ދައުވާއެއް ވެސް ޕީޖީ އޮފީހުން ނާޒިމްގެ މައްޗަށް ކުރެ އެވެ. އެ ދައުވާގައި ބުނަނީ އެޓޯލްސް މިނިސްޓްރީގެ ފަރާތުން 15،000 ދިދަ ގަންނަންވެގެން ޑިސެމްބަރު 31، 2003 ގައި އިއުލާނެއް ކުރި ކަމަށެވެ. އަދި ނާޒިމްގެ ހިއްސާ އޮންނަ ނަމީރާ އިންޖިނިއަރިން އެންޑް ޓްރޭޑިންގެ މެނޭޖިން ޑިރެކްޓަރަކަށް އޭނާ ހުރެ އެ ކުންފުނީގެ ތަކެއްޗާއި މުވައްޒަފުން ބޭނުން ކުރައްވައިގެން، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިނުވާ "ކުންފުނިތަކެއް"ގެ ނަމުގައި ލެޓާ ހެޑް ހަދައި އެ ތަންތަނުގެ ނަމުގައި އެސްޓިމޭޓް ހުށަހަޅުއްވައި އެ ޕްރޮޖެކްޓް ކާމިޔާބުކޮށްފައިވާ ކަމަށް ވެސް ދައުވާގައި ބުނެ އެވެ.

ޕީޖީ އޮފީހުގެ ދައުވާފައި ބުނެފައި ވަނީ އެ ޕްރޮޖެކްޓުގެ ޖުމްލަ އަގަށްވާ 1،425،000ރ. މަކަރާއި ހީލަތުން ނާޒިމް ހޯއްދައްވާފައިވާތީ ގާނޫނުލް އުގޫބާތުގެ 131 ވަނަ މާއްދާގެ ހ. އާއި 132 ވަނަ މާއްދާ އާއި 143 ވަނަ މާއްދާގެ ދަށުން ސަރުކާރުގެ 10،000ރ. އަށް ވުރެ މަތީ އަދަދެއްގެ ފައިސާ އިން މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް އުފުލީ ކަމަށެވެ.

ގާނޫނުލް އުގޫބާތުގެ 131 ވަނަ މާއްދާގެ ހ. ގައި ބުނެފައި ވަނީ ހިޔާނާތުގެ ކުށެއްގައި މީހެއްގެ މައްޗަށް އަދަބެއް ކަނޑައަޅާ ނަމަ އެއީ އެމީހަކު ކުށް ކުރި ފުރަތަމަ ފަހަރު ނަމަ އަދަބު ކަނޑައަޅާނީ ހަ މަސް ދުވަހުން ފެށިގެން އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުމަށް ނުވަތަ އަރުވާލުމަށް ކަމަށެވެ. އެ ގާނޫނުގައި 132 ވަނަ މާއްދާގައި ބުނެފައި ވަނީ ހިޔާނާތްވި މުދަލުގެ އަގު 10،000ރ. އަށް ވުރެ މަތިވާ ނަމަ އިތުރުވާ ނަމަ ކޮންމެ 1،000ރ. އަކަށް އެއް މަސް ދުވަސް، ޖަލަށްލާން ނުވަތަ އަރުވާލަންޖެހޭ މުއްދަތުގެ ތެރެއަށް އިތުރުވާނެ ކަމަށެވެ. ހަމަ އެ ގާނޫނުގެ 143 ވަނަ މާއްދާގައި ބުނެފައި ވަނީ ސަރުކާރުގެ މުދަލަކުން މަކަރާއި ހީލަތް ހަދައިފި މީހެއްގެ އަދަބަކީ 131 ވަނަ މާއްދާ އާއި 132 ވަނަ މާއްދާގެ ދަށުން ކަނޑައެޅޭ އުގޫބާތުގެ އިތުރަށް ދެ އަހަރާއި ފަސް އަހަރާދެމެދުގެ މުއްދަތަކަށް އަރުވާލުން ނުވަތަ ޖަލަށްލުން ކަމަށެވެ.

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ނ. ގެ ދެ ވަނަ ނަންބަރުގައި ބުނެފައި ވަނީ ޖިނާއި ކުށެއް ސާބިތުވެ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މައްޗަށް އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އަތުވެއްޖެ ނަމަ އެމީހަކު މަގާމުން ވަކިވާނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު